Roadha Mihaaru
މާޒިޔާ ވަރުގަދަކޮށް އެނބުރި އަންނާނެ: އިންމަ

މާޒިޔާ ވަރުގަދަކޮށް އެނބުރި އަންނާނެ: އިންމަ

03 ޑިސެމްބަރ 2017

ސީޒަނުގެ ފަހުކޮޅުގައި މާޒިޔާ އާއި ހަވާލުވިއިރު ދިވެހި ޕްރިމިއާ ލީގު ގެއްލިފައި އޮތުމުން އިސްމާއިލް މަހަފޫޒް (އިންމަ) ޓާގެޓްކުރީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕަށެވެ. އެފްއޭ ކަޕް ސެމީ ފައިނަލުގައި ރޭ ޓީސީ ސްޕޯޓްސް ކްލަބް އަތުން 2-0 އިން ބަލިވެ ފަސް އަހަރަށް ފަހު މާޒިޔާ އަށް އޭއެފްސީ ކަޕުގެ ޖާގައެއް ގެއްލިފައިވާއިރު، އިންމަ ހުރީ އަދިވެސް ޕޮޒިޓިވް ވިސްނުމެއްގަ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ސީޒަނުގެ ފަހުކޮޅުގައި މާޒިޔާ އާއި ހަވާލުވިއިރު ދިވެހި ޕްރިމިއާ ލީގު ގެއްލިފައި އޮތުމުން އިސްމާއިލް މަހަފޫޒް (އިންމަ) ޓާގެޓްކުރީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕަށެވެ. އެފްއޭ ކަޕް ސެމީ ފައިނަލުގައި ރޭ ޓީސީ ސްޕޯޓްސް ކްލަބް އަތުން 2-0 އިން ބަލިވެ ފަސް އަހަރަށް ފަހު މާޒިޔާ އަށް އޭއެފްސީ ކަޕުގެ ޖާގައެއް ގެއްލިފައިވާއިރު، އިންމަ ހުރީ އަދިވެސް ޕޮޒިޓިވް ވިސްނުމެއްގަ އެވެ.

މާޒިޔާއާ އިންމަ ހަވާލުވީ މިދިޔަ މަހު އެއް ވަނަ ދުވަހު އެވެ. އޭނާ ހަވާލުވިއިރު ވެސް ޓީމުގެ ގިނަ ކުޅުންތެރިން ތިބީ އަނިޔާގަ އެވެ. ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އަށް ސީޒަން ނިމިފައި ވަނިކޮށް، ޓީމުގެ އެޓޭކުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ މުހައްމަދު އުމެއިރު ވެސް މުހިއްމު މެޗުތައް ޖެހުނުއިރު ހުރީ އަނިޔާގަ އެވެ. އަދި ފޯމު ގެއްލުމުގެ ސަަބަބުން ކްރޮއޭޝިއާގެ ފޯވާޑް ކެރިޗް އަންދްރޭ އަށް ވެސް ރަނގަޅު ކުޅުމެއް ނުދެއްކޭއިރު، ކޮންޓްރެކްޓް ހަމަވާތީ އޭނާ ވެސް ވަނީ ފޮނުވާލައިފަ އެވެ.

ޕްރިމިއާ ލީގުގެ ފަހު މެޗުގައި ޓީމުގެ ވައިސް ކެޕްޓަން އަމްދާން އަލީ (އެންޑީ)ގެ ކަކުލަށް އަނިޔާވެ އޭނާ އަށް ސީޒަން ނިމިފައި ވަނިކޮށް އެ ޓީމަށް ކުޅޭ ބޮސްނިއާގެ ޑިފެންޑަރު ބޯޖާން މިހައިލޮވިޗް ވެސް ކޮންޓްރެކްޓް ހަމަވާތީ ދާން ބޭނުންވުމުން ވަނީ ދޫކޮށްލައިފަ އެވެ. އެއާ އެކު މާޒިޔާ ފަހަތަށް ވެސް ވަނީ މައްސަލަތަކެއް ކުރިމަތިވެފަ އެވެ.

"ކުރަން ބޭނުންވާ މަސައްކަތް ކުރަން ހުރަސްތަކެއް އެބަދިމާވޭ. އެކަމު ލިބުނު ދުވަސްކޮޅާ ބަލާ ކުރިއެރުން އެބަފެނޭ. އެއްވެސް ގޮތަކަށް ވަގުތު ކުޑަވެގެން އުޒުރެއް ދައްކަން ނެތިން. ހިތްހަމަ ޖެހުމަކީ ކުޅުމަށް މި އަންނަ ބަދަލާ އެއްގޮތަށް ކުޅުންތެރިން އެ ކަންތައްތައް ނަގައިގަންނަ މިންވަރު އަވަސްވާތަން އެބަފެނޭ. ދެން ނަތީޖާ މައްސަލަ އަކީ،" ރޭ ޓީސީ އަތުން ބަލިވި މެޗަށް ފަހު އިންމަ ބުންޏެވެ.

މާޒިޔާގެ ފަރިތަކުރުންތަކުގެ ތެރެއިން އިންމަ (ވ) އެ ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މާޒިޔާގެ ފަރިތަކުރުންތަކުގެ ތެރެއިން އިންމަ (ވ) އެ ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މި އަހަރަކީ މާޒިޔާ އިން އެ ޓީމުގެ ތާރީހުގައި އައި ފުރަތަަމަ ބިދޭސީ ކޯޗު މަރްޔާން ސެކުލޮސްކީއާ އެކު އޭއެފްސީ ކަޕުގައި ރަނގަޅު ނަތީޖާތަކެއް ނެރުނު އަހަރެވެ. ފަސް އަހަރަށް ފަހު އޭއެފްސީ ކަޕުން ޖާގަ ގެއްލުމަކީ މާ ބޮޑު މާޔޫސްކަމެއް ނޫން ކަމަށް އިންމަ ވަނީ ބުނެފަ އެވެ.

"އޭއެފްސީ ކަޕް އެކަންޏެއް ނޫން، މުބާރާތްތަކުގައި ކާމިޔާބު ހޯދުމަކީ އެންމެ ކުރީގައި އޮންނަ އެއް ކަންތައް. އޭއެފްސީ ކަޕް ނުކުޅުނޭ ކިޔައިފައެއް އެއްވެސް މައްސަލައެއް ނެތް. އެއީ ބައެއް ފަހަރު ސީޒަނުގެ މިހާ ހިސާބަށް އަންނަ އިރު ޓީމު އޮތް ހާލަތުން ބައެއް ފަހަރު ދާނެ އޭއެފްސީ ކަޕުން ޖާގަ ނުލިބި ވެސް. މަޑުކުރަން ޖެހޭ އަހަރުތައް ވެސް ދާނެ،" އިންމަ ބުންޏެވެ.

އިންމަ ބުނީ މާޒިޔާ އެނބުރި އަންނާނީ ވަރުގަދަކޮށް ކަމަށެވެ.

"އޭއެފްސީ ކަޕުގައި މާޒިޔާ މިދިޔަ ފަސް އަހަރު ވެސް ކުޅެފި. ކޮންމެވެސް ކަހަލަ ސަބަބުތަކެއް ދިމާވެގެން މި ފަހަރު އަޅުގަނޑުމެން އަތުން މި ގެއްލުނީ. އެހެން ނަމަވެސް ކުޅުންތެރިން ދެއްކި ޕާފޯމެންސާއި ކުރި ހިތްވަރަށް ޝަކުވާއެއް ނެތް. މި ކުރާ މަސައްކަތް ކާމިޔާބުކޮށް މާޒިޔާ އަންނާނެ. އަދި ފުޓްބޯޅައިގެ އެންމެ ކުރީ ސަފުގައި އުޅޭނެ،" އިންމަ ބުންޏެވެ.

މާޒިޔާ އަށް ދެން އޮތީ އެފްއޭ ކަޕްގެ ތިން ވަނަ ހޮވާ މެޗެވެ. އެ މެޗުގައި އަންނަ ބުދަ ދުވަހު ހަވީރު އެ ޓީމު ނުކުންނާނީ ދެ ވަނަ ސެމީ ފައިނަލުގައި ނިއު އާއި ގްރީން ސްޓްރީޓްސް މިރޭ ބައްދަލުކުރާ މެޗުން ބަލިވާ ޓީމަކާ އެވެ.