Roadha Mihaaru
ސީލައިފް ކަޓައިފި، މޯލްޑިވިއަން ފައިނަލަށް

ސީލައިފް ކަޓައިފި، މޯލްޑިވިއަން ފައިނަލަށް

14 ޑިސެމްބަރ 2017

ސީލައިފް ގްލޯބަލް ގައުމީ ވޮލީބޯޅަ މުބާރާތުން ސީލައިފް ސްޕޯޓްސް ކްލަބް ކެޓިއިރު، ގައުމީ ލީގުގެ ޗެމްޕިއަން މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަނުން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ސީލައިފް ގްލޯބަލް ގައުމީ ވޮލީބޯޅަ މުބާރާތުން ސީލައިފް ސްޕޯޓްސް ކްލަބް ކެޓިއިރު، ގައުމީ ލީގުގެ ޗެމްޕިއަން މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަނުން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

ތިން ތައްޓަށް އަމާޒުކޮށްގެން ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންނާ އެކު ވަރުގަދަ ސްކޮޑެއް ގޮވައިގެން ނުކުތް ސީލައިފަށް މިއީ ބޮޑު ނާކާމިޔާބީ އެކެވެ. އެ ޓީމުގައި ގައުމީ ޓީމުގެ އިޝާން އިބްރާހިމް (ބަޓިސް)، ހަސަން ނިލާމް (ޕާޓޭ)، އަލީ ހުޒާމް (ހުޒާންޓެ) އަދި މުހައްމަދު ޝާއިން (ޝާއިންޓެ) އަދި އަހުމަދު އަހުސަންގެ އިތުރުން ޖަވާމް އަލީ ހިމެނެ އެވެ.

އެސޯސިއޭޝަން ކަޕް ފައިނަލަށް އެއްވެސް މެޗަކުން ބަލިނުވެ ދިޔަ ނަމަވެސް އެ ޓީމު ވަނީ ފައިނަލުގައި މޯލްޑިވިއަން އަތުން ބަލިވެފަ އެވެ. އޭގެ ފަހުން ކުރިމަތިވި ދެ މުބާރާތުގައި ވެސް ސީލައިފަށްވީ ބޮޑު ނާކާމިޔާބީ އަކަށެވެ.

ބަދަލުތަކަކާ އެކު ކުރީގެ ކުޅުންތެރިއާ އިބްރާހިމް ނިޒާރު (ބޮޑޭ) ޓީމުގައި ހިމަނައިގެން ގައުމީ ލީގަށް ނުކުތް ނަމަވެސް އެ ޓީމުގެ ނަތީޖާތައް ދިޔައީ ތިބި ކުޅުންތެރިންނާ ބަލައި ވަރަށް ދަށް ކޮށެވެ. ގައުމީ ލީގުގެ ތިން ވަނަ އަށް އެ ޓީމު ދިޔައިރު، އިއްޔެ ޕޮލިސް ކްލަބް އަތުން ބަލިވެ ވަނީ ގައުމީ މުބާރާތުގެ ފައިނަލުގެ ޖާގައެއް ވެސް ނުލިބި ކަޓައިފަ އެވެ.

އިއްޔެ ހަވީރު ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުުގައި ކުޅުނު ފުރަތަމަ ސެމީގެ މެޗުން ސީލައިފް ކެޓީ ޕޮލިސް ކްލަބާ ވާދަކޮށެވެ. މި މެޗު ޕޮލިހުން ކާމިޔާބުކުރީ 3-2 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ޕޮލިހުން ގެންދިޔައީ 18-25 އިންނެވެ. ދެ ވަނަ ސެޓު ސީލައިފުން 25-16 އިން ގެންގޮސްފައި އޮއްވައި، އަނެއްކާ ޕޮލިހުން ކުރިއަށް ޖެހިލީ 24-26 އިން ތިން ވަނަ ސެޓު ގެންގޮސްގެންނެވެ. އެހެން ނަމަވެސް އާ ހިތްވަރަކާ އެކު ނިކުމެ ސީލައިފުން ވަނީ ހަތަރު ވަނަ ސެޓު 25-22 އިން ގެންގޮސް މެޗުގެ އުއްމީދުއާ ކޮށްފަ އެވެ. އެކަމު ފަހު ސެޓުގައި ސީލައިފް ކުޅުންތެރިންނަށް ހެދުނު ގޯސްތަކެއްގެ ފައިދާ ނަގައި ޕޮލިހުން މެޗު ކާމިޔާބުކުރީ ފަހު ސެޓު 20-22 އިން ގެންގޮސްގެންނެވެ.

އިއްޔެގެ މެޗުގެ ތެރެއިން ސީލައިފްގެ ބަޓިސް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިއްޔެގެ މެޗުގެ ތެރެއިން ސީލައިފްގެ ބަޓިސް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި މެޗު ޕޮލިހުންނަށް ކާމިޔާބު ކޮށްދިނުމުގައި އެ ޓީމަށް ކުޅޭ ތަޖުރިބާކާރު ކުޅުންތެރިއާ އަޝްފާގު އާދަމް (އައްކަޅޭ) އާއި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އަލީ މައުރޫފް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި އެ ޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިއާ ޖަގްދަތަރު ސިންހް ވެސް ރަނގަޅަށް ކުޅުނެވެ.

ފައިނަލުގެ ފުރަތަމަ ޖާގަ މޯލްޑިވިއަން އިން ހޯދީ ތިން ދުވަސް ތެރޭ ދެ ވަނަ ފަހަރަށް ސިފައިން ބަލިކުރުމަށް ފަހު އެވެ. ގައުމީ ލީގުގެ ފަހު މެޗުގައި ސިފައިން އަތުން މޯލްޑިވިއަން މޮޅުވީ 3-1 ސެޓުންނެވެ. އެހެން ނަމަވެސް ރޭގެ މެޗުން މޯލްޑިވިއަން މޮޅުވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 26-24، 26-24، 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މޯލްޑިވިއަން އަށް ކުޅޭ ޕާކިސްތާން ގައުމީ ޓީމުގެ ކުޅުންތެރިއާ އައިމަލް ހާން އެވެ.

އަންނަ ހޮނިހިރު ދުވަހުގެރޭ މޯލްޑިވިއަންއާ ދެކޮޅަށް ފައިނަލްގައި ކުޅޭނެ ޓީމެއް ކަނޑައެޅޭނީ މިރޭ ޕޮލިހާއި ސިފައިން ކުޅޭ ސެމީ މެޗުންނެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ޖާގަ ލިބޭނެ އެވެ.

މިއަދު ހަވީރު ކުޅޭނީ އަންހެން ދެ ވަނަ ސެމީ ފައިނަލް މެޗެވެ. މި މެޗުގައި ބައްދަލުކުރާނީ ފުރަތަމަ ސެމީން ބަލިވި ޕޮލިހާއި މޯލްޑިވިއަން އެވެ. މި މެޗުން މޮޅުވާ ޓީމެއް ހޮނިހިރު ދުވަހު ހަވީރު ފައިނަލުގައި ކުޅޭނީ ގައުމީ ލީގުގެ ޗެމްޕިއަންކަން ހޯދި މިސްކިތްމަގު އެންމެންގެ ގުޅުމާ އެވެ.