Roadha Mihaaru
އާބަންކޯއާއި ސްޓެލްކޯ އޮފީސް މުބާރާތް މޮޅަކުން ފަށައިފި

އޮފީސް ވޮލީބޯޅަ މުބާރާތް އާބަންކޯ އާއި ސްޓެލްކޯގެ މޮޅަކުން ފަށައިފި

02 މެއި 2023

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު އިއްޔެ ހުޅުމާލޭ އާބަންކޯ ވޮލީކޯޓުގައި ފެށި "އިންޓަ އޮފީސް/ ކޮމްޕެނީ ޗެމްޕިއަންޝިޕް" ވޮލީބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ސްޓެލްކޯ އާއި އާބަންކޯ ކާމިޔާބު ކޮށްފި އެވެ.

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު އިއްޔެ ހުޅުމާލޭ އާބަންކޯ ވޮލީކޯޓުގައި ފެށި "އިންޓަ އޮފީސް/ ކޮމްޕެނީ ޗެމްޕިއަންޝިޕް" ވޮލީބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ސްޓެލްކޯ އާއި އާބަންކޯ ކާމިޔާބު ކޮށްފި އެވެ.

މި އަހަރުގެ މުބާރާތުގައި ނުވަ ޓީމެއް ބައިވެރިވި އެވެ. މި ނުވަ ޓީމު ވަނީ ދެ ޕޫލަކަށް (ގުރޫޕަކަށް) ބަހާލައިފަ އެވެ. ގުރޫޕް އޭގައި ހިމެނެނީ ސްޓެލްކޯ އާއި އާބަންކޯގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި މޯލްޑިވްސް ޕޮލިސް ސާވިސް (އެމްޕީއެސް) އެވެ. ގުރޫޕް ބީގައި ހިމެނެނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއި މޯލްޑިވްސް ނޭޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަދި ވޭސްޓު މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އެވެ.

އިއްޔެ ހަވީރު ކުޅުނު މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އެމްއޭސީއެލް އާއި ސްޓެލްކޯ އެވެ. ވާދަވެރި ކުޅުމަކަށް ފަހު މި މެޗު ސްޓެލްކޯ ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ސްޓެލްކޯ ގެންދިޔައީ 33-31، 25-19 އަދި 27-25 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޓެލްކޯގެ ބިދޭސީ ކުޅުންތެރިޔާ، އިންޑިއާގެ ގަގަންދީޕް ސިންގް އެވެ.

އާބަންކޯ މޮޅުވީ ރޭ އެމްޕީއެލް އާ ދެކޮޅަށް ކުޅުނު މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ ސެޓްތައް އާބަންކޯ ގެންދިޔައީ 25-20، 25-10 އަދި 25-18 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާބަންކޯއަށް ކުޅޭ، ރާއްޖޭގެ ގައުމީ ބީޗްވޮލީބޯޅަ ޓީމުގައި ހިމެނޭ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.

ޔޫތު މިނިސްޓްރީގެ "އަރުތަ" ޕްރޮގްރާމްގެ ދަށުން ބީޗްވޮލީބޯޅަ އަށް ކުޑަކާއްޓޭ އާއި އާދަމް ނަސީމް (އެޑަމް) ހާއްސަ ކޮށްފައިވީ ނަމަވެސް ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން ނިންމާފައި ވަނީ، އޮފީހުން ގައުމީ ޓީމަށް އެ ކުޅުންތެރިންނަށް ރިލީސް ދިނުމާއި މި ކަންކަމަށް ބަލައި އުސޫލެއްގެ ތެެރެއިން އޮފީހަށް އެއް މުބާރާތް ކުޅެން ފުރުސަތު ދޭށެވެ. އެޑަމް ކުޅޭނީ އޭނާ ވަޒީފާ އަދާކުރަމުން އަންނަ އެމްއެންޑީއެފްގެ ޓީމަށެވެ.

ގުރޫޕް ސްޓޭޖުގެ މެޗުތައް މި މަހުގެ އަށަކާ ހަމައަށް ކުރިއަށް ދާނެ އެވެ. އަދި މެއި 10 އަދި 11 ވަނަ ދުވަހު ސެމީ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މެއި 13 ވަނަ ދުވަހުގެ ރެ އެވެ.

މުބާރާތުގެ ކޮންމެ ގުރޫޕަކުން ވެސް އެއްވަނަ އަދި ދެވަނައަށްދާ ޓީމުތައް ސެމީ ފައިނަލަށް ހޮވޭނެ އެވެ. ސެމީ ފައިނަލް ކުރިއަށް ދާނި ޕޭޖް ޕްލޭއޮފް ސިސްޓަމަށެވެ. ފުރަތަމަ ސެމީގައި ގުރޫޕް އޭ އަދި ގުރޫޕް ބީގެ އެއްވަނަ ޓީމު ބައްދަލުކޮށް މޮޅުވާ ޓީމެއް ފައިނަލަށް ހޮވޭނެ އެވެ. ދެވަނަ ސެމީގައި ބައްދަލު ކުރާނީ ދެ ގުރޫޕުގެ ވެސް ދެވަނަ ޓީމެވެ. ފައިނަލްގެ ދެވަނަ ޖާގަ ހޯދަން ޖެހޭނީ ދެވަނަ ސެމީ އިން މޮޅުވާ ޓީމާއި ފުރަތަމަ ސެމީ އިން ބަލިވި ޓީމާ ދެކޮޅަށް އިތުރު ސެމީފައިނަލް މެޗެއް ކުޅޭށެވެ.

މުބާރާތުގައި ގުރޫޕް އޭ އަދި ގުރޫޕް ބީގެ މެޗެއް ވެސް މިއަދު ކުޅުމަށް ހަމަޖެހިފައި ވެއެވެ. ހަވީރު 4:30 ގައި ގުރޫޕް ބީގެ އެފްއެސްއެމް ނުކުންނާނީ އެމްއެންޑީއެފް އާ ދެކޮޅަށެވެ. އަދި މިރޭ 8:30 ގައި ކުޅޭ ގުރޫޕް އޭގެ މެޗުގައި ސްޓެލްކޯ ނުކުންނާނީ މޯލްޑިވްސް ޕޮލިސް ސާވިސްއާ ދެކޮޅަށެވެ.

މުބާރާތުގެ މެޗްތައް ވޮލީބޯޅަ އެސޯސިއޭޝަންގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެ އެވެ.