Roadha Mihaaru
އުމުރުން 41 އަހަރުގައި އިބްރަހިމޮވިޗް ގައުމީ ޓީމަށް

އުމުރުން 41 އަހަރުގައި އިބްރަހިމޮވިޗް ސްވިޑަން ގައުމީ ޓީމަށް ނަގައިފި

16 މާޗް 2023

ކަކުލުގެ އޮޕަރޭޝަނަކާ ގުޅިގެން ކުޅުމާ ދުރުގައި ނުވަ ވަރަކަށް މަސް ދުވަސް ހޭދަކުރުމަށް ފަހު ދާދި ފަހުން ކުޅެން ނުކުތް އޭސީ މިލާނުގެ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް އުމުރުން 41 އަހަރުގައި ސްވިޑަން ގައުމީ ޓީމަށް ނަގައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ކަކުލުގެ އޮޕަރޭޝަނަކާ ގުޅިގެން ކުޅުމާ ދުރުގައި ނުވަ ވަރަކަށް މަސް ދުވަސް ހޭދަކުރުމަށް ފަހު ދާދި ފަހުން ކުޅެން ނުކުތް އޭސީ މިލާނުގެ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް އުމުރުން 41 އަހަރުގައި ސްވިޑަން ގައުމީ ޓީމަށް ނަގައިފި އެވެ.

ޔޫރޯ ކޮލިފައިންގައި މި މަހު 24 ގައި ބެލްޖިއަމްއާ ދެކޮޅަށް އަދި 27 ގައި އަޒަރުބައިޖާނާ ދެކޮޅަށް ކުޅެން ނެގި ސްކޮޑުގައި ހިމެނުނު އިބްރަހިމޮވިޗް އޭގެ ތެރެއިން މެޗެއްގައި ކުޅެފި ނަމަ، ޔޫރޯ ކޮލިފައިންގައި ކުޅޭ އެންމެ ދޮށީ ކުޅުންތެރިޔާގެ ރެކޯޑް އޭނާ އަށް ލިބޭނެ އެވެ.

މިހާރު އެ ރެކޯޑް އޮތީ އުމުރުން 40 އަހަރުގައި، 1983 ގެ ޔޫރޯ ކޮލިފައިންގައި ކުޅުނު އިޓަލީގެ އޭރުގެ ގޯލްކީޕަރު ޑިނޯ ޒޮފްގެ އަތުގަ އެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން އެންމެ ފަހުން ސްވިޑަން ސްކޮޑުގައި ހިމެނުނު އިބްރަހިމޮވިޗް ކަކުލުގެ އޮޕަރޭޝަނެއް ކުރީ މިދިޔަ ސީޒަނުގެ އިޓާލިއަން ލީގު މިލާނަށް ކާމިޔާބުކޮށްދިނުމަށް ފަހު މޭ މަހު އެވެ. މިދިޔަ މަހު އެނބުރި އައިސް އޭނާ މިހާތަނަށް ކުޅުނީ އެންމެ ތިން މެޗެވެ.

ސްވިޑަންގެ ކޯޗު ޖެނޭ އެެންޑަސަން ބުނީ ކުޅުމާ ދުރުގައި އިބްރަހިމޮވިޗް ގިނަ ދުވަހު ހުރެފައި އައި ނަމަވެސް އޭނާ އަށް ފިޓްކަމުގެ އިހުސާސްކުރެވޭ ކަމަށާއި އަދި އޭނާ ހުރީ ރަނގަޅު ހާލަތެއްގައި ކަމަށެވެ.

"އެ ވިސްނުމުން ބަލާއިރު އޭނާ އަށް ޓީމަށް އެހީވެވޭނެ. ދަނޑުމަތީގެ އިތުރުން ދަނޑުބޭރުގައި ވެސް އިބްރަހިމޮވިޗް ވާނީ މުހިއްމު ކުޅުންތެރިޔަކަށް،" ސްވިޑަން އަށް 2001 އިން ފެށިގެން 121 މެޗު ކުޅެދީ 62 ގޯލް ޖަހައިދީފައިވާ ފޯވާޑާ ބެހޭގޮތުން ހެންޑަސަން ބުންޏެވެ.

އަަޔަކްސް، ޔުވެންޓަސް، އިންޓަ، ބާސެލޯނާ، މިލާން، ޕީއެސްޖީ އަދި މެންޗެސްޓާ ޔުނައިޓެޑުގައި ކުޅުމަށް ފަހު، އިބްރަހިމޮވިޗް 2018 ވަނަ އަހަރު އެމެރިކާގެ މޭޖާ ލީގަށް ދިއުމުން ބެލެވުނީ އެއީ ފަހު މަންޒިލް ކަމަށެވެ. އެކަމަކު 2020 ގެ ޖެނުއަރީގައި އެނބުރި މިލާނަށް ގޮސް، އޭރު ފޯމުން ކަޓާފައި އޮތް ޓީމު ހަމަޔަކަށް އަޅުވައި އެ ޓީމު އަހަރުތަކަށް ފަހު ޗެމްޕިއަންސް ލީގަށް ކޮލިފައިކޮށްދީ، ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އެވެ.

އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވާދަކުރި ސްވިޑަން ސްކޮޑުން ފުރުސަތު ނުލިބުމުން ގައުމީ ޓީމާ ދުރުގައި ހުރެފައި އަލުން، 2021 ވަނަ އަހަރު ގައުމީ ޓީމާ ގުޅުނެވެ.

އިބްރަހިމޮވިޗް ވަނީ، ކުޅެވޭ އެންމެ ގިނަ ދުވަހަކު ކުޅުން ކުރިއަށް ގެންދާނެ ކަމަށާއި، ކުޅުން ހުއްޓާލުމުގެ ވިސްނުން އައުމުން ބިރު ގަންނަ ކަމަށް ބުނެފަ އެވެ. އެކަމަކު ވަރަށް ބޮޑަށް ޔަގީންކުރެވޭ ގޮތުގައި މި ސީޒަނަށް ފަހު އޭނާ ރިޓަޔާކުރާނެ އެވެ.