Roadha Mihaaru
ސިފައިންނާއި ޕޮލިސް ވެސް އޮފީސް މުބާރާތް ފެށީ މޮޅަކުން

ސިފައިންނާއި ޕޮލިސް ވެސް އޮފީސް މުބާރާތް ފެށީ މޮޅަކުން

03 މެއި 2023

މޯލްޑިވްސް ނޭޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި މޯލްޑިވްސް ޕޮލިސް ސާވިސް (އެމްޕީއެސް) ވެސް "އިންޓަ އޮފީސް/ ކޮމްޕެނީ ޗެމްޕިއަންޝިޕް" ވޮލީބޯޅަ މުބާރާތް މޮޅަކުން ފަށައިފި އެވެ.

މޯލްޑިވްސް ނޭޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި މޯލްޑިވްސް ޕޮލިސް ސާވިސް (އެމްޕީއެސް) ވެސް "އިންޓަ އޮފީސް/ ކޮމްޕެނީ ޗެމްޕިއަންޝިޕް" ވޮލީބޯޅަ މުބާރާތް މޮޅަކުން ފަށައިފި އެވެ.

ހުޅުމާލޭ އާބަންކޯ ވޮލީކޯޓުގައި އިއްޔެ ހަވީރު އޮތް، މުބާރާތުގެ ގުރޫޕް ބީގެ ފުރަތަމަ މެޗު ސިފައިން ކާމިޔާބުކުރީ ސީދާ ތިން ސެޓުން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ބަލިކޮށްފަ އެވެ.

މެޗުގެ ސެޓްތައް ސިފައިން ގެންދިޔައީ 25-20، 25-20 އަދި 25-18 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފަންގެ ޓީމަށް ކުޅޭ ގައުމީ ވޮލީބޯޅަ ޓީމުގެ ސެޓަރު ހުސެއިން ޝާހިދު (ޝާޑު) އެވެ.

ގުރޫޕް އޭ ގައި ހިމެނޭ ޕޮލިސް ޓީމުން އެޓީމުގެ ފުރަތަމަ މެޗު ކާމިޔާބު ކުރީ ރޭ 3-1 ސެޓުން ސްޓެލްކޯ ބަލިކޮށްފަ އެވެ.

ސްޓެލްކޯ ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށް ފަހު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ބަލިކޮށްފަ އެވެ. ނަމަވެސް ޕޮލިހުގެ މައްޗަށް އެޓީމަށް ކުރި ހޯދޭގޮތެއް ނުވި އެވެ.

ޕޮލިސް ޓީމުން މި މެޗުގެ ފުރަތަމަ ދެ ސެޓް ގެންދިޔައީ 25-17 އަދި 25-18 އިންނެވެ. ހިތްވަރު ކޮށްގެން ސްޓެލްކޯ ވަނީ 26-24 އިން ތިންވަނަ ސެޓް ކާމިޔާބު ކުރި ނަމަވެސް ޕޮލިހުން ވަނީ 25-16 އިން ހަތަރުވަނަ ސެޓް ކާމިޔާބުކޮށް މެޗުން މޮޅުވެފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކީ ޕޮލިސް ޓީމަށް ކުޅޭ އިންޑިއާގެ އައުޓްސައިޑް ހިޓަރު ހިމާންޝޫ ތިޔާގީ އެވެ.

މިއަދު ވެސް މުބާރާޓުގައި ދެ މެޗެއް ކުޅޭނެ އެވެ. ހަވީރު 4:30 ގައި ކުޅޭ މެޗުގައި ގުރޫޕް އޭގެ އެމްއޭސީއެލް އާއި އާބަންކޯ ބައްދަލުކުރާއިރު، ރޭގަނޑު 9:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ވޭސްޓު މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޓީމެވެ.