Roadha Mihaaru
އާބަންކޯ އާއި ސިފައިން ސެމީއަށް، ޕޮލިސް އުންމީދުގައި

އާބަންކޯ އާއި ސިފައިން ސެމީއަށް، ޕޮލިސް އުންމީދުގައި

08 މެއި 2023

"އިންޓަ އޮފީސް/ ކޮމްޕެނީ ޗެމްޕިއަންޝިޕް" ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ އާބަންކޯ އާއި މޯލްޑިވްސް ނޭޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް/ ސިފައިން) ސެމީ ފައިނަލްގެ ޖާގައެއް ޔަގީން ކުރިއިރު، މޯލްޑިވްސް ޕޮލިސް ސާވިސް (އެމްޕީއެސް/ ޕޮލިސް) ވެސް ކުޅުނު ދެވަނަ މެޗު ކާމިޔާބު ކޮށްގެން ސެމީގެ އުންމީދު ދަމަހައްޓައިފަ އެވެ.

"އިންޓަ އޮފީސް/ ކޮމްޕެނީ ޗެމްޕިއަންޝިޕް" ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ އާބަންކޯ އާއި މޯލްޑިވްސް ނޭޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް/ ސިފައިން) ސެމީ ފައިނަލްގެ ޖާގައެއް ޔަގީން ކުރިއިރު، މޯލްޑިވްސް ޕޮލިސް ސާވިސް (އެމްޕީއެސް/ ޕޮލިސް) ވެސް ކުޅުނު ދެވަނަ މެޗު ކާމިޔާބު ކޮށްގެން ސެމީގެ އުންމީދު ދަމަހައްޓައިފަ އެވެ.

ފަސް ޓީމު ވާދަކުރާ ގުރޫޕް އޭގައި ހިމެނޭ އާބަންކޯ ވަނީ އެޓީމު މިހާތަނަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. އަދި ޕޮލިސް ވެސް ވަނީ އެޓީމު މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ. އާބަންކޯ އަށް ބާކީ އެއް މެޗު ކުޅެން އޮތްއިރު ޕޮލިހަށް ދެ މެޗު އެބަ އޮތެވެ. ތިންވަނައިގައި އޮތް ސްޓެލްކޯ ވަނީ ހަތަރު މެޗުން ދެ މެޗު ކާމިޔާބު ކޮށްފަ އެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މިހާތަނަށް ކުޅުނު ތިން މެޗުން އެންމެ މެޗެއް ކާމިޔާބު ކުރެވިފައި ވާއިރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ވަނީ ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފަ އެވެ.

ގުރޫޕް ބީގައި ހަތަރު ޓީމު ވާދަ ކުރެއެވެ. ސިފައިން ވަނީ ގުރޫޕް ސްޓޭޖުގެ ތިން މެޗު ވެސް ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ޔަގީން ކޮށްފަ އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޓީމު ކުޅުނު ތިން މެޗުން ވެސް ބަލިވެފައި ވާއިރު ވޭސްޓު މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ވަނީ މިހާތަނަށް ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބު ކޮށްފަ އެވެ.

ޕޮލިސް ޓީމުން ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފައި. ސެމީގެ ޖާގަ ޔަގީން ކުރަން މިއަދުގެ މެޗު ކާމިޔާބު ކުރުން މުހިއްމު.-- ފޮޓޯ: ވީއޭއެމް

ޕޮލިސް ޓީމުން ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފައި. ސެމީގެ ޖާގަ ޔަގީން ކުރަން މިއަދުގެ މެޗު ކާމިޔާބު ކުރުން މުހިއްމު.-- ފޮޓޯ: ވީއޭއެމް

ހުޅުމާލޭ އާބަންކޯ ވޮލީ ކޯޓުގައި ކުރިއަށްދާ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗު ގުރޫޕް އޭގެ ޕޮލިސް ޓީމުން ވަނީ ފަސޭހަ ކަމާއެކު އެމްއޭސީއެލް ބަލިކޮށްފަ އެވެ. މެޗުގެ ސެޓްތައް ޕޮލިސް ގެންދިޔައީ 25-15، 25-18 އަދި 25-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ޓީމަށް ކުޅޭ އިންޑިއާގެ އައުޓްސައިޑް ހިޓަރު ހިމާންޝޫ ތިޔާގީ އެވެ.

ގުރޫޕް ސްޓޭޖުގެ ދެ މެޗު ރޭ ކުޅެވުނުއިރު، ފުރަތަމަ ބައްދަލުކުރީ ގުރޫޕް ބީގެ ސިފައިންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އެވެ. ސިފަން ވެސް މެޗު ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ސިފައިން ގެންދިޔައީ 25-16، 25-19 އަދި 25-23 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ގައުމީ ބޯޗް ވޮލީ ޓީމުގެ ކުޅުންތެރިޔާ އާދަމް ނަސީމް (އެޑަމް) އެވެ.

ފަހު މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގެ އާބަންކޯ އާއި ސްޓެލްކޯ އެވެ. އާބަންކޯ މި މެޗް ކާމިޔާބު ކުރީ ފަހަތުން އަރައި 3-1 ސެޓުންނެވެ. ސްޓެލްކޯ އިން ވަނީ 25-18 އިން ފުރަތަމަ ސެޓް ކާމިޔާބު ކޮށްފަ އެވެ. މިއީ މި މުބާރާތުގައި ވަރުގަދަކޮށް ފެންނަ އާބަންކޯ އަތުން ގެއްލުނު ފުރަތަމަ ސެޓެވެ.

ފުރަތަމަ ސެޓް ގެއްލުނު ނަމަވެސް އާބަންކޯ ވަނީ ދެން ކުޅުން ތިން ސެޓް 25-16، 25-20 އަދި 25-13 އިން ގެންގޮސް މެޗު ކާމިޔާބު ކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާބަންކޯ ޓީމަށް ކުޅޭ ސްރީ ލަންކާ ގައުމީ ޓީމުގެ ކުޅުންތެރިޔާ ލަސިންދޫ މެތުމަލް ވަސަންތަޕްރިޔާ ގޮނާރާ ގާމަގޭ އެވެ.

ގުރޫޕް ސްޓޭޖުގެ ދެ މެޗު މިއަދު ކުޅުމަށް ހަމަޖެހިފައި ވާއިރު ހަވީރު 4:30 ގައި ބައްދަލުކުރާނި ގުރޫޕް ބީގެ ވެމްކޯ އާއި އެފްއެސްއެމް އެވެ. އަދި ރޭގަނޑު 8:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގުރޫޕް އޭގެ ޕޮލިހާއި އެމްޕީއެލް އެވެ. މި ދެ މެޗަކީ ވެސް ސެމީ ފައިނަލްގެ ޖާގައަކަށް މިއިން ކޮންމެ ޓީމަކަށް ވެސް މޮޅުވުން މަޖުބޫރު މެޗެކެވެ.