Roadha Mihaaru
ފުރުސަތު ގެއްލުނަސް ޒިދާންގެ ކަންބޮޑުވުމެއް ނެތް

ފުރުސަތު ގެއްލުނަސް ޒިދާންގެ ކަންބޮޑުވުމެއް ނެތް

03 ޑިސެމްބަރ 2017

މެޑްރިޑް (ޑިސެމްބަރު 3) - ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އެތުލެޓިކް ބިލްބާއޯއާ ލަނޑެއް ނުޖެހި އެއްވަރުވެ، ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ގެއްލުނަސް ކަންބޮޑުނުވާ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

އިއްޔެ ބާސެލޯނާ ކުޅުނު މެޗުން ސެލްޓަ ވިގޯއާ 2-2 އިން އެއްވަރުވުމުން ރޭ ބިލްބާއޯ ބަލިކޮށް ރެއާލަށް ބާސެލޯނާއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ހަ ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު އޮތެވެ. ރެއާލަށް ފުރުސަތު ގެއްލުނީ ބިލްބާއޯއާ އެއްވަރުވުމުންނެވެ.

ލީގުގެ އެއް ވަނައިގައި ބާސެލޯނާ އޮތީ 14 މެޗުން 36 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އަށް 13 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ. ތިން ވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ ރޭ ރެއާލް ސޮސިއެޑާޑް އަތުން 2-1 އިން ހޯދި މޮޅާ އެކު 14 މެޗުން 30 ޕޮއިންޓް ހަމަކޮށްގެންނެވެ. ރެއާލަށް 14 މެޗުން ލިބުނީ 28 ޕޮއިންޓެވެ. ފަސް ވަނައިގައި އޮތް ސެވިއްޔާ އިން ވެސް ވަނީ 14 މެޗުން 28 ޕޮއިންޓް ހޯދައިފަ އެވެ.

"އަހަރެމެންނަށް ވުރެން ކުރީގައި އެބައޮތް ތިން ޓީމެއް. އަދި އެބައޮތް ހަ މަސް ކުރިއަށް. އަހަރެމެން ކުޑަތަންކޮޅެއް ފަހަތުގައި އޮތަސް އެނގޭ އެހެން ޓީމުތަކާ ހަމަކުރެވޭނެކަން،" ފީފާއިން އެންމެ ފަހުން ހޮވި ބެސްޓް އެވޯޑްސްގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދި ޒިދާން ބުންޏެވެ.

ރޭގެ މެޗު ރެއާލުން ނިންމާލީ 10 ކުޅުންތެރިންނާ އެކު އެވެ. އެއީ ދެ ވަނަ ހާފުގެ ފަހު ވަގުުތު އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. ރާމޯސް އަށް ކެރިއަރުގައި ދެއްކި 24 ވަނަ ރަތް ކާޑުގެ ސަބަބުން ރެއާލް އަންނަ ހަފްތާގައި ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗު އޭނާ އަށް ގެއްލޭނެ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ރެއާލް އިތުރަށް ލީގުގެ ފުލަށް ވެއްޓުމުގެ ފުރުސަތު އެބައޮތެވެ. އެއީ މި މަހު 13 އިން 16 އަށް ކްލަބް ވޯލްޑް ކަޕުގައި ކުޅޭއިރު، ލަލީގާގައި އެ ޓީމުގެ ކުޅޭ މެޗު އޮތީ ފަސްކޮށްފަ އެވެ.