Roadha Mihaaru
ކުރިއަރާނީ ހުރި ޕްރެޝަރުތަކަށް ހޭނިގެން: ސެކުލޮސްކީ

ކުރިއަރާނީ ހުރި ޕްރެޝަރުތަކަށް ހޭނިގެން: ސެކުލޮސްކީ

18 ސެޕްޓެމްބަރ 2019

އޭނާގެ ނަޒަރުގައި ފުޓްބޯޅަ ކުޅުންތެރިންނާއި ކޯޗުން ވެސް ކުރިއަރާނީ އެކި ހާލަތްތަކުގައި ކުރިމަތިވާ ޕްރެޝަރުތަކާ ކުރިމަތިލައި އެއަށް ހޭނިގެން ކަމަށް މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭނާގެ ނަޒަރުގައި ފުޓްބޯޅަ ކުޅުންތެރިންނާއި ކޯޗުން ވެސް ކުރިއަރާނީ އެކި ހާލަތްތަކުގައި ކުރިމަތިވާ ޕްރެޝަރުތަކާ ކުރިމަތިލައި އެއަށް ހޭނިގެން ކަމަށް މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ ބުނެފި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގު 40 ދުވަހަށް މެދުކަނޑާލުމަށް ފަހު އަލުން މިއަދު ފަށާއިރު، މި ވޭތުވެދިޔަ ދުވަސްތަކުގައި އެންމެ އެކަށީގެންވާވަރުގެ ފަރިތަކުރުންތަކެއް ކުރިއަށް ނުގެންދެވޭނީ މާޒިޔާ އަށެވެ. އެ ޓީމުގެ 10 ކުޅުންތެރިން ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނޭއިރު، ދެ ބިދޭސީ ކުޅުންތެރިޔަކު ވެސް ގައުމީ ޓީމަށް ދިޔަ އެވެ. އެހެން ކަމުން ފުރަތަމަ ޓީމުގެ 12 ކުޅުންތެރިން ނުލައި ޓްރެއިނިންތައް ގެންދަން ޖެހުމަކީ ސެކުލޮސްކީ އަށް ވެސް ކުރިމަތިވި ދަތިކަމެކެވެ.

ލީގުގައި މިރޭ ދަ ގްރާންޑޭއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަމުން ސެކުލޮސްކީ ބުނީ އެއް މަހަށް ވުރެ ގިނަ ދުވަހަށް ފަހު މެޗަކަށް ނުކުންނަން ޖެހުމުން އުނދަގޫތަކެއް ހުރި ކަމަށެވެ.

"ކުޅުންތެރިންނަށް ވެސް ވަރަށް އުނދަގޫ. އަދި އަމުދުން ކޯޗަށް ވެސް މާ އުނދަގޫ. ގައުމީ ޓީމުގައި ތަފާތު ޕްރޮގްރާމެއް. އަހަރެމެން ވަކި ޕްރޮގްރާމެއް މި ބޭނުންކުރަނީ. ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަލުން އެ މީހުން ހާނުވާލަން ލިބޭނީ. އަހަރެމެންގެ ކުޅުންތެރިން އެނބުރި އައިއިރު ހުރިގޮތް އެންމެ ރަނގަޅެއް ނޫން. ބައެއް ކުޅުންތެރިން ތިބީ ވަރަށް ގިނަ ދުވަސްވަންދެން މެޗެއް ވެސް ނުކުޅޭ،" ސެކުލޮސްކީ ބުންޏެވެ.

މި ފަދަ ހާލަތެއްގައި މަސައްކަތްކުރުމަކީ ޕްރެޝަރެއްތޯ ސުވާލުކުރުން ސެކުލޮސްކީ ބުނީ އޭނާގެ ނަޒަރުގައި ޕްރެޝަރުގައި މަސައްކަތްކުރުމުގެ ފައިދާ ގިނަ ފަހަރު ރަނގަޅު ކަމަށެވެ.

"މޮޅުވާން ކުރާ ކޮންމެ ކޯޗަކަށް ވެސް ޕްރެޝަރު އޮންނާނެ. މާޒިޔާގެ ލެވެލުން ވެސް އޮންނާނެ ޕްރެޝަރު. އެއީ މިއީ އެންމެ މަތީގައި އޮންނަން މަސައްކަތްކުރާ ޓީމެއް. އަހަރެންގެ ނަޒަރުގައި މި ޓީމުގައި އެބަތިބި ޕްރެޝަރުގައި ވެސް އެންމެ މޮޅަށް ކުޅޭނެ ކުޅުންތެރިން،" ކުރިން މިޔަންމާގެ ޓީމުތަކުގައި މަސައްކަތްކުރި ސެކުލޮސްކީ ބުންޏެވެ.

ލީގުގެ އެއް ވަނައިގައި މި ވަގުތު މާޒިޔާ އޮތީ ހަތް މެޗުން 17 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ދަ ގްރާންޑޭ އޮތީ ހަ މެޗުން 13 ޕޮއިންޓާ އެކު އެވެ. ސެކުލޮސްކީ ބުނީ ދަ ގްރާންޑޭ އެ ހިސާބުގައި އޮތީ އެ ޓީމުން އެ ވަރުގެ ކުޅުމެއް ދައްކައިގެން ކަމަށެވެ.

"ދަ ގްރާންޑޭ އަށް އިިހުތިރާމް ކުރަން ދެ ވަނަ އިގައި އެމީހުން އޮތީ. ދަ ގްރާންޑޭ ޓީމު އާ ވިޔަސް. އެ ޓީމުގައި ކުރިން މޮޅެތި ޓީމުތަކަށް ކުޅުނު ކުޅުންތެރިން އެބަތިބި. ވަރަށް ވަރުގަދަ އަށް ކުޅޭ ޓީމެއް. އިދިކޮޅު ޓީމުގެ ގޯސްތައް ދަނެގެން އޭގެ ފައިދާ ވެސް ނަގާ ޓީމެއް. ރަނގަޅު ކޯޗެއް ވެސް އެބަހުރި،" ސެކުލޮސްކީ ބުންޏެވެ.

"އެއްވެސް މީހަކު ނާހާނެ މިދިޔަ ހަ ހަފްތާގައި ވީ ކިހިނެއްހޭ. އެންމެން އުއްމީދުކުރާނީ މާޒިޔާ އެންމެ މޮޅަށް ކުޅެގެން މޮޅުވުން. އަހަރެމެން މި މެޗުގައި އެކަން ކުރަންޏާ އެބަޖެހޭ 100 ޕަސެންޓް ދޭން. އެ އަށް ވުރެ ދަށް ވެގެން ގޯހެއް ވެދާނެ،"

ދަ ގްރާންޑޭގެ ކޯޗަކަށް ހުރި އިސްމާއިލް މަހަފޫޒް (އިންމަ) އަކީ ކުރިން މާޒިޔާ އަށް ދެ ފަހަރެއްގެ މަތިން އިރުޝާދުދިން ކޯޗެކެވެ. އިންމަ ބުނީ ކޯޗިންގައި ކުރީގެ ޓީމަކާ ދެކޮޅަށް ނުކުންނަ ޖެހޭ ހާލަތުތައް ކުރިމަތިވާނެ ކަމަށެވެ. އަދި މާޒިޔާގައި އޭނާ ކޯޗުކޮށްދިން ކުޅުންތެރިން ތިބި ނަމަވެސް އޭގެ އެޑްވާންޓޭޖް ނެގޭނެ ހާލަތެއް ދިވެހި ފުޓްބޯޅަ އޮތްގޮތުން ނެތް ކަމަށް އިންމަ ބުންޏެވެ.

"މީގައި އެޑްވާންޓޭޖެއް އޮތެކޭ ނުބުނެވޭނެ. ތަފާތެއް ގެނެވޭނީ ދައްކާ ޕާފޯމަންސް. މާޒިޔާ އަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޓީމު. އެ ޓީމާ ދެކޮޅަށް ނުކުންނައިރު ވިސްނަންޖެހޭ ކަންތައްތައް ވެސް ހުންނާނެ،" އިންމަ ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އިންމަ ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އިންމަ ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހަ މަސް ވަންދެން ފުޓްބޯޅަ ނުކުޅެ އޮތުމަށް ފަހު މި އަހަރުގެ ފުޓްބޯޅަ ސީޒަން ފަށައި ފުރަތަމަ ހަތަރު މަސް ނުނިމެނީސް 60 އަށް ވުރެ ގިނަ ދުވަހާ ގާތްކުރާ ވަރުގެ ދެ ބްރޭކް ނެގުމުން އޭގެ ގެއްލުން ކުޅުމަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް އިންމަ ބުންޏެވެ.

އޭނާ ބުނީ ޕްރީ ސީޒަނެއް ޖަހަައިގެން ސީޒަނަށް ތައްޔާރުވެފައި ދެ މެޗެއް ކުޅެފައި ކުޅުންތެރިން މުބާރާތުގެ ވިސްނުމަށް ހާނުވާފައި ކުރިއަށް ދަނިކޮށް އަނެއްކާ ބްރޭކްތަކެއް ނެގުމުން ކޯޗުންނަށް އޭގެ އޮންނަ ތަކުލީފުތައް ބޮޑު ކަމަށެވެ. އަދި ޕްރީ ސީޒަނާއި ސީޒަނުގެ ތެރޭގައި ކުރާ ޕްރެކްޓިސް ތަފާތު ކަމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ބްރޭކްތަކެއް އަޔަސް ގިނަ ޕްރީ ސީޒަންތަކެއް ނުޖެހޭނެ ކަމަށް އިންމަ ބުންޏެވެ.

"ސީޒަން ފަށާފައި ޓޯނަމަންޓް މެންޓަލިޓީ ކުޅުންތެރިން ސިކުނޑި އަށް ވަދެ ރަނގަޅު ފޯމެއްގައި އިންދާ މި ކަހަލަ ބްރޭކްތައް އައުމަކީ ކޮންމެ ކޯޗަކަށް ވެސް ނުތަނަވަސްކަން އަންނާނެ ކަމެއް. ގާތްގަނޑަކަށް މަހެއްގެ ތެރޭގައި މެޗެއް ކުޅެވިފައި މި ހުރީ. އެއީ ވަރަށް ބޮޑު ގެއްލުމެއް ޓީމާއި ކޯޗުންނަށް. ފަސް މަސް ތެރޭގައި ދެ ޕްރީ ސީޒަން ނުގެނެވޭނެ. އެކަމަކު ވީ ވަރަކުން ކުރެވޭތޯ މި ބަލަނީ،" ގައުމީ ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ވެސް މަސައްކަތްކުރި އިންމަ ބުންޏެވެ.

އެހެން ޓީމުތަކެކޭ އެއްގޮތަށް ދަ ގްރާންޑޭ އަށް ވެސް މާލީ ގޮތުން މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، އެކަމުން އަރައިގަންނަން އެ ކްލަބުން އަންނަނީ މަސައްކަތްކުރަމުންނެވެ. އިންމަ ބުނީ ފުޓްބޯޅައިގެ ޓެކްނިކަލީ އެ ހުންނަ ގޮންޖެހުންތައް އެއް ފަރާތްކޮށްފައި މާލީ ގޮތުން އެ ޓީމު އޮތް ހާލަތަށް ބަލާއިރު މި ދިޔަ ބްރޭކަކީ އެ ޓީމަށް ރަނގަޅެއް ގޮތުގައި ދެކެވެން އޮތް ސަބަބަކީ އެ ޓީމު އޮތް މާލީ މައްސަލަތަކުން އަރައިގަންނަން ލިބުނު ވަގުތުތަކެއް ކަމަށް ވުމުންނެވެ.

"އޭރު އެ ދިޔަ ގޮތަށް ކުރިއަށްދިޔަ ނަމަ މި ޓީމު ސަވައިވްވާން ވެސް އުނދަގޫވާނެ. މިހާރު ޓީމުގެ މެނޭޖްމަންޓުން އަންނަނީ އެކި ގޮތްގޮތުން މަސައްކަތްކުރަމުން،" އިންމަ ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ 9 ޖަހާއިރު އެވެ.