Roadha Mihaaru
300 ޑޮކްޓަރުންގެ ތެރެއިން ލިބުނީ ދެ ޑޮކްޓަރުން!

300 ޑޮކްޓަރުންގެ ތެރެއިން ލިބުނީ ދެ ޑޮކްޓަރުން!

22 ޖެނުއަރީ 2018

ތިން ސަތޭކަ އަށް ވުރެ ގިނަ ޑޮކްޓަރުން ހޯދަން އިއުލާނުކުރުމުން ކުރިމަތިލީ އެންމެ ދެ މީހުން ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތިން ސަތޭކަ އަށް ވުރެ ގިނަ ޑޮކްޓަރުން ހޯދަން އިއުލާނުކުރުމުން ކުރިމަތިލީ އެންމެ ދެ މީހުން ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް 332 މެޑިކަލް އޮފިސަރުންނާއި ސީނިއާ މެޑިކަލް އޮފިސަރުން ހޯދަން މިދިޔަ ނޮވެމްބަރު މަހު އިއުލާނުކުރި އެވެ. ނަމަވެސް މިިދިޔަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް މުއްދަތު ހަމަވިއިރު، އެ ފުރުސަތަށް ކުރިމަތިލާފައިވަނީ ދެ ޑޮކްޓަރުން ކަމަށް މިނިސްޓްރީން ބުންޏެވެ.

އެކި ދާއިރާތަކުން ސުޕަ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަން ވެސް މިދިޔަ ނޮވެމްބަރު މަހު އިއުލާނުކުރި އެވެ. އެ ފުރުސަތަށް އެއްވެސް މީހަކު ކުރިމަތިލާފައިނުވާ ކަން މިނިސްޓްރީން ފާހަގަކުރެ އެވެ.

އެ މިނިސްޓްރީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އޮފިޝަލަކު ވިދާޅުވީ ޑޮކްޓަރުންނަށް އިއުލާނުކުރުމުން، މަދުން މީހުން ކުރިމަތިލި ސީދާ ސަބަބެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި މެޑިކަލް އޮފިސަރުން ހޯދަން އަލުން އިއުލާނުކުރުމާ ގުޅޭ ގޮތުން ވެސް ވަކި ގޮތެއް އަދި ނުނިންމާ ކަމަށް ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީން 600 އަށް ވުރެ ގިނަ ނަރުހުން ހޯދަން ވެސް ނޮވެމްބަރު މަހު އިއުލާނުކުރި އެވެ. އެކަމަކު އޭރު 15 މީހުން ކުރިމަތިލާފައި ވެ އެވެ.

ސިއްހީ ދާއިރާ އަށް ގިނަ އަދަދެއްގެ ބަޔަކު ހޯދަން މި ފަހުން އިއުލާނުކުރިއަސް، އެ ފުރުސަތުގެ ބޭނުން ހިފާފައި ވަނީ މަދު ބައެކެވެ. އޭގެ ސަބަބެއް ކަމަށް ފާހަގަކުރީ، މާލެ ނުވަތަ އަމިއްލަ ރަށުގައި މަސައްކަތް ކުރުމެވެ.

"ގިނަ މީހުންނަކީ މާލެ ނުވަތަ އެ މީހެއްގެ އަމިއްލަ ރަށުގައި ވަޒަންވެރިވެ މަސައްކަތް ކުރާ މީހުން. އެހެން ރަށަކަށް ގޮސް، މަސައްކަތް ކުރަން އުނދަގޫ ވެދާނެތީ ހެން ބޮޑަށް ބެލެވެނީ، މިހާ މަދުން މި ކުރިމަތިލަނީ،" ހެލްތް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޑޮކްޓަރުންނާއި ނަރުހުން ހޯދަން އިއުލާނުކުރީ ގިނަ ދިވެހީންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ހެލްތު މިނިސްޓްރީން ވަނީ ކުރިން ބުނެފަ އެެވެ.