24 ނޮވެމްބަރ 2017
ދިވެހި ބަހުގެ މުއްސަނދިކަމާއި ފަސޭހަކަމާއި ބޭނުންތެރިކަމާ ބެހޭ ގޮތުން އާއްމުންގެ ތެރޭގައި ވަރަށް ބޮޑަށް ވާހަކަދެކެވޭ ދުވަސްވަރެކެވެ. ސޯޝަލް މީޑިއާގެ މަގްބޫލުކަމާ އެކު ފުޅާވެގެން ގޮސްފައިވާ މި ބަހުސްގެ ފޯރި ދޭތެރެދޭތެރެ އިން ގަދަކޮށްލަނީ ދިވެހި ބަހުގެ އެކެޑަމީން އަލަށް ހަދާ ލަފްޒުތަކެވެ. މިދިޔަ ހަފްތާގައި ތައާރަފްކުރި ތިން ލަފްޒު ވެސް ގިނަ ބައެއްގެ އަމާޒުފަތްގަނޑަކަށް ވަނީ ވެފަ އެވެ.
ދިވެހި ބަހުގެ މުއްސަނދިކަމާއި ފަސޭހަކަމާއި ބޭނުންތެރިކަމާ ބެހޭ ގޮތުން އާއްމުންގެ ތެރޭގައި ވަރަށް ބޮޑަށް ވާހަކަދެކެވޭ ދުވަސްވަރެކެވެ. ސޯޝަލް މީޑިއާގެ މަގްބޫލުކަމާ އެކު ފުޅާވެގެން ގޮސްފައިވާ މި ބަހުސްގެ ފޯރި ދޭތެރެދޭތެރެ އިން ގަދަކޮށްލަނީ ދިވެހި ބަހުގެ އެކެޑަމީން އަލަށް ހަދާ ލަފްޒުތަކެވެ. މިދިޔަ ހަފްތާގައި ތައާރަފްކުރި ތިން ލަފްޒު ވެސް ގިނަ ބައެއްގެ އަމާޒުފަތްގަނޑަކަށް ވަނީ ވެފަ އެވެ.
ކުރިން އަޑު އިވިފައި ނެތް ލަފްޒެއް އައިމާ އޭގެ އާކަން މީހުންނަށް އާދަޔާޚިލާފު ގޮތަކަށް ނަގައިގަނެވެނީ ކަމަށް ވެސް ވެދާނެ އެވެ. ކޮންމެއަކަސް، ކޮންމެވެސް ސަބަބަކާ ހެދި، ކޮންމެ އާ ލަފްޒަކާ އެކު ވެސް ބަހުގެ އެކެޑަމީ އަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަބަދުވެސް އަމާޒުވެ އެވެ. އެންމެ އާއްމު ކޮމެންޓަކީ ބަހުގެ އެކެޑަމީގެ ނަމުގައި އޮތް "އެކެޑެމީ" އަށް ހަގީގީ ދިވެހި ލަފްޒެއް ނަހަދައި ހަމައެކަނި ފިލި ބަދަލުކޮށްލި ވާހަކަ އެވެ. "ޑައިނަސޯ" އަށް ކިޔާނެ ދިވެހި ނަމެއްގެ ގޮތުގައި ތައާރަފްކުރި "ސާރު" އާއި ބްރިޖްގެ ދިވެހި ދެ ލަފްޒު ކަމަށްވާ "ބުރިޖު" އަދި "ދާލަން" ވެސް މަލާމާތާއި ފާޑުކިޔުންތަކުން ސަލާމަތެއް ނުވި އެވެ. އެކަކު ސުވާލުކުރީ "މިއީ އާއްމު ރައްޔިތުންނަށް އުނދަގޫކުރަން އުޅޭ އެކެޑަމީއެއް"ތޯ އެވެ.
ގިނަ ބަޔެއްގެ ސުވާލަކީ އާ ލަފްޒެއް ހަދަނީ ކޮން ގޮތަކަށް ބަލައި ކިހާ މަސައްކަތެއް ކޮށްގެންތޯ އެވެ. ސަބަބަކީ، މި ފަހަރު މި ތައާރަފްކުރި ތިން ލަފްޒަށް ބަލާ އިރު ވެސް އިނގިރޭސި ލަފްޒުން ނުވަތަ އެހެން ދިވެހި ލަފްޒަކުން ބައެއް ނަގައި ބޭނުންކޮށްފައި ވުމެވެ. މިސާލަކަށް، "ޑައިނަސޯ" އަށް "ސާރު"ގެ ނަން ދިނީ އިނގިރޭސި ލަފްޒު ނިމޭ ތިން އަކުރު ބޭނުންކޮށްގެން ކަމަށް އެއް ބަޔަކު ދެކެ އެވެ. އަދި "ބްރިޖް" ދިވެހިކޮށްލަން އުބުފިލި ޖަހައި "ބުރިޖު" އަށް ބަދަލުކޮށްފައިވާ އިރު "ދާލަން" އަކީ "ފާލަން"ގެ ފަހު ދެ އަކުރެވެ. އެހެންވެ، ފޭސްބުކްގައި އެކަކު ބުނީ، މި އުސޫލުން ލަފްޒުތައް ހަދަންޏާ، މިސާލަކަށް "އެކްސްކިއުޒް މީ" ދިވެހި ކޮށްލީމާ ބަދަލުވެގެންދާނީ ހަމައެކަނި "މީ" އަށް ކަމަށެވެ. އެކަމަކު މިއީ މައްސަލައެއްތޯ ނުވަތަ ނޫންތޯ އެއީ ހަމަ ބަހުސްކުރެވިދާނެ ކަމެކެވެ.
"ޑައިނަސޯ"ގެ ދިވެހި ނަމަކީ "ސާރު" ކަމަށް ބަހުގެ އެކެޑަމީން އިއުލާންކުރުމާ އެކު ސޯޝަލް މީޑިއާގައި ޖޯކުޖަހަން ވަނީ ފަށައިފަ އެވެ. އެފަދަ ބައެއް ކޮމެންޓްތަކުގެ ތެރޭގައި:
"ވަރަށް ފަސޭހަ ގޮތެއް ނަން ހަދަން. ޑައިނަސޯ = ސާރު، ކޮމްޕިއުޓަރު = ޕޫތަރު"
"ސާރު އެއީ އިންޑިއާގައި ސޫޕަކަށް ކިޔާ ނަމެއް ނޫންތަ؟"
"ޑައިނޮސާރު ވެސް އޯކޭ. އެކަމަކު ދެން ސާރު މީ އަޅެ ކޯއްޗެއް؟"
"ކުޑަކުދިން ވާހަކަދައްކަން ދަސްކުރާ ދުވަސްވަރު މި ގޮތަށް ކިޔައިއުޅޭ. ފައިވާން = ވާން ކިޔާ ގޮތަށް."
ބައެއް މީހުން ބުނަނީ "ސާރު"އަކީ އެއްގޮތަކަށް ވެސް "ޑައިނަސޯ"އާ ގުޅޭ ނަމެއް ނޫން ކަމަށެވެ. އަދި މި ގޮތަށް ލަފްޒު ހެދުމަކީ ބޭކާރު ކަމެއް ކަމަށާއި ދިވެހި ބަހަށް ޒުވާނުންގެ ޝައުގުވެރިކަން ގެއްލެނީ ވެސް މިފަދަ ސަބަބުތަކާ ހެދި ކަމަށް ޚިޔާލުފާޅުކޮށްފައިވެ އެވެ. އަދި އެކަކު ހުރީ "ސާރު"އާ ހެދި، "ދިވެއްސަކަށް ވީތީ ވެސް ލަދުގަންނަ" ހިސާބަށް ގޮސްފަ އެވެ.
"ދިވެހި ބަހުން ތާކުންތާކު ނުޖެހޭ ނަން ހަދައިގެން ކިޔަން ފެށީމަ ލަދުގަނޭ. ދިވެއްސަކަށް ވީތީ ވެސް ލަދުގަނޭ."
ކޮމެންޓްތަކުގެ ތެރޭގައި:
"އެއްވެސް އުފެއްދުންތެރިކަމެއް ނެތް. ޑައިނަސޯގެ ފަހު ބައި ކޮޕީކޮށްލީ. އާ ލަފްޒުތައް ނުހިނގަނީ މިހެންވެ."
"މިއީއޭ ކުދިން ދިވެހި ބަހާ ދުރުވާ ސަބަބަކީ."
"މިހާ ވަރުގަދަ އެއްޗަކަށް ހާދަ ނިޔަނެތި ނަމެކޭ."
"ތި ކިޔާނެ މީހަކު މި ގައުމަކު ނޫޅޭ. ޑައިނަސޯ ކީ ނަމަ މާ ރަނގަޅުވީސް. އޭރުން 'އެކެޑަމީ' ގޮތަށް އިތުރު ބޭކާރު ބަހެއް ނުހަދާ ވީސް."
"ޑައިނޯ ކަނޑާލާފައި ދިވެހިކުރަން ސާރު ކިޔަސް ގިނަ ދިވެހިން ކިޔާނީ ހަމަ ޑައިނަސޯ."
"'އެކެޑެމީ' އަށް ބަހެއް ނުހަދާ 'އެކެޑަމީ' ކީ ގޮތަށް ކީއްވެ ޑައިނަސޯ އަށް ޑައިނަސޯރު ނުކީ."
ހަރުދަނާ ޚިޔާލުތަކެއް ވެސް ބައެއް މީހުން ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި، "ސާރު"ގެ ބަދަލުގައި "ޑައިނަސޯ" އަށް ދެވިދާނެ "މާ ހައިބަތު ހުރި" އެހެން ނަންތައް ހިމެނެ އެވެ. މިސާލަކަށް، "ސާރުސޮރު"، "ދިޔޯސާރު" އަދި "ދިގުސާރު" އެވެ. އެކަކު ބުނީ އިނގިރޭސި ލަފްޒު "ޑައިނަސޯ" އައި ގޮތަށް ބަލާ އިރު، "ބިރުވެރިބޮނޑު" ނުވަތަ "ބިރުބޮޑުބޮނޑު" ކިޔުން މާ އެކަށީގެންވާ ކަމަށެވެ.
"މަހާ ކީއްވެތޯ ނުލީ؟ މަހާ ރެހެންދި، މަހާ ޖައްރާފު، މަހާސަމާ. މަހާ ސާރު ކީ ނަމަ ވަރަށް ސަޅިވީސް،" އެހެން މީހަކު ލިޔެފައިވެ އެވެ.
"ށަވިޔަނިން ފެށޭ ބަހެއް ކީ ނަމަ ދޯ؟ ށަވިޔަނިން ފެށޭ ބަސް ނުހުންނަ އިރު،" އެކަކު ޚިޔާލު ދިނެވެ.
ކުޑަކުދިންގެ މެދުގައި މަގްބޫލުކަން ބޮޑު ޑައިނަސޯގެ ތަފާތު އެކި ވައްތަރުތައް ހުންނަ އިރު ދިވެހިން ނަން ކިޔާނީ ކިހިނެއްތޯ މީހަކު ސުވާލުކުރީމާ ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ފޭސްބުކްގައި ވިދާޅުވެފައި ވަނީ "ސާރު"ގެ ކުރިއަށް އެ ވައްތަރުތައް ގުޅުވާލާނީ ކަމަށެވެ.
"(މިސާލަކަށް) ނަގޫސާރު، އަލިފާން ސާރު، ގުދުލީ ސާރު، މި މޭރުމުން،" އަޝްރަފް ޖަވާބުދެއްވާފައިވެ އެވެ.
"މަށަށް ހީވާ ގޮތް: ކުޑަކުއްޖަކަށް ފާލަން ކިޔަން އުޅެ ނުކިއިގެން ކިޔުނު އެއްޗެއް. ދާލަން. އެކަމަކު ދެން އޯކޭ. ފާލަން އެއީ ރަށަށް އަރާ ފޭބުމަށް. ދާލަން އެއީ ދެ ތަނެއް ގުޅުވާލުމަށް،" "ބްރިޖް" އަށް ބޭނުންކުރާނެ ދެ ލަފްޒު ތައާރަފްކުރުމާ އެކު ފޭސްބުކް ކޮމެންޓެއްގައި މީހަކު ލިޔެފައިވެ އެވެ.
އެހެން މީހަކު ސުވާލުކުރީ "'ފާލަން' ދާލަން އަކަށް ވީތޯ؟" އެވެ. ބައެއް މީހުން މާނަކުރަނީ "ފާލަން އެއީ ޖެޓީ، ދާލަން އެއީ ބްރިޖް"ގެ ގޮތުގަ އެވެ. އެކަމަކު އަނެއް ބަޔަކު ސުވާލުކުރަނީ ދިވެހި ބަހުގައި "ފާލަން"އަކީ "ބްރިޖް"ގެ މާނަ ވެސް އޮތް ލަފްޒަކަށް ވާއިރު މުޅިން އާ ލަފްޒެއް ހަދަން ޖެހޭތޯ އެވެ.
ދިވެހި ބަސްފޮތް ބުނާ ގޮތުން "ޖެޓީ" އަދި "ބްރިޖް"ގެ މާނައިގައި ވެސް "ފާލަން" ބޭނުންކުރެވެ އެވެ:
ޅެން ބައިތަށް އިޝާރާތްކޮށް އެއް ބަޔަކު ބުނަނީ ބަހަކީ "ގުދުރަތުގެ އެއްޗެއް" ކަމަށާއި އެއީ ހަދާ އެއްޗެއް ނޫން ކަމަށެވެ. މި އާ ލަފްޒުތައް އާއްމުކޮށް މީހުން ބޭނުންކޮށްފާނެ ކަމަށް ނުދެކޭ މީހުން ގަބޫލުކުރާ ގޮތުގައި "ބަހެއް ބަހަކަށް ވަނީ އެ ތާނގައި އުޅޭ ބަޔަކު ބޭނުންކުރުމުން"ނެވެ.
"ބަސް އެއީ ހަދާ އެއްޗެއް ނޫނެވެ. އެއީ މުޖުތަމައުގައި އެއްޗަކަށް ނުވަތަ ކަމަކަށް މުޚާތަބު ކުރަމުން އައިސް އެ މުޖުތަމައުގައި ވައިގައި ހިފާ 'ބަސް' ބަހެވެ. ހަމަ ދެ މީހަކު ތިބެފައި ދައުލަތުގެ ނިވާފަތްގަނޑުގައި ތިބެ އެބްސޮލިއުޓްކޮށް ކަމަކަށް/ އެއްޗަކަށް ނަން ކިޔުމެއް ނޫނެވެ. އެހެން ބަސްބަހުގައި ވެސް އެ ބަހެއްގެ ރަދީފަށް 'ބަހެއް' ހިމަނަނީ އާއްމުކޮށް އެ ބަހެއް ސޮސައިޓީގައި ބޭނުންކުރަން ފެށީމަ އެވެ. ނޫނީ ވިއްޔާ ގިނަ މީހުން ބޭނުންކުރަނީ އެ ބަހަކަށް ގިނަ މީހުން ބޭނުންކުރާ 'ފޮރިން ވޯޑް' އެވެ،" އެކަކު ޚިޔާލު ފާޅުކޮށްފައިވެ އެވެ.
ފާޑުކިޔުންތައް ކިތަންމެ ގިނަޔަސް، އާ ލަފްޒުތަކުގެ ބޭނުންތެރިކަމާ މެދު ބަހުގެ އެކެޑަމީ އަށް ޝައްކެއް ނެތެވެ. އެ ތަނުން އަންނަނީ ބޭރު ބަސްބަހުގެ ލަފުޒުތަކަށް ކަނޑައަޅާ ދިވެހި ލަފުޒުތައް ހިމަނައިގެން "ބަސްތޫރަ"އެއް ނެރެމުންނެވެ. (ތޫރައަކީ އިނގިރޭސިބަހުގެ "ބުލެޓިން" އަށް ކިޔާ ދިވެހި ލަފުޒެވެ.) އާ ލަފްޒުތައް ހަދަނީ އެކެޑަމީގެ ބަސް ކޮމިޓީގެ އިލްމީ ލަފާގެ މަތިންނެވެ.
އެކެޑެމީގެ ރައީސް އަޝްރަފް ގަބޫލުކުރައްވާ ގޮތުގައި މިހާރުގެ ހާލަތަށް ބަލާ އިރު އާ ލަފްޒުތަކެއް ނެރުމުގެ މުހިއްމުކަން ވަރަށް ބޮޑެވެ. އެއީ "ދިވެހި ބަހުގެ ފާގަތިކަމާއި ތަރައްގީ އަށް ލިބޭ އިތުރު ކުރިއެރުމެއް" ކަމަށާއި "ދިވެހި ބަސް ތަރައްގީކުރުމުގެ މަސައްކަތަކީ ދިވެހި ކޮންމެ ފަރުދެއްގެ ވާޖިބެއް" ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ.
"ދިވެހިބަހާ މަސްހުނިކޮށްގެން ވަރަށް ގިނަ ބޭރު ބަސްބަހުގެ ލަފުޒުތައް ބޭނުންކުރެވެމުން ދާ ދުވަސްވަރެއްގައި މި ފަދަ ތޫރައެއް ނެރުމަށް ގަސްތުކުރީ މި ކަމުގެ ބޭނުން ދިވެހި މުޖުތަމައަށް މި ހިނދަށް އޮތް ލެއް ބޮޑުކަމުންނެވެ،" އެކެޑަމީގެ ވެބްސައިޓުގައި އަޝްރަފް ލިޔުއްވާފައިވެ އެވެ.
"އަޅުގަނޑު އުންމީދުކުރަނީ ބަސްތޫރައިގެ ސަބަބުން ދިވެހި ރައްޔިތުންނަށް އައު ލަފުޒުތައް ދަސްވުމެވެ. ދިވެހި ބަހުގެ ވާހަކަދެއްކުމުގައި ބޭރު ބަސްބަހުގެ ލަފުޒުތަކަށް ބަރޯސާވާ ބަރޯސާވުމަށް ކުޑަ ނަމަވެސް ހައްލެއް އައުމެވެ."
އޮޅުން ބޮޅުން: ދިވެހި ބަހުގެ އާ ލަފުޒުތައް
ދަރުމަންވަންތަ ހޮސްޕިޓަލުގެ ނަންތައް ބޮޑު ޖޯކަކަށް!
އޮޅުންބޮޅުން- މާދަރީބަސް
ބަހުގެ ދުވަސް ފާހަގަކުރަން އޮފީސްތަކުގައި އެސެމްބްލީއެއް
ދިވެހި ބަހުގެ ދުވަހު އަތުލިޔުމުގެ މުބާރާތެއް
ގޫގުލް އިން ދިވެހި ޓްރާންސްލޭޓް ކުރެވޭ ގޮތް ހަދައިފި
ދިވެހި ބަހުގެ އެކެޑަމީގެ އާ ރައީސަކަށް ޑރ. އަޝްރަފް
އިންސްޓަ ސްޓޯރީގެ ލިޔުންތައް މިހާރު ތަރުޖަމާކުރެވޭނެ
އެންމެ މަގުބޫލު އިމޯޖީ އަކީ "ލޮލް"
"ހަލުއިދާ" އަށް ޖަމީލް ދީދީ ދެއްވި ބަހުގެ ރެސިޕީ