Roadha Mihaaru
އިމިގްރޭޝަންގެ އިންޒާރު؛ކާޑާ ގުޅޭ ދޮގު ވާހަކަ ނުފަތުރާ

ޕާސްޕޯޓް ކާޑާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފަތުރާނަމަ ފިޔަވަޅު އަޅާނަން: އިމިގްރޭޝަން

03 ޑިސެމްބަރ 2017

ރާއްޖޭގައި ތައާރަފްކުރި ޕާސްޕޯޓް ކާޑާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފަތުރާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ދީފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގައި ތައާރަފްކުރި ޕާސްޕޯޓް ކާޑާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފަތުރާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ދީފި އެވެ.

އެ އިދާރާ އިން މިގޮތަށް އިންޒާރު ދިނީ، މިދިޔަ އޮކްޓޫބަރު 11 ގައި ރާއްޖޭގައި އަލަށް ތައާރަފްކުރި ޕާސްޕޯޓް ކާޑާ ގުޅޭ ގޮތުން ބައެއް މީހުން ސޯޝަލް މީޑިއާގައި ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރަމުންދާ ކަމަށް ބުނެ ނެރުނު ބަޔާނެއްގަ އެވެ.

އިމިގްރޭޝަނުން ބުނިގޮތުގައި ޕާސްޕޯޓް ކާޑް ތައްޔާރުކޮށްފައި ވާނީ، ޕާސްޕޯޓެކޭ އެއްފަދައިން ސަލާމަތީ ކަންކަން ވަރުގަދަކޮށް، އަދި ފަސޭހައިން އެއަށް ބަދަލު ނުގެނެވޭނެ ގޮތަށް އެންމެ ފަހުގެ ޒަމާނީ ސަލާމަތީ ސިފަތައް ހިމަނައިގެންނެވެ.

އަދި ބުނީ ޕާސްޕޯޓް ކާޑް ހައްދާ މީހުންގެ އެކައުންޓާއި އެ ކާޑް ލިންކް ކުރެވެނީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ކާޑް ފޮނުވައިގެން ކަމަށެވެ. އިމިގްރޭޝަނުން ބުނީ ޕާސްޕޯޓް ކާޑުގެ ވެރިފަރާތުގެ ބޭންކްގެ ތަފުސީލް އެ ކާޑުގައި ހިމަނަނީ ބީއެމްއެލް އިން އަމަލުކުރާ އުސޫލާ އެއްގޮތްވާ ގޮތުން އެ ބޭންކުން ކަމަށެވެ.

"...އަދި ކާޑުގެ ވެރިފަރާތުގެ ޑީޓެއިލްސް ހިމެނުމަށް ފަހު ކާޑުގެ ޗިޕް ބޭންކް އޮފް މޯލްޑިވްސް އިން ލޮކް ކުރާނެ އެވެ. އެހެންކަމުން އެ ކާޑުގައި ހިމަނާފައިވާ ބޭންކް ޑީޓެއިލްސް އެނގޭނީ ބޭންކް އޮފް މޯލްޑިވްސް އާއި ކާޑުގެ ވެރިފަރާތަށް އެކަންޏެވެ. އެއްވެސް ހާލަތެއްގައި ކާޑު ހައްދާ ފަރާތުގެ ބޭންކް ތަފުސީލް އިމިގްރޭޝަނަށް ހިއްސާކުރާ ގޮތަށް ހަމަޖެހިފައި ނެތެވެ،" ޕާސްޕޯޓް ކާޑުގައި ހިމެނޭ ބީއެމްއެލްގެ އެކައުންޓުގެ ތަފުސީލް އިމިގްރޭޝަނަށް ބެލޭނެ ކަމަށް ބުނެ ދައްކާ ވާހަކަތައް ދޮގުކޮށް އިމިގްރޭޝަނުން ބުންޏެވެ.

އެ އިދާރާ އިން ބުނީ އެ ހަގީގަތް އެހެން ހުރި ކަމުގައި ވިޔަސް، ސިޔާސީ ގޮތުން މަންފާ ހޯދުމުގެ ގޮތުން، ބައެއް މީހުން ހަގީގަތާ ޚިލާފު ވާހަކަތައް ސޯޝަލް މީޑިއާގައި ވެރިފައިޑް އެކައުންޓް ބޭނުންކޮށްގެން ފަތުރާތީ ކަންބޮޑުވާ ކަމަށެވެ. އަދި ބުނީ ބައިނަލްއަގްވާމީ ދަތުރުފަތުރު ކުރުމަށާއި ކާކުކަން އަންގައި ދިނުމަށް ތައްޔާރު ކުރާ، ދައުލަތުގެ ލިޔެކިޔުންތަކާ ގުޅޭ ގޮތުން، ހަގީގަތެއް ނެތް މައުލޫމާތު ފެތުރުމަކީ އެއްވެސް ގައުމެއްގެ ރައްޔިތުން ކުރާނެ ކަމެއް ނޫން ކަމަށެވެ.

"މޯލްޑިވްސް އިމިގްރޭޝަން ވަނީ ރައްކާތެރި އަދި ސަލާމަތީ ގޮތުން އެންމެ ވަރުގަދަ ޑޮކިއުމެންޓް ތައްޔާރު ކުރުމުގެ އެންމެ މަތީ ހަރުފަތުގައި ފައިތިލަ ސާބިތުކޮށް، އިމިގްރޭޝަނުން ދޫކުރާ ޑޮކިއުމެންޓްތަކަށް އިންޓަނޭޝަނަލް ސަޓިފިކޭޝަން ހޯދައިފަ އެވެ. މިކަމުގެ ސަބަބުން މަންފާ ލިބޭނެ ފަރާތަކީ ވެސް އެންމެހާ ދިވެހި ރައްޔިތުންނެވެ،" އިމިގްރޭޝަންގެ ބަޔާނުގައިވެ އެވެ.

އިމިގްރޭޝަނުން ބުނީ ޕާސްޕޯޓް ކާޑާ ގުޅޭ ގޮތުން ހަގީގަތާ ޚިލާފު ވާހަކަ ފެތުރުމަކީ، އެ ކާޑުގެ އިތުރުން ދިވެހި ޕާސްޕޯޓުގެ އިންޓެގްރިޓީއާ ދޭތެރޭގައި ދިވެހިންނާއި ބޭރުގެ ފަރާތްތަކުން ސުވާލު އުފައްދާނެ ކަމެއް ކަމަށެވެ. އަދި އެފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ، ރާއްޖެ އިން ބޭރަށް ދިވެހިން ދިއުމަށް ބޭނުންވާ ވިސާ ހޯދުމުގަ އާއި ބޭރުގެ ގައުމުތަކުގެ ބޯޑަރު ހުރަސް ކުރުމުގައި ދިވެހިންނަށް ދަތިތަކާ ކުރިމަތިވެދާނެ ކަމުގެ އިންޒާރު ވެސް އިމިގްރޭޝަނުން ދެ އެވެ.

"ވީމާ ދަންނަވަމެވެ. މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް އިމިގްރޭޝަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތާއި އަދި ތަކެއްޗާ ގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތު ފަތުރަމުންދާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅެއް އަޅާނެ ކަން އަންގައި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް އިންޒާރު ކުރަމަވެ،" ކޮންޓްރޯލަ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަންވަރު ސޮއިކުރައްވާފައިވާ ލިޔުމުގައިވެ އެވެ.