Roadha Mihaaru
ތައުލީމީ ފަންޑުން ދޫކުރި ގިނަ ލޯނު އަނބުރާ ނުދައްކާ

ތައުލީމީ ފަންޑުން ދޫކުރި ގިނަ ލޯނު، އެތައް އަހަރެއް ވީއިރު ވެސް ނުދައްކާ

20 ސެޕްޓެމްބަރ 2016

މިދިޔަ 22 އަހަރު ދުވަހުގެ ތެރޭގައި ތައުލީމީ ފަންޑުން އެކި ފަރާތްތަކަށް ދޫކުރި ބައެއް ލޯނު، އެތައް އަހަރެއް ވީއިރު ވެސް އަނބުރާ ނުދައްކާކަން އޮޑިޓް ރިޕޯޓުން އެނގިއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މިދިޔަ 22 އަހަރު ދުވަހުގެ ތެރޭގައި ތައުލީމީ ފަންޑުން އެކި ފަރާތްތަކަށް ދޫކުރި ބައެއް ލޯނު، އެތައް އަހަރެއް ވީއިރު ވެސް އަނބުރާ ނުދައްކާކަން އޮޑިޓް ރިޕޯޓުން އެނގިއްޖެ އެވެ.

އޮޑިޓް އޮފީހުން މި މަހު އާއްމު ކުރި އެޑިއުކޭޝަން މިނިސްޓްރީގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ތައުލީމީ ފަންޑުން، 1992 އަހަރުން 2014 ވަނަ އަހަރާ ހަމައަށް، އެކި ސްކޫލުތަކާއި ކޮލެޖްތަކަށް ލޯނުގެ ގޮތުގައި 5.6 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އަދި މަތީ ތައުލީމަށާއި ޓީޗަރުންގެ ކުރިއެރުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ ތެރެއިން 6.2 މިލިޔަން ރުފިޔާ މިހާތަނަށް ނުލިބޭ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ. އެޑިއުކޭޝަން މިނިސްޓްރީއަށް ޖުމްލަ ލިބެން ޖެހޭ 12.6 މިލިޔަން ރުފިޔާ އެބަހުރި ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

"މިހުރިހާ ލޯންތަކަށް ފައިސާ ދައްކައި، ހަލާސް ކުރަން ޖެހޭ މުއްދަތު ފާއިތުވެގެން ގޮސްފައިވާއިރު، ފައިސާ ހޯދުމަށް [އެޑިއުކޭޝަން މިނިސްޓްރީން] އެކަށީގެންވާ ފިޔަވަޅެއް އެޅިކަން ލިޔެކިޔުމުން އެނގޭކަށް ނެތެވެ." ރިޕޯޓުގައި ބުނެފައި ވެ އެވެ.

ތައުލީމީ ފަންޑުން ލޯނު ނެގި ފަރާތްތަކުގެ ތެރެއިން މިހާތަނަށް އެއްވެސް ފައިސާއެއް ދައްކާފައި ނުވަނީ ފުވައްމުލަކު މަދުރަސަތުލް ޖިހާދާއި ދަރުމަވަންތަ ސްކޫލާއި ޑިޕްލޮމާ އިން މެނޭޖްމެންޓް ޕްރޮގްރާމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މާލީ އޮޑިިޓް ރިޕޯޓުގައި އެ މިނިސްޓްރީގެ ގިނަ މައްސަލަތަކެއް ވަނީ ފާހަގަ ކޮށްފަ އެވެ. އެގޮތުން ސީއެޗްއެސްއީގެ ތިޖޫރީގައި ފައިސާ ހުރި އަދަދު ބެލުމަށް މިދިޔަ އަހަރުގެ މެއި މަހު ފައިސާ ގުނި އިރު އެ ސެންޓަރަށް ލިބެން ޖެހޭ އާމްދަނީގެ ތެރެއިން 40،000 ރުފިޔާ މަދުވެފައި ވުމާއި 2011-2015 އަހަރަށް، އެތަނުގެ އިމްތިހާނު ފީގެ ގޮތުގައި އިތުރަށް ބައި ލައްކައެއްހާ ރުފިޔާ، ޕަބްލިކް އެގްޒަމިނޭޝަން ޑިޕާޓްމެންޓަށް ދައްކާފައިވާ ކަމަށް ވެސް ރިޕޯޓުގައި ވެ އެވެ.