Roadha Mihaaru
ދިވެހި ޑޮކްޓަރުންނާއި ނަރުހުން މަދީ ކީއްވެ؟

ދިވެހި ޑޮކްޓަރުންނާއި ނަރުހުން މަދީ ކީއްވެގެންކަން އޮޑިޓަކުން

18 އޮކްޓޯބަރ 2018

ޑޮކްޓަރުކަމާއި ނަރުސްކަން ކިޔެވުމަށް ފާއިތުވި އަހަރުތަކުގައި ގިނަ ފުރުސަތުތަކެއް ހުޅުވާލާފައިވީ ނަމަވެސް 2014 އިން 2016 އަށް ހޭދަވި ތިން އަހަރު ތެރޭގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ދިވެހި ޑޮކްޓަރުންނާއި ނަރުހުންގެ އަދަދަށް މާ ބޮޑެތި ބަދަލުތަކެއް އައިސްފައި ނުވާކަން ޕަފޯމެންސް އޮޑިޓަކުން ހާމަވެއްޖެ އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ޑޮކްޓަރުކަމާއި ނަރުސްކަން ކިޔެވުމަށް ފާއިތުވި އަހަރުތަކުގައި ގިނަ ފުރުސަތުތަކެއް ހުޅުވާލާފައިވީ ނަމަވެސް 2014 އިން 2016 އަށް ހޭދަވި ތިން އަހަރު ތެރޭގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ދިވެހި ޑޮކްޓަރުންނާއި ނަރުހުންގެ އަދަދަށް މާ ބޮޑެތި ބަދަލުތަކެއް އައިސްފައި ނުވާކަން ޕަފޯމެންސް އޮޑިޓަކުން ހާމަވެއްޖެ އެވެ.

ޑޮކްޓަރުންނާއި ނަރުހުން ތަމްރީންކުރުމުގެ މަގްސަދު ހާސިލްވެފައިވާ މިންވަރާ ގުޅޭ ގޮތުން އޮޑިޓަ ޖެނެރަލްގެ އޮފީހުން މިދިޔަ ހަފްތާގައި ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އެ ތިން އަހަރުގެ ތެރޭގައި ދިވެހި ޑޮކްޓަރުންގެ ނިސްބަތަކީ އެވްރެޖްކޮށް 21 ޕަސެންޓް ކަމަށާއި ދިވެހި ނަރުހުންގެ ނިސްބަތަކީ އެވްރެޖްކޮށް 53 ޕަސެންޓް ކަމަށެވެ.

އެ ރިޕޯޓުގައި ބުނީ ދިވެހި ޑޮކްޓަރުންގެ އަދަދަށް މާ ބޮޑު ބަދަލެއް ނާންނަ އިރު ދިވެހިން އިތުރުވާ މިންވަރަށް ބިދޭސީން ވެސް އިތުރުވަމުންދާ ކަމަށާއި ދިވެހި ނަރުހުން އިތުރުވާ މިންވަރު ބިދޭސީންނަށް ވުރެ ގިނަ ނަމަވެސް އެކަށީގެންވާ މިންވަރަކަށް އިތުރު ނުވާ ކަމަށެވެ.

އެހެންކަމުން، ޑޮކްޓަރުންނާއި ނަރުހުން ތަމްރީންކުރުމުގެ މައިގަނޑު ބޭނުމަކީ ސިއްހީ ދާއިރާގެ ޚިދުމަތްތައް ދިވެހިން ފޯރުކޮށްދީ، ބިދޭސީންނަށް ބަރޯސާވާ މިންވަރު ކުޑަކުރުމާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން އިތުރުކުރުން ކަމަށްވާ އިރު، ޕަފޯމެންސް އޮޑިޓުން އެނގުނީ އެ މަގްސަދު ހާސިލް ނުވާ ކަމެވެ.

ތަމްރީންކުރާ މީހުންގެ ޚިދުމަތެއް ނުލިބޭ

އޮޑިޓް އޮފީހުގެ ހޯދުންތަކަށް ބަލާ އިރު ސިއްހީ ދާއިރާގައި މަސައްކަތްކުރާ ދިވެހި ޑޮކްޓަރުންނާއި ނަރުހުން މަދުވުމުގެ އެއް ސަބަބަކީ ސަރުކާރުން އެ ދާއިރާ އަށް ތަމްރީންކުރާ ބައެއް މީހުންގެ ޚިދުމަތް ނުލިބުމެވެ.

ރާއްޖޭން ބޭރުން ޑޮކްޓަރުކަން ކިޔެވުމަށާއި ލޯނު މެދުވެރިކޮށް ރާއްޖެއިން ނުވަތަ ރާއްޖޭން ބޭރުން ނަރުސް ކޯސް ފުރިހަމަކުރުމަށް ނުވަތަ މުސާރަ ލިބޭ ޗުއްޓީ ނަގައިގެން ކިޔެވުން ފުރިހަމަކުރުމަށް ދަރިވަރުން އިގްރާރެއްގައި ސޮއިކުރި ނަމަވެސް ބޮންޑު ކުރެވުނު ތަނަށް ބައެއް ދަރިވަރުން ޚިދުމަތްކޮށްފައެއް ނުވެ އެވެ. އަދި ބޮންޑުގެ ދަށުން ތަމްރީނުވާ މީހުން ބޮންޑަށް ޚިދުމަތްކުރޭތޯ ޑިޕާޓްމަންޓް އޮފް ހަޔަ އެޑިޔުކޭޝަނާއި ހެލްތު މިނިސްޓްރީން މޮނިޓަކޮށް ޚިދުމަތް ނުކުރާ ދަރިވަރުންނާ މެދު ފިޔަވަޅުއަޅާފައެއް ވެސް ނުވެ އެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފްއެޗްއެސް)ގައި ނަރުސްކަން ކިޔަވާ ދަރިވަރުންގެ ކޯހުގެ ތެރޭގައި ހިމެނޭ އަމަލީ ތަޖުރިބާ ނުވަތަ 'ކްލިނިކަލް ލާނިން'ގެ ބަޔަށް ބޮޑު ޚަރަދެއް ކުރެ އެވެ. އެގޮތުން 2016 އިން 2014 އަށް ދަރިވަރަކަށް 44،000 ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެކަމަކު ކޯސް ނިންމުމަށް ފަހު ބައެއް މީހުން ސިއްހީ ދާއިރާގައި މަސައްކަތް ނުކުރުން އެކަށީގެންވާ ކަމަށާއި ކްލިނިކަލް ލާނިން އަށް ދާ މީހުން އެ ހޮސްޕިޓަލަކަށް ޚިދުމަތް ކުރުމަށް އެއްވެސް ގޮތަކަށް އެއްބަސްވުމެއްގައި ސޮއިކުރާ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައިވެ އެވެ.

"ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ތަމްރީނަށް ފަހު ޚިދުމަތްކުރުމުގެ އެއްބަސްވުމުގައިވާ ގޮތަށް ގައުމަށް ނުވަތަ ދައުލަތަށް ޚިދުމަތްކުރަމުންދިޔަ ނަމަވެސް، މަދުން ނަމަވެސް މި ޚިދުމަތް ނުލިބުމާއި ޚާއްސަކޮށް އަތޮޅުތެރޭގައި ޚިދުމަތްކުރުމަށް އެއްބަސްވާ ފަރާތްތަކުން އަތޮޅުތެރޭގައި ޚިދުމަތް ނުކުރަނީ، މިކަން ހަރުދަނާ ގޮތެއްގައި މޮނިޓަކޮށް ފިޔަވަޅުއެޅެމުން ނުދާތީ އެވެ،" އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އައިޖީއެމްއެޗުގެ ޑޮކްޓަރުންތަކެއް ރަސްމިއްޔާތެއްގައި ބައިވެރިވަނީ. ފައިލް ފޮޓޯ: ހުސެން ވަހީދު

އައިޖީއެމްއެޗުގެ ޑޮކްޓަރުންތަކެއް ރަސްމިއްޔާތެއްގައި ބައިވެރިވަނީ. ފައިލް ފޮޓޯ: ހުސެން ވަހީދު

ޑޮކްޓަރުންނާއި ނަރުހުން ދެކޭ ގޮތް

ކްލިނިކަލް ލާނިން އާއި ތަމްރީނުކުރުމާއި ވަޒީފާގެ ކަންކަމާ ގުޅޭ ގޮތުން ނަރުހުންނާއި ނަރުސްކަން ކިޔެވި އަދި ކިޔަވާ މީހުން ދެކޭ ގޮތް ދެނެގަތުމަށާއި ތަމްރީނުކުރުމާއި ވަޒީފާގެ ކަންކަމާ މެދު ޑޮކްޓަރުން ދެކޭ ގޮތް ދެނެގަތުމަށް އޮޑިޓަރުން ވަނީ ސާވޭކޮށްފަ އެވެ. އެ ސާވޭތަކުގައި ގިނަ މީހުން ބުނެފައި ވަނީ:

- މުސާރަ އާއި އިނާޔަތުގެ ގޮތުން ބިދޭސީ ނަރުހުންނާއި ޑޮކްޓަރުންނާ ދިވެހިން ތަފާތުކުރޭ އަދި އޭގެ ސަބަބުން ވަޒީފާގައި ދެމިހުރުމާ މެދު ސުވާލު އުފެދޭ.

- ބޮންޑަށް ޚިދުމަތް ނުކުރާ މީހުންނާ މެދު އެއްވެސް އިދާރާއަކުން ފިޔަވަޅު އަޅާފައެއް ނުވޭ

- ވަޒީފާ އަށް ޝައުގުވެރިކުރުމަށް ނުވަތަ ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކާ މެދު ހިތްހަމައެއް ނުޖެހޭ

- ކްލިނިކަލް ލާނިންގެ މަގްސަދު ހާސިލެއް ނުވޭ

- ސިއްހީ ދާއިރާއިން ތަމްރީނުވުމަށް އެކަށީގެންވާ މިންވަރަށް ފުރުސަތެއް ނުލިބޭ އަދި އެކަމުގެ މައިގަނޑު ސަބަބަކީ ސަރުކާރުން އެދެވޭ މިންވަރަށް މަސައްކަތް ނުކުރުން

އާއްމުންގެ ޚިޔާލު

މި އޮޑިޓުގައި އާއްމުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ ސާވޭގައި ފާހަގަކުރި އެއް ކަމަކީ ރާއްޖެ އަށް މިވަގުތު ސްޕެޝަލައިޒްޑް ޑޮކްޓަރުންނާއި ނަރުހުން ބޭނުންވާ ކަމެވެ. ސާވޭގެ ބައިވެރިން ބުނެފައިވާ ގޮތުގައި:

- ރާއްޖެ އަށް ޑޮކްޓަރުން އެންމެ ބޮޑަށް ބޭނުންވަނީ ނިއުރޮލޮޖީގެ ދާއިރާ އިން

- ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހެއްދުމަށް ނަގާ މުއްދަތާއި ޑޮކްޓަރަށް ދެއްކުމަށް ހޭދަވާ ވަގުތާ މެދު ހިތްހަމައެއް ނުޖެހޭ

- ޑޮކްޓަރުންނާއި ނަރުހުން ބަލިމީހުން ބަލަނީ އެކަށީގެންވާ ތަމްރީން ނުލިބި

- ޚިދުމަތް ދޭ ނަރުހަކީ ދިވެއްސަކަށް ވުން މުހިއްމު

ތަމްރީން ފުރުސަތުތައް

ޑޮކްޓަރުންނާއި ނަރުހުން ތަމްރީންކުރުމަށާއި ތަމްރީނުގެ ފުރުސަތުތައް ހޯދުމަށް ހަރުދަނާ ގޮތެއްގައި މަސައްކަތްކޮށްފައިވޭތޯ ވެސް އޮޑިޓްގައި ބަލާފައިވެ އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ޑޮކްޓަރުކަން ކިޔެވުމަށާއި ނަރުސްކަން ކިޔެވުމަށް ފާއިތުވި އަހަރުތަކުގައި ގިނަ ފުރުސަތުތަކެއް ހުޅުވާލާފައިވެ އެވެ. އަދި ބޭރުގެ ސްކޮލަޝިޕްތައް ހޯދަން ހެލްތު މިނިސްޓްރީން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ވެސް ވެ އެވެ. އެކަމަކު އެ ފުރުސަތުތައް ހޯދުމުގައި "ގައުމަށް އެ ވަގުތަކަށް އެންމެ ބޭނުންވާ ފަންނު ދެނެގަނެ އެކި އަހަރުތަކަށް ބަހާލެވިގެން ވަކި ރޭވުމެއްގެ ދަށުން ތަމްރީނުތައް އިޚުތިޔާރުކުރެވިގެން ނުދާކަން" ފާހަގަކުރެވުނެވެ.

އައިޖީއެމްއެޗުގެ ރަސްމިއްޔާތެއްގައި އެ ތަނުގެ ނަރުހުންތަކެއް ބައިވެރިވަނީ. ފައިލް ފޮޓޯ: ނިޝާން އަލީ

އައިޖީއެމްއެޗުގެ ރަސްމިއްޔާތެއްގައި އެ ތަނުގެ ނަރުހުންތަކެއް ބައިވެރިވަނީ. ފައިލް ފޮޓޯ: ނިޝާން އަލީ

ނަރުހުން ތަމްރީންކުރުމަށް ޑިޕާޓްމެންޓް އޮފް ހަޔަ އެޑިއުކޭޝަނުން ހުޅުވާލާފައިވާ ލޯނު އަދި ސްކޮލަޝިޕްގެ ފުރުސަތުތަކަކަށް 2014 އިން 2016 އަށް ކުރިމަތިލި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އަދި އެ މުއްދަތުގައި އިއުލާންކުރި ފުރުސަތުތަކަށް ބަލާ އިރު ރާއްޖެ އިން ހެދެން ނެތް، މާސްޓާސް ފެންވަރު ފަދަ ކޯސްތައް ވަރަށް މަދު އިރު ޚާއްސަ ދާއިރާތަކަށް އެއްވެސް ވަރަކަށް ފުރުސަތު ހުޅުވާލާފައެއް ނެތެވެ.

އޮޑިޓުން ފާހަގަވި ކަންކަން އިސްލާހުކުރަން އޮޑިޓަ ޖެނެރަލްގެ އޮފީހުން ލަފާދޭ ގޮތް ރިޕޯޓުގައި ތަފްސީލްކޮށް ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި، ސިއްހީ ދާއިރާ އަށް އެންމެ ބޭނުންވާ ފަންނުތައް ދެނެގަތުމަށް ދިރާސާއެއް ހެދުމާއި ޚާއްސަ ދާއިރާތަކުން ނަރުހުން ތަމްރީންކުރުމާއި ޑޮކްޓަރުންނާއި ނަރުހުން ސިއްހީ ދާއިރާގެ ވަޒީފާތަކުގައި ދެމެހެއްޓުމަށް މިހާރުން މިހާރަށް މަސައްކަތްކުރުން ހިމެނެ އެވެ.

http://www.audit.gov.mv/Uploads/AuditReports/2018/10October/Effectiveness%20of%20Doctors%20and%20Nurses%20Training,%20Performance%20Audit%20Report.pdf

ޑޮކްޓަރުންނާއި ނަރުހުން ތަމްރީންކުރުމުގެ މަގްސަދު ހާސިލްވެފައިވާ މިންވަރާ ގުޅޭ ޕަމޯފެންސް އޮޑިޓް ރިޕޯޓް