Roadha Mihaaru
ޓެގު އަޅުވާފައިވާ ބަޔަކު ބައިބަލާ ކުޅެން ދޫކޮށްފި

ޓެގު އަޅުވާފައިވާ ބައެއް މީހުން ބައިބަލާ ކުޅެން ދޫކޮށްފި

10 ޖުލައި 2016

ބޮޑެތި ކުށްވެރިން ކަމަށް ބަލައި ޓެގު އަޅުވާފައިވާ ބައެއް މީހުންނަށް ބައިބަލާ ކުޅުމުގެ ފުރުސަތު ދީފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ބޮޑެތި ކުށްވެރިން ކަމަށް ބަލައި ޓެގު އަޅުވާފައިވާ ބައެއް މީހުންނަށް ބައިބަލާ ކުޅުމުގެ ފުރުސަތު ދީފި އެވެ.

ފުލުހުންގެ ތަރުޖަމާނަކު މިއަދު ވިދާޅުވީ މިހާރު ކުރި އަށްދާ ބައިބަލާ މުބާރާތުގައި ބައިވެރިވާން ޓެގު އަޅުވާފައިވާ ބައެއް މީހުން އެދުމުން އެ ފުރުސަތު ވަނީ ދީފައިވާ ކަމަށެވެ. އެ މީހުން ކުޅޭއިރު ވެސް ފައިގައި ޓެގު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މީހުންގެ ހަރަކާތްތައް ބަލަން ފުލުހުން ތިބޭނެ އެ ސަރަހައްދުގައި،" ތަރުޖަމާނު ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ގާނޫނުގައި އޮންނަ މޮނިޓަރިން އެންޑް ކޮންޓްރޯލް (މޮނިކޮން) އުސޫލުގެ ދަށުން ގޭންގުތަކުގެ ބައެއް އިސް މީހުންގެ ފައިގައި ޓެގް ހަރުކޮށް، މޮނިޓަ ކުރާ މައްސަލަ ސިޔާސީ ގޮތުން ވަނީ ހޫނުވެފަ އެވެ.

ޓެގު އަޅުވާފައިވާ މީހުންގެ މާލީ އަދި މުއާސަލާތީ ހުރިހާ މުއާމަލާތްތަކެއް ފުލުހުން މޮނިޓަ ކުރެ އެވެ. އެ މީހުން ކޮންމެ ދުވަހަކު ފުލުހަށް ގޮސް ސޮއި ކުރަން ޖެހޭއިރު، ރޭގަނޑު 10:00ގެ ފަހުން ގެއިން ބޭރުގައި އުޅުން ވެސް މަނަލެވެ.

މޮނިކޮން އަމުރު ހިންގަނީ ޓެރަރިޒަމްގެ ގާނޫނުގައި ބުނާ ކުށް ކުރާ ކަމަށް ތުހުމަތު ކުރާ މީހުންގެ ތެރެއިން އެކަށީގެންވާ ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައަށް ނުރައްކަލެއް ކުރިމަތި ކޮށްފާނެ ކަމަށް ހޯމް މިނިސްޓަރަށް ފެންނަ މީހުންގެ މައްޗަށް ކަމަށް އެ ގާނޫނުގައިވެ އެވެ. ގާނޫނުގައި ބުނާ ގޮތުން މޮނިކޮން އަމުރަށް މިނިސްޓަރު އެދެން ޖެހެނީ ހައި ކޯޓުގަ އެވެ. މޮނިކޮން އަމުރަށް އެދުމާއި ހައި ކޯޓުން އަމުރު ނެރުމަށް ފަހު، އެ ތަންފީޒު ކުރުމުގެ މަރުހަލާ އާއި އަމުރު މުރާޖައާ ކުރުމުގެ ބާރު ވެސް އޮންނަނީ މިނިސްޓަރަށެވެ.

އެކަމަކު، ރައީސް އަބްދުﷲ ޔާމީން ވަނީ މޮނިކޮން އަމުރަށް އެދުމުގެ ހުރިހާ ބާރެއް ކޮމިޓީއަކަށް ދީފަ އެވެ. މޮނިކޮން އަމުރު ދިނުމާ ގުޅޭ ގޮތުން ހޯމް މިނިސްޓަރަށް ލަފާ ދޭން ހަތަރު މެމްބަރުންގެ ކޮމިޓީއެއް އުފެއްދުމުން، މޮނިކޮން އަމުރާ ގުޅޭ ހުރިހާ ކަމެއް މިނިސްޓަރު ކުރައްވަން ޖެހެނީ އެ ކޮމިޓީގެ ލަފާގެ މަތިންނެވެ.

މި ބަދަލުތަކާ ގުޅިގެން ހޯމް މިނިސްޓަރުކަމުން އުމަރު ނަސީރު ވަނީ އިސްތިއުފާ ވެސް ދެއްވައިފަ އެވެ.