Roadha Mihaaru
ވޯލްޑް ކަޕުގައި ކުޅުމާ މެދު އިބްރަހިމޮވިޗް ވިސްނަނީ

ވޯލްޑް ކަޕުގައި ކުޅުމާ މެދު އިބްރަހިމޮވިޗް ވިސްނަނީ

17 ނޮވެމްބަރ 2017

ލަންޑަން (ނޮވެމްބަރު 17) - އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ސްވިޑަން ކޮލިފައިވެފައިވާއިރު، މިދިޔަ އަހަރު އެ ޓީމަށް ކުޅުން ހުއްޓާލި ތަޖުރިބާކާރު ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް އަލުން ޓީމާ ގުޅުމަށް ވިސްނަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ނޮވެމްބަރު 17) - އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ސްވިޑަން ކޮލިފައިވެފައިވާއިރު، މިދިޔަ އަހަރު އެ ޓީމަށް ކުޅުން ހުއްޓާލި ތަޖުރިބާކާރު ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް އަލުން ޓީމާ ގުޅުމަށް ވިސްނަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސްވިޑަން 2006 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުން ޖާގަހޯދީ ޕްލޭއޮފްގައި ވަރުގަދަ އިޓަލީ ކަޓުވާލައިފަ އެވެ. ޕްލޭއޮފް މެޗުގެ ކުރިން އިބްރަހިމޮވިޗް ބުނީ ސްވިޑަން ކޮލިފައިވި ނަމަވެސް އަލުން ޓީމަށް އެނބުރި އައުމުގެ ވިސްނުން އަދި ނެތް ކަމަށެވެ.

އެެހެން ނަމަވެސް އޭނާގެ ގާތް ފަރާތްތަކާ ހަވާލާދީ ސްވިޑަން މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އުމުރުން 36 އަހަރުގެ އިބްރަހިމޮވިޗް އަންނަނީ ވޯލްޑް ކަޕްގައި ކުޅުމާ މެދު ވިސްނަމުންނެވެ. މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު ވެސް ވޯލްޑް ކަޕަކުން ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުން ކުރެވޭ އިހުސާސް ތަފާތުވާނެ ކަމަށް އިބްރަހިމޮވިޗް ވަނީ ބުނެފަ އެވެ.

އިބްރަހިމޮވިޗް އެނބުރި ޓީމާ ގުޅުމާ ބެހޭގޮތުން ނޫސްވެރިން ކުރި ހުރިހާ ސުވާލަކަށް ސީދާ ޖަވާބެއްދޭން ސްވިޑަން ގައުމީ ޓީމުގެ ކޯޗު ޔާން އެންޑަސަން ވަނީ އިންކާރު ކޮށްފަ އެވެ. އޭނާ ބުނީ އެ ވަގުތަކީ އިބްރަހިމޮވިޗަށް ވުރެ އެ ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިންނަށް ތައުރީފް ކުރުން ރަނގަޅު ވަގުތެއް ކަމަށެވެ.

ގައުމީ ޓީމަށް 2001 ވަނަ އަހަރު ކުޅެން ފެށި އިބްރަހިމޮވިޗް ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކުރީ މިދިޔަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބެލްޖިއަމް އަތުން 1-0 އިން ސްވިޑަން ބަލިވި މެޗަށް ފަހު އެވެ. އެ މުބާރާތުގައި އޭނާ އަށް ލަނޑެއް ޖެހިފައި ނުވި ނަމަވެސް އޭނާ ވަނީ 2004، 2008 އަދި 2012 ވަނަ އަހަރުގެ ޔޫރޯގައި ލަނޑު ޖަހައިފަ އެވެ. ގައުމީ ޓީމާ އެކު ބޮޑު ކާމިޔާބެއް ނުހޯދުނު ނަމަވެސް 116 މެޗުން 62 ގޯލް ވަނީ ޖަހައިފަ އެވެ.

ކަކުލަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވެ އިބްރަހިމޮވިޗް ވަރަށް އަވަހަށް ކުޅުމަށް އެނބުރި އަންނާނެ ކަމަށް އޭނާގެ ކްލަބް، މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ބުނެފަ އެވެ.