Roadha Mihaaru

ކާވާ ޗެމްޕިއަންސް ލީގު: ތިން ބައްޔާ އެކު ސިފައިންނާއި އެޗްޑީސީ އަށް ވެސް ނާކާމިޔާބު

މާލޭގައި މިހާރު ކުރިއަށް ގެންދާ ކާވާ މެންސް ޗެމްޕިއަންސް ލީގުގައި ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އާއި ކްލަބް އެޗްޑީސީ ކުޅުނު ފުރަތަަ ތިން މެޗުން ވެސް ބަލިވެއްޖެ އެވެ.

ތިން ބައްޔާ އެކު ސިފައިންނާއި އެޗްޑީސީއަށް ނާކާމިޔާބު

މާލޭގައި މިހާރު ކުރިއަށް ގެންދާ ކާވާ މެންސް ޗެމްޕިއަންސް ލީގުގައި ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އާއި ކްލަބް އެޗްޑީސީ ކުޅުނު ފުރަތަަ ތިން މެޗުން ވެސް ބަލިވެއްޖެ އެވެ.

މި މުބާރާތުގައި ރާއްޖޭގެ ދެ ކުލަބުގެ އިތުރުން ހަތަރު ޓީމެއް ވާދަކުރެ އެވެ. އެއީ ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބާއި ލަންކާގެ ޕޯޓްސް އޮތޯރިޓީގެ އިތުރުން ކިރިގިސްތާނުގެ ބިޝްކެކުގެ އަދި ކަޒަކިސްތާނުގެ ޒައިކްއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެށި މި މުބާރާތުގައި އެ ދުވަހުގެ ހަވީރު އެޗްޑީސީ ވަނީ ބިޝްކެކް އާ ވާދަކޮށް ސީދާ ތިން ސެޓުން ބަލިވެފަ އެވެ. ވާދަވެރި ކުޅުމަކަށް ފަހު މެޗުގެ ސެޓުތައް ބިޝްކެކުން ކާމިޔާބުކުރީ 27-25، 26-24 އަދި 25-20 އިންނެވެ. ހުކުރު ދުވަހުގެ ރޭ 3-1 ސެޓުން ހެލްޕް ނޭޕާލް އަތުން ބަލިވި އިރު، ސެޓްތައް ނިމުނީ 19-25، 23-25، 25-19 އަދި 22-25 އިންނެވެ. އަދި އިއްޔެ ހަވީރު ޒައިކް ވަނީ ސީދާ ތިން ސެޓުން، 25-11، 25-22 އަދި 25-13 އިން އެޗްޑީސީ ބަލިކޮށްފަ އެވެ.

ރާއްޖޭގެ މި އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ކުޅުނު ފުރަތަމަ މެޗުގައި ހެލްޕް ނޭޕާލް އަތުން ބަލިވީ 3-2 ސެޓުންނެވެ. މެޗުގެ ސެޓްތައް ހެލްޕް ނޭޕާލް ގެންދިޔައީ 33-31، 25-20، 22-25، 20-25 އަދި 15-8 އިންނެވެ. ހުކުރު ދުވަހު ސިފައިންނާ ވާދަކޮށް ޒައިކް ސީދާ ތިން ސެޓުން 25-17، 25-22 އަދި 25-15 އިން މެޗު ކާމިޔާބު ކުރި އިރު، ލަންކާގެ ޕޯޓްސް އޮތޯރިޓީ ވަނީ އިއްޔެ 3-1 އިން ސިފައިން ބަލިކޮށް ފުރަތަމަ މޮޅު ހޯދައިފަ އެވެ. އެ ޓީމުން ސެޓްތައް ގެންދިޔައީ 25-20، 25-23، 20-25 އަދި 25-23 އިންނެވެ.

ރައުންޑް ރޮބިން ބުރެއް ކުޅުމަށް ފަހު، ޗެމްޕިއަން ހޮވާނީ އެއްވަނަ އަދި ދެވަނަ ޓީމުގެ މެޗުގައި އަންނަ ބުދަ ދުވަހުގެ ރޭ ކުޅޭ މެޗުންނެވެ. ޓީމުތައް ރޭންކް ކުރުމުގެ ގޮތުން، ދެވަނަ އާއި ތިންވަނަ ޓީމުގެ މެދުގައި އަދި ފަސްވަނަ އާއި ހަވަނަ ޓީމުގެ މެދުގައި ވެސް ބުދަ ދުވަހު މެޗެއް ކުޅޭނެ އެވެ.

ޒައިކް އާއި ބިޝްކެކް ވެސް މިހާތަނަށް ކުޅުނު ތިން މެޗުން މޮޅުވެފައި ވާއިރު، ހެލްޕް ނޭޕާލް ވަނީ ދެ މެޗު ކާމިޔާބު ކޮށްފަ އެވެ.

ކޮންމެ ޓީމަކަށް ވެސް މި ބުރުގައި ބާކީ އޮތީ ދެ މެޗެވެ. ހޯމަ ދުވަހު ސިފައިން، ބިޝްކެކާ ދެކޮޅަށް ނުކުންނަ އިރު، އެ ރޭ އެޗްޑީސީ ނުކުންނާނީ ލަންކާގެ ޕޯޓްސް އޮތޯރިޓީއާ ދެކޮޅަށެވެ. އަދި އަންގާރަ ދުވަހުގެ ހަވީރު ސިފައިންނާއި އެޗްޑީސީ ބައްދަލުކުރާނެ އެވެ.

މިއީ ކާވާ ކްލަބް ޗެމްޕިންޝިޕުގެ ދެވަނަ ސީރީޒްއެވެ. މިދިޔަ އަހަރު މިމުބާރާތް ނޭޕާލުގައި ބޭއްވިއިރު، ކާވާ މެންސް ޗެމްޕިއަންސް ލީގުގެ ނަމުގައި މިމުބާރާތް ބާއްވާ މިއީ ފުރަތަމަ އަހަރެވެ.

އެޗްޑީސީ ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ރައުންޑް ރޮބިން ބުރުގެ މެޗެއް ކާމިޔާބުކޮށް، ސެމީ ފައިނަލް ކުޅެފަ އެވެ. ނަމަވެސް ސެމީގައި ބަލިވީ އީރާންގެ ޗަދޯރުމަލޫ އަތުންނެވެ. ޗެމްޕިއަންކަން ހޯދާފައި ވަނީ ފައިނަލްގައި ހެލްޕް ނޭޕާލް ބަލިކުރި އިންޑިއާގެ ކަލިކަޓް ހީރޯސް އެވެ.