Roadha Mihaaru
ދަރުމަންވަންތަ ހޮސްޕިޓަލުގެ ނަންތައް ބޮޑު ޖޯކަކަށް!

ދަރުމަންވަންތަ ހޮސްޕިޓަލުގެ ނަންތައް ބޮޑު ޖޯކަކަށް!

28 މެއި 2019

މީގެ ދެ އަހަރު ކުރިން އައިޖީއެމްއެޗުގައި ބޭއްވި ރަސްމިއްޔާތަކަށް ދިޔައީމެވެ. އެއީ އިންޑިއާގެ އެންޔޫ ހޮސްޕިޓަލާ ގުޅިގެން އައިޖީއެމްއެޗުގައި މޫތުގުރުދާ ނިޒާމާއި ވިޔަނަވަރު ސިއްހަތާ ބެހޭ ގައުމީ މަރުކަޒު ހުޅުވުމަށް ބޭއްވި ހަފުލާއެކެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މީގެ ދެ އަހަރު ކުރިން އައިޖީއެމްއެޗުގައި ބޭއްވި ރަސްމިއްޔާތަކަށް ދިޔައީމެވެ. އެއީ އިންޑިއާގެ އެންޔޫ ހޮސްޕިޓަލާ ގުޅިގެން އައިޖީއެމްއެޗުގައި މޫތުގުރުދާ ނިޒާމާއި ވިޔަނަވަރު ސިއްހަތާ ބެހޭ ގައުމީ މަރުކަޒު ހުޅުވުމަށް ބޭއްވި ހަފުލާއެކެވެ.

ހެލްތު މިނިސްޓަރާއި ސިއްހަތާ ބެހޭ ބޮޑެތި އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެން އެ ރަސްމިއްޔާތުގެ ބޭނުން، އެތަނުގައި ހަރުކޮށްފައިވާ ބެނާއަކުން ނޭނގުނެވެ. ދިވެހި ބަހުން ލިޔެފައި ހުރި ބަސްތަކުން ވާނުވާއެއް ނޭނގުނެވެ. އެކަމަކު އޭގެ އިނގިރޭސި ބަހަށް ބަލައިލުމުން މިއީ ދަރިމައިވުމުގައި ދިމާވާ މައްސަލަތަކާއި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ބަލިތަކަށް ފަރުވާ ދޭ ތަނެއް ހުޅުވުންކަން އެނގުނެވެ.

އެ ދުވަހު ލިޔުނު ހަބަރުގައި އެ ބަސްތައް ބޭނުން ކުރުމުން މީހުން ޖެހީ ޖޯކެވެ؛ ގިނަ މީހުން ސުވާލުކުރީ އެއީ ވެސް ދިވެހި ބަސް ތޯއޭ އެވެ.

އަނެއްކާ ވެސް ހަމަ މި ފަދަ ނަންތަކެކެވެ.

ދާދި ފަހުން ހިދުމަތް ދޭން ފެށި ދަރުމަވަންތަ ހޮސްޕިޓަލަށް ވަދެލައިފި ނަމަ އެތަނުގެ ކޮޓަރިތަކުގައި ހަރުކޮށްފައި ހުރި ނަން ބޯޑުތައް ފާހަގަނުވެ ނުދާނެ އެވެ. ކޮޓަރިތަކާއި އެތަނުން ދޭ ހިދުމަތްތައް ފާހަގަ ކުރުމަށް، އިނގިރޭސި ބަހާއި ދިވެހި ބަހުން ނަން ބޯޑު ހަރުކޮށްފައި ހުރި ނަމަވެސް ގިނަ މީހުންގެ ސަމާލުކަން ހުއްޓެނީ ދިވެހި ނަންތަކަށެވެ. ބޮޑުކޮށް ޖަހާފައި އިންނަނީ ވެސް ދިވެހި ބަސްތަކެވެ.

ސިޑިބަރި އަށް ދުމުގެ އަސަރު ކުރާލެއް ކުޑަކުރުމަށް ހަދާފައިވާ "ސްމޯކް ސްޓޮޕް ލޮބީ" އަކީ "ދުންމަތަ ލޮބީ" އެވެ. ސާފުކޮށްފައި ތަކެތި ރައްކާކުރާ ތަނަކީ "އަރެސް ދޮވެބަހައްޓާ ކޮޓާރު" އެވެ. "ގެވެހިދާރީ ކޮޓަރި" އަކީ ދޮވެ ސާފުކުރާ އެއްޗެއްސާއި ބެޑްޝީޓު ފަދަ އެއްޗެހި ރައްކާކުރާ ތަނެވެ. ދެން ހުރީ "އަގީމު ސަރައްކާލި" ފަދަ ނަންތަކެވެ.

އައިޖީއެމްއެޗުގެ އަންހެނުންގެ ހާއްސަ ޑޮކްޓަރު، އަސީލް ޖަލީލް މި ނަންބޯޑުތަކުގެ ފޮޓޯ ސޯޝަލް މީޑިއާ އަށް ދޫކޮށްލުމާ އެކު ގިނަ ބަޔަކު އަންނަނީ އެ ނަންތަކަށް ފާޑުކިޔަމުންނެވެ. ގިނަ މީހުންގެ ނަޒަރުގައި މިއީ މީހުންނަށް ކިޔަން އުނދަގޫ، ދިވެހިންނާ ބީރައްޓެހި ބަސްތަކެކެވެ. މިއީ ދިވެހިން ބޭނުން ކުރާނެ ބަސްތަކެއް ނޫން ކަމަށް އެންމެން ކަހަލަ ގޮތަކަށް ބުނެފައި ވެ އެވެ.

"އާ ދިވެހި ބަހެކޭ ކިޔާފައި ބަހެއް އުފެއްދިދާނެ. އެކަމަކު އެ ބޭނުން ކުރަން ތިބި މީހުންނަށް ވެސް ބަލާލަން ޖެހޭނެ. ކިޔާލަން އަދި އަހާލަން ފަސޭހަ ބަހެއް އުފެއްދުމަކީ އަޅެ ނުވާނެ ކަމެއްތަ،" ފޭސްބުކްގައި މީހަކު ސުވާލުކޮށްފައި ވެ އެވެ.

އެހެން މީހަކު ކުރި ޓްވީޓެކެވެ؛ ބަސްބަހަކީ މީހުން ހަދާ އެއްޗެއް ނޫނެވެ. އެއީ ދިރިއުޅޭ މާހައުލުގައި ވާހަކަ ދައްކާ ބަހުރުވައިން އަމިއްލަ އަށް އުފެދޭ އެއްޗެކެވެ. ޒަމާނާ އެއްގޮތަށް ބަދަލުވާ އެއްޗެކެވެ.

"ދިވެހިން ލިޔެފައި އޮތްތަނުގެ މާނަ މި އެނގެނީ އިނގިރޭސިން އޮތްތަން ކިޔާލުމުން. ދެން އިނގިރޭސި ނޭނގޭ މީހުންނޯ؟" އެހެން މީހަކު އެހި އެވެ.

ޓްވިޓާގައި ހިޔާލުފާޅުކުރި ގިނަ މީހުން ބުނާގޮތުގައި ދިވެހި ބަސް މިހާރު އޮތީ ދިވެހިންނަށް ވެސް ނޭނގޭ ހިސާބުގަ އެވެ.

ދިވެހި ބަހުގެ އެކަޑަމީން ބުނިގޮތުގައި މިއީ އައިޖީއެމްއެޗުގެ އެދުމަކަށް ބަސް ކޮމެޓީގެ ފަންނީ ބޭފުޅުން އެ ހޮސްޕިޓަލަށް ވަޑައިގެން ގޮސް ހެއްދެެވި ބަސްތަކެކެވެ. އެތާ ތިއްބަވައި އެ މަސައްކަތް ކުރެއްވީ، ކަމާ ބެހޭ ބޭފުޅުންގެ ލަފާ ވެސް ހޯއްދަވައިގެން ކަމަށް ބުންޏެވެ.

"ސްޓެރައިލް ކޮރިޑޯއަށް ދިވެހި ލަފުޒެއް ހަދަން ބެލި އިރު އެ ލަފުޒަކީ އިނގިރޭސިބަހުގެ މުކައްރަބު ނަމެކެވެ. ސްޓެރައިލް އާއި ކޮރިޑޯއާ އެކުވެގެން ހަދާފައިވާ ލަފުޒެކެވެ. އޭގެ ތެރެއިން ކޮރިޑޯގެ މަހުފޫމް އަދާ ކުރާ ލަފުޒެއް، މުނިކާފަ ޒަމާނުއްސުރެ ދިވެހި ބަހުގައި އޮވެ އެވެ. އެއީ ސަރައްކާލި އެވެ." ސޯޝަލް މީޑިއާގައި މިހާރު ވައިގައި ހިފާފައިވާ ނަންތަކާ ގުޅޭގޮތުން އެ އެކަޑަމީން ބުންޏެވެ.

އެ ތަނުން ބުނިގޮތުގައި ސްޓެރައިލް އަށް އަގީމުކީ ސަންސްކްރިތާއި ޕާލީ އާއި ސިންގަޅަ އަދި ތަމަޅަ ބަސް ބެލުމަށް ފަހު، އަރަބި ބަހުގައި "ޢަޤީމު" ބޭނުންކޮށްފައިވާތީ އެވެ. ދިވެހި އަޑުތަކާއި ފުރޮޅުންތަކަށް ފައްތައިގެން ދެން އަގީމު ސަރައްކާލި އަށް ބަދަލު ކުރީ އެވެ.

އެކަޑަމީން ބުނިގޮތުގައި މިއީ "ދުނިޔޭގެ ކުރި އަރައިފައިވާ ބަސްބަހުގެ ބަސްވާރުން ވެސް ކަންކުރާ ހަމަ" އެވެ.

ބަހުގެ އެކަޑަމީން މީގެ ކުރިން ވެސް ވަނީ އެކި އިދާރާތަކަށް، ތަފާތު ކަންކަމާ ގުޅުވައިގެން ނަން ހަދައިދީފަ އެވެ. އެކަމަކު އެއިން ބަހެއް ދިވެއްސަކު ބޭނުންކުރާތީ އަޑުއިވެނީ މަދު ފަހަރަކު އެވެ.