07 ޖުލައި 2016
ލަންޑަން (ޖުލައި 7) - އިރާގުގެ ރައީސް ސައްދާމު ހުސޭނުގެ އަތްޕުޅުގައި ނުރައްކާތެރި ހަތިޔާރު ހުރި ކަމަށް ބުނެ އިރާގު ހަނގުރާމައިގެ ތެރެއަށް އިނގިރޭސި ވިލާތް މާ އަވަހަށް ވެއްދީ އެމެރިކާ އިން ބާރު އަޅައިގެން ކަމަށް އެ ދުވަސްވަރު އިނގިރޭސި ވިލާތުން އދ. އަށް ކަނޑައަޅާފައި ހުރި ސަފީރު ޖެރެމީ ގްރީންސްޓޮކް ވިދާޅުވެއްޖެ އެވެ.
ލަންޑަން (ޖުލައި 7) - އިރާގުގެ ރައީސް ސައްދާމު ހުސޭނުގެ އަތްޕުޅުގައި ނުރައްކާތެރި ހަތިޔާރު ހުރި ކަމަށް ބުނެ އިރާގު ހަނގުރާމައިގެ ތެރެއަށް އިނގިރޭސި ވިލާތް މާ އަވަހަށް ވެއްދީ އެމެރިކާ އިން ބާރު އަޅައިގެން ކަމަށް އެ ދުވަސްވަރު އިނގިރޭސި ވިލާތުން އދ. އަށް ކަނޑައަޅާފައި ހުރި ސަފީރު ޖެރެމީ ގްރީންސްޓޮކް ވިދާޅުވެއްޖެ އެވެ.
އޭނާ މި މޭރުމުން ވާހަކަ ދައްކާފައި ވަނީ ދިގު އިންތިޒާރަކަށް ފަހު އިރާގު ހަނގުރާމަ ތަހުގީގު ކުރި ކޮމިޝަނުގެ ރިޕޯޓް ނެރުމާ ގުޅިގެންނެވެ. ކޮމިޝަނުގެ ޗެއާމަން ޖޯން ޗިލްކޮޓް ނެރުއްވި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެއާ ވަނީ އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސޭނުގެ ނުރައްކާ މާބޮޑުކޮށްލާފައި ކަމަށާއި އިރާގު ހަނގުރާމަ އަށް އަވަސް އަރުވާލައިގެން ފޮނުވީ ވެސް ރަނގަޅަށް ތައްޔާރު ނުވެ އޮތް ލަޝްކަރެއް ކަމަށާ އަދި ހަނގުރާމަ އަށް ފަހު ވެސް ކަންކުރާނެ ގޮތުގެ ޕްލޭނެއް ނެތް ކަމަށެވެ.
އެމެރިކާގެ ކުރީގެ ރައީސް ބުޝް (ކ) އާއި އިނގިރޭސި ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެއާ. --ފޮޓޯ:ބީބީސީ
އިނގިރޭސި ވިލާތުން 2003 ވަނަ އަހަރު އދ. އަށް ކަނޑައަޅާފައި ހުރި ސަފީރު ގްރީންސްޓޮކް ވިދާޅުވީ އިރާގާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް ބްލެއާ ބޭނުންވީ އދ.ގެ ގަރާރަށް ފަހު ކަމަށެވެ. އެކަމަކު އެމެރިކާގެ އޮފިޝަލުން ވަނީ އެއީ ބޭކާރު ކަމެއް ކަމަށް އިނގިރޭސިން ގާތު ބުނެފަ އެވެ.
ތަހުގީގު ކޮމިޓީގެ ޗެއާމަން ޖޯން ޗިލްކޮޓް ވިދާޅުވީ 2003 ވަނަ އަހަރު އިރާގަށް އަރައިގަތުމަކީ ބްލެއާ އަށް ކުރެއްވެން އޮތް އެންމެ ފަހު ކަންތައް ނޫން ކަމަށެވެ. އަދި ސައްދާމު ހުސޭނުގެ ފަރާތުން ކަނޑައެޅިގެން ބިރެއް ނެތް ކަމަށާއި އިންޓަލިޖެންސް މައުލޫމާތު ވެސް އޮތީ އޮޅުވާލާފައި ކަމަށް ހަތް އަހަރަށް ފަހު ނެރުނު ރިޕޯޓުގައި ބުނެފައިވެ އެވެ.
ގްރީންސްޓޮކް ވިދާޅުވީ އިރާގުގައި ނުރައްކާތެރި ހަތިޔާރު ހުރިތޯ ބެލުމުގެ މަސައްކަތް ކުރި އދ. ގެ އިންސްޕެކްޓަރުންނަށް އިތުރު ހަ މަސް ދުވަސް ދިން ނަމަ މާ ބޮޑަށް ވެސް ރަނގަޅުވީސް ކަމަށެވެ.
އިރާގު ހަނގުރާމާއިގެ ޕްލޭނިން މަރުހަލާގައި އުޅުނު އިނގިރޭސި ވިލާތުގެ އެންމެ ސީނިއާ އޮފިޝަލް ކަމަށްވާ ޖެނެރަލް ޓިމް ކްރޮސް ވިދާޅުވީ ހަނގުރާމަ އަށް ފަހު ދެން ވެދާނެ ގޮތަކާ ބެހޭ ގޮތުން ދެއްކި އެއްވެސް ވާހަކައެއް އެ ދުވަސްވަރު އެމެރިކާގެ ދިފާއީ ވަޒީރުގެ މަގާމުގައި ހުންނެވި ޑޮނާލްޑް ރަމްސްފެލްޑް ގަބޫލް ކުރައްވާފައި ނުވާ ކަމަށެވެ. އަދި އެމެރިކާ ވަނީ އެހެން ބައެއްގެ މަޝްވަރާއެއް ނެތި އިރާގު ސިފައިންނާއި ވެރިކަންކުރާ ބާސް ޕާޓީ "ހަލާކުކޮށްލާފައި" ކަމަށް އޭނާ ވިދާޅުވި އެވެ.
އިރާގު ހަނގުރާމައާ ގުޅޭ ރިޕޯޓް ކޮމިޝަނުގެ ޗެއާމަން ޗިލްކޮޓް ނެރެދެއްވަނީ. --ފޮޓޯ:އޭއެފްޕީ
ޗިލްކޮޓުގެ ރިޕޯޓަށް ކޮމެންޓް ނުކުރާނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.
އިރާގު ހަނގުރާމައިގައި އެއްވެސް ކަމެއް ގޯހުން ހިނގާފައިވާ ނަމަ ބްލެއާ ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް އިރާގަށް ސިފައިން ފޮނުވުން ވަނީ ދިފާއު ކުރައްވައިފަ އެވެ. އަދި އެކަމުގައި ޕާލަމެންޓަށާއި ކެބިނެޓަށް އޮޅުވާލައްވާފައި ނުވާނެ ކަމަށާއި އިރާގަށް އިނގޭސި ސިފައިން ފޮނުވުމުގެ ފުރިހަމަ ޒިންމާ ނަންގަވާ ކަމަށް ބްލެއާ ވިދާޅުވި އެވެ.
އިރާގަށް އިނގިރޭސި ސިފައިން ފޮނުވުމަށް ބްލެއާ ބާރު އެޅުއްވީ އެމެރިކާގެ ރައީސް ޖޯޖް ޑަބްލިއު ބުޝްއާ އޭރު އޮތް ގުޅުމުގެ ސަބަބުން ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
އިރާގަށް ސިފައިން ފޮނުވުމަށް އިނގިރޭސި ޕާލަމެންޓުން ނިންމީ އެންމެ ފަހު ވަގުތު އެވެ. މި ނިންމުމާ ގުޅިގެން ގިނަ ބަޔަކު ވަނީ މަގުތަކަށް ނުކުމެ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ޗިލްކޮޓުގެ ރިޕޯޓަށް ފަހު ބައެއް ފަރާތްތަކުން ދަނީ ބްލެއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ގޮވާލަމުންނެވެ.
އިރާގަށް ސިފައިން ފޮނުވުމަށް 2003 ވަނަ އަހަރު ވޯޓު ދެއްވި މިހާރުގެ ބޮޑު ވަޒީރު ޑޭވިޑް ކެމަރަން ވިދާޅުވީ ކުރިމަގަށް ފިލާވަޅު ލިބިގަތުމަކީ މުހިންމު ކަމެއް ކަމަށާއި ސަރުކާރުގެ ހިންގުން ވެސް އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. ރަނގަޅު ތައްޔާރީ ހާލަތުގައި ނޫން ގޮތަކަށް ހަނގުރާމަ އަށް ސިފައިން ފޮނުވުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށާއި މި ކަމުން ލިބިގަންނަން ޖެހޭނެ އިބްރަތަކީ ދެން މިފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުން ކަމަށް ކެމަރަން ވިދާޅުވި އެވެ.
އިރާގު ހަނގުރާމައާ ބެހޭ ރިޕޯޓް ނެރުނު އިމާރާތުގެ ބޭރުގައި އެމެރިކާގެ ކުރީގެ ރައީސް ބުޝް އާއި ކުރީގެ ބޮޑު ވަޒީރު ބްލެެއާ ދެކޮޅަށް ބަޔަކު އަޑު އުފުލަނީ. --ފޮޓޯ:އޭއެފްޕީ
ސިފައިން ފޮނުވުމާ ދެކޮޅަށް ވޯޓު ދެއްވި ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިން ވިދާޅުވީ އިރާގު ހަނގުރާމަ އަކީ ނުބައި މައުލޫމާތުގެ އަލީގައި ގައުމަކަށް އަރައިގަތުން ކަމަށެވެ. ހަނގުރާމައިގައި މަރުވި ސިފައިންގެ އާއިލާތަކާ ބައްދަލު ކުރެއްވުމަށް ފަހު ކޯބިން ވަނީ އިނގިރޭސި ސިފައިން އިރާގަށް ފޮނުވަން ނިންމީތީ އޭނާގެ ޕާޓީގެ ފަރާތުން މައާފަށް އެދިވަޑައިގެންފަ އެވެ. އަދި އަސްކަރީ މި ޖަރީމާގައި ޒިންމާވާ މީހުންގެ މައްސަލަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ގެންދިއުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
އިރާގު ހަނގުރާމައިގައި އިނގިރޭސި ސިފައިންގެ 179 މީހުން ވަނީ މަރުވެފަ އެވެ.
އާއްމު ރައްޔިތުންނާއި ޕާލަމެންޓުގެ ޕްރެޝަރާ ހެދި އިރާގު ހަނގުރާމަ ތަހުގީގު ކުރަން ނިންމެވީ ބްލެއާގެ ފަހުން ބޮޑު ވަޒީރުކަމަށް ވަޑައިގެންނެވި ގޯޑަން ބްރައުންނެވެ. ޖޫން 2009 ގައި ފެށި މި މަސައްކަތަށް ވަނީ 12 މިލިއަން ޑޮލަރު ހޭދަވެފަ އެވެ. ރިޕޯޓުގައި 2.6 މިލިއަން ބަސް ހިމެނެ އެވެ.
އިރާގު ހަނގުރާމަ ގާނޫނާ ޚިލާފު: ބްލެއާގެ ނައިބް
"ބްލެއާ އިރާގަށް ސިފައިން ފޮނުވީ ހުއްޖަތެއް ނެތި"
ސަދްރުގެ ސަޕޯޓަރުން އަނެއްކާވެސް ޕާލަމެންޓް ހިފައިފި
އިރާގުގެ ހޮސްޕިޓަލެއްގައި ރޯވެ 50 މީހުން މަރުވެއްޖެ
އިނގިރޭސި ސިފައިން ވަނީ ޖެނީވާ މުއާހަދާއާ ޚިލާފުވެފަ
އިނގިރޭސި ޚާއްސަ ލަޝްކަރު މަރުގެ ލިސްޓަކާ އެކު އިރާގުގައި
އަބޫ ޣުރައިބު ޖަލުގެ އަނިޔާގެ ބަދަލަށް 42 މިލިއަން
ޑްރަގް ވިޔަފާރީގެ ހަބަކަށް އިރާގު އެބަ ބަދަލުވޭ: އދ
އިރާގުގައި ސިފައިންގެ މަރުކަޒު ގޮވީ ހަމަލާއަކުން ނޫން
އިރާގު ތެރެއިން ސީރިއާއަށް ވަރުގަދަ ހަމަލާއެއް