Roadha Mihaaru
ހުރިހާ މެޗަކުން މޮޅުވެ އާބަންކޯ ޗެމްޕިއަންކަން ހޯދައިފި

ހުރިހާ މެޗަކުން މޮޅުވެ، އާބަންކޯ ޗެމްޕިއަންކަން ހޯދައިފި

21 މެއި 2023

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ބޭއްވި މި އަހަރުގެ "އިންޓަ އޮފީސް/ ކޮމްޕެނީ ޗެމްޕިއަންޝިޕް" ވޮލީބޯޅަ މުބާރާތުގައި ވެމްކޯ ބަލިކޮށް، އާބާންކޯ ރޭ ޗެމްޕިއަންކަން ހޯދައިފި އެވެ.

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ބޭއްވި މި އަހަރުގެ "އިންޓަ އޮފީސް/ ކޮމްޕެނީ ޗެމްޕިއަންޝިޕް" ވޮލީބޯޅަ މުބާރާތުގައި ވެމްކޯ ބަލިކޮށް، އާބާންކޯ ރޭ ޗެމްޕިއަންކަން ހޯދައިފި އެވެ.

މުބާރާތުގެ ހުރިހާ މެޗެއް ވެސް ކާމިޔާބު ކުރި އާބަންކޯ ފައިނަލް މެޗުގައި ވެމްކޯގެ މައްޗަށް ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ގެންދިޔައީ 25-21، 25-21 އަދި 25-16 އިންނެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުޅުނު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ހުޅުމާލެ ބަލަހައްޓާ ކުންފުނި، އާބަންކޯ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، އިޝާން މުހައްމަދު (ބަޓިސް) އެވެ.

އޭނާ ވަނީ މުބާރާތުގެ ޑްރީމް ޓީމުން ވެސް ޖާގަ ހޯދައިފަ އެވެ. ޑްރީމް ޓީމުގައި ދެން ހިމެނެނީ އާބަންކޯގެ އާދަމް ފައިރޫޒާއި ވެމްކޯގެ އަލީ ހުޒާމް (ހުޒާންޓޭ) އާއި ހުސެއިން ޔޫސުފްގެ އިތުރުން ސިފައިންގެ ޓީމުގެ އާދަމް ނަސީމް (އެޑަމް) އަދި ހުސެއިން ރައްޒާނެވެ.

މުބާރާތުގެ އެންމެ މޮޅު ލިބަރޯ އަކަށް އާބަންކޯގެ އަހުމަދު މުޒުލިފް ހޮވުނުއިރު އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ އެ ޓީމަށް ކުޅުނު ސްރީ ލަންކާގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ލަސިންދޫ މެތުމަލް ވަސަންތަޕްރިޔާ ގޮނާރާ ގާމަގޭ އެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އާބަންކޯގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. އެންމެ މޮޅު ކުޅުންތެރިއަކީ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.

ޖުމުލަ ނުވަ ޓީމެއް ވާދަކުރި މުބާރާތް ބޭއްވީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އާބަންކޯ ވަނީ ފަސް ޓީމު ވާދަކުރި ގުރޫޕް އޭގެ ހުރިހާ މެޗެއް ކާމިޔާބު ކޮށްފަ އެވެ. ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި، ގުރޫޕް ބީގެ ހުރިހާ މެޗެއް ކާމިޔާބު ކުރި ސިފައިން ބަލިކޮށްގެންނެވެ.

ނިޒާރު އިބްރާހިމް (ބޮޑޭ)ގެ ކޯޗު ކަމުގައި ކުޅުނު ވެމްކޯ ވަނީ ހަތަރު ޓީމު ވާދަކުރި ގުރޫޕް ބީގައި ސިފައިން އަތުން ބަލިވެފަ އެވެ. ނަމަވެސް ފައިނަލަށް ދިޔައީ ސެމީގެ މެޗުތަކުގައި ޕޮލިހާއި ސިފައިން ވެސް ބަލިކޮށްފަ އެވެ.