Roadha Mihaaru
އެޑިއުކޭޝަނުން ގަވާއިދާ ޚިލާފަށް 8 ލައްކަ ހަރަދުކުރި

އެޑިއުކޭޝަނުން ގަވާއިދާ ޚިލާފަށް 8 ލައްކަ ރުފިޔާ ޚަރަދު ކުރި: އޮޑިޓް ރިޕޯޓު

10 ޑިސެމްބަރ 2017

އެޑިއުކޭޝަން މިނިސްޓްރީ މާލިއްޔަތު ގަވާއިދާ ޚިލާފަށް އަށް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރި ކަން އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެޑިއުކޭޝަން މިނިސްޓްރީ މާލިއްޔަތު ގަވާއިދާ ޚިލާފަށް އަށް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރި ކަން އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވައި ނެރުއްވި، އެޑިއުކޭޝަން މިނިސްޓްރީގެ 2015 ގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެޑިއުކޭޝަންގެ ދަށުން ހިންގާ ސްކޫލްތަކާއި އިދާރާތަކުން ތަކެއްޗާއި ޚިދުމަތްތައް ހޯދުމުގައި ބައި ބަޔަށް ބަހާލައިގެން ވަކިވަކި ކަންކަމުގެ ގޮތުގައި ކުރިކަން ފާހަގަކުރެވެ އެވެ.

އެއް މަސައްކަތެއްގެ ގޮތުގައި ކުރެވިދާނެ މަސައްކަތްތައް ބައިބަޔަށް ބަހާލައިގެން ވަކި މަސައްކަތްތަކެއްގެ ގޮތުގައި ކުރީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އެގޮތުން 894،414ރ. ގަވާއިދާ ޚިލާފަށް ޚަރަދު ކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

މާލިއްޔަތު ގަވާއިދުގައި ބުނެފައި ވަނީ ޕްރޮކިއުމަންޓްގެ މަސައްކަތްތައް ވާދަވެރިކަން ގެއްލޭ ގޮތަށް އެއް ކަމެއްގެ ގޮތުގައި ބެލޭ ކަންތައްތައް ވަކި ނުކުރުމަށާއި ޕްރޮކިއުމަންޓްގެ މަސައްކަތަށް ހިނގާނެ ހަރަދާއި އޭގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް ވީވަރަކުން މަސައްކަތްތައް އެއްކޮށްލުމަށެވެ.

ރިޕޯޓުގައި ބުނި ގޮތުގައި 25،000ރ. އަށް ވުރެ އަގު ބޮޑު މަސައްކަތެއް ކުރަން ބޭނުންވެއްޖެ ނަމަ، އާންމުކޮށް، އިއުލާން ކުރަން ޖެހޭ ކަމަށް މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އިރު، އެ މަސައްކަތްތައް އެކި ފަރާތްތަކާ އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކޮށްފައިވަނީ އިއުލާން ކުރުމެއް ނެތި އެވެ.

ބައިބަޔަށް ބަހާލައިގެން ކުރި މަސައްކަތްތަކުގެ ގޮތުގައި އޮޑިޓް އޮފީހުން ފާހަގަ ކުރި ބައެއް ކަންކަމުގެ ތެރޭގައި އަމީނިއްޔާ ސްކޫލްގެ ސެން ކްލާހުގެ އާބާތުރަ ފިލުވުމާއި ރެހެންދި ސްކޫލަށް ފަރުނީޗަރުތަކަކާއި ފޮތްތަކެއް ގަތުމާއި އިމާދުއްދީން ސްކޫލް މަރާމާތު ކުރުމާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ އެކި މަރާމާތުތައް ކުރުމާއި މޯލްޑިވްސް ޕޮލިޓެކްނިކްގެ އާބާތުރަ ފިލުވުން ފަދަ ކަންކަން ހިމެނެ އެވެ.

އެހެންވެ، އޮޑިޓަ ޖެނެރަލް ލަފާ ދެއްވީ، އެއް ފަހަރާ ގަނެވެން ހުރި މުދާ ނުވަތަ ކުރަން ޖެހޭ މަސައްކަތްތައް ބައިބަޔަށް ބަހާލައިގެން ކުރުވުމުގެ ބަދަލުގައި އެއް ފަހަރާ ގަނެވެން ހުރި މުދާ ނުވަތަ ކުރަން ޖެހޭ މަސައްކަތްތައް އެއްކޮށްލައިގެން މަސައްކަތުގެ އަގު، 25،000ރ. އަށްވުރެ ބޮޑުވާ ނަމަ، އެ މުދަލެއް ނުވަތަ މަސައްކަތެއް ކުރުމަށް އެކަށީގެންވާ ފަރާތެއް ހޯދުމަށް ގަވާއިދާ އެއްގޮތަށް އާންމުކޮށް އިއުލާން ކުރުމަށެވެ.