Roadha Mihaaru
ވިއްސާރައިގެ ސަބަބުން އޮފީސް ވޮލީ މުބާރާތް އިންޑޯއަށް

ވިއްސާރައިގެ ސަބަބުން އޮފީސް ވޮލީބޯޅަ މުބާރާތް އިންޑޯއަށް

14 މެއި 2023

"އިންޓަ އޮފީސް/ ކޮމްޕެނީ ޗެމްޕިއަންޝިޕް" ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުތަކާއި ފައިނަލް މެޗު، މާލޭގެ ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުޅޭ ގޮތަށް ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން ނިންމައިފި އެވެ. އެގޮތަށް ނިންމީ ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައާ ހެދި އެވެ.

"އިންޓަ އޮފީސް/ ކޮމްޕެނީ ޗެމްޕިއަންޝިޕް" ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުތަކާއި ފައިނަލް މެޗު، މާލޭގެ ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުޅޭ ގޮތަށް ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން ނިންމައިފި އެވެ. އެގޮތަށް ނިންމީ ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައާ ހެދި އެވެ.

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު، މި އަހަރުގެ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ބޭއްވީ ވަނީ ހުޅުމާލޭ އާބަންކޯ ވޮލީ ކޯޓުގަ އެވެ. އެކަމަކު، އައުޓްޑޯ ވޮލީ ކޯޓުގައި ބޭއްވި ގުރޫޕް ސްޓޭޖުގެ ދެ މެޗެއް މޫސުން ގޯސްވެގެން ފަސްކުރަން ޖެހުނެވެ.

ކުރިން ތާވަލް ކުރީ މި މަހުގެ 11،12 ވަނަ ދުވަހު ސެމީ ފައިނަލްގެ މެޗުތައް ކުޅުމަށް ފަހު ފައިނަލް މެޗު 14 ވަނަ ދުވަހު ކުޅޭށެވެ. ނަމަވެސް އިންޑޯ ކޯޓުގައި އެ މެޗުތައް ކުޅެން ހަމަޖައްސައި، ވީއޭއެމުން ނިންމާފައި ވަނީ ސެމީ ފައިނަލްގެ މެޗުތައް މެއި 17 އަދި 18 ވަނަ ދުވަހު ކުޅުމަށް ފަހު، 20 ވަނަ ދުވަހުގެ ރޭ ފައިނަލް މެޗު ކުޅޭށެވެ.

ޖުމްލަ ނުވަ ޓީމެއް ބައިވެރިވި މުބާރާތް ބޭއްވީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ފަސް ޓީމު ހިމެނުނު ގުރޫޕް އޭގެ އެއްވަނަ ހޯދީ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކުރި އާބަންކޯ އެވެ. ދެވަނަ ހޯދީ ތިން މެޗު ކާމިޔާބު ކުރި މޯލްޑިވްސް ޕޮލިސް ސާވިސް (އެމްޕީއެސް/ ޕޮލިސް) ޓީމެވެ. ގުރޫޕް ބީގެ އެއްވަނަ ހޯދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް/ ސިފައިން) ގެ ޓީމު ވަނީ ގުރޫޕް ސްޓޭޖުގެ ތިން މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ދެ މެޗު ކާމިޔާބު ކޮށްގެން ގުރޫޕް ބީގެ ދެވަނަ ހޯދީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އެވެ.

އަންނަ ބުދަ ދުވަހުގެ ހަވީރު 4:30 ގައި ކުޅޭ ސެމީ ފައިނަލް މެޗުގައި ބައްދަލުކުރާނީ ގުރޫޕް ސްޓޭޖުގައި ދެވަނަ ހޯދި ޕޮލިހާއި ވެމްކޯ އެވެ. އެ ރޭ 8:30 ގައި ކުޅޭ މެޗުގައި ކުޅޭނީ މި މުބާރާތުގައި އަދި މެޗަކުން ބަލި ނުވެ އޮތް އާބަންކޯ އާއި ސިފައިންނެވެ.

އާބަންކޯ އާއި ސިފައިން ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ބަލިވާ ޓީމެއް ޖެހޭނީ ޕޮލިހާއި ވެމްކޯ ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށް އަންނަ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި އިތުރު ސެމީ ފައިނަލް މެޗެއް ކުޅޭށެވެ. ފައިނަލްގެ ފަހު ޖާގަ ލިބޭނީ އެ މެޗު ކާމިޔާބު ކުރާ ޓީމަކަށެވެ.