Roadha Mihaaru
"އަހަރެން ނެތުމުން ސްވިޑަންގެ ފެންވަރު ދަށްވެއްޖެ"

އަހަރެން ނެތުމުން ސްވިޑަންގެ ފެންވަރު ދަށްވެއްޖެ: އިބްރަހިމޮވިޗް

09 ނޮވެމްބަރ 2017

މެންޗެސްޓާ (ނޮވެމްބަރު 9) – އޭނާ ނެތުމުން ސްވިޑަން ޓީމުގެ ފެންވަރު ކުރިއަށް ވުރެ ދަށްވެއްޖެ ކަމުގެ އިހުސާސް ކުރެވޭ ކަމަށް އެ ޓީމުގެ ކުރީގެ ކެޕްޓަން ޒަލަޓާން އިބްރަހިމޮވިޗް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެންޗެސްޓާ (ނޮވެމްބަރު 9) – އޭނާ ނެތުމުން ސްވިޑަން ޓީމުގެ ފެންވަރު ކުރިއަށް ވުރެ ދަށްވެއްޖެ ކަމުގެ އިހުސާސް ކުރެވޭ ކަމަށް އެ ޓީމުގެ ކުރީގެ ކެޕްޓަން ޒަލަޓާން އިބްރަހިމޮވިޗް ބުނެފި އެވެ.

ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފުގައި އިޓަލީ އާއި ސްވިޑަން ކުޅޭއިރު އިބްރަހިމޮވިޗް ނެތްތަން ދައްކާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ފުރަތަމަ ލެގު މާދަމާރޭ ސްވިޑަންގައި އޮންނައިރު ދެ ވަނަ ލެގު އޮންނާނީ އިޓަލީގެ މިލާނުގައި ހޯމަ ދުވަހުގެރެ އެވެ. އިޓަލީގައި އިބްރަހިމޮވިޗް ގެ ދެ ވަނަ ގައުމު ކަމަށް އޮންނަނީ ބެލެވިފަ އެވެ. އޭނާ ވަނީ އެ ގައުމުގެ ޔުވެންޓަސް އާއި އިންޓަ އަދި އޭސީ މިލާނުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފަ އެވެ.

"މި ދެ މެޗު ވެގެންދާނީ ވަރަށް ވަރުގަދަ ކުރިމަތިލުންތަކަކަށް. ދެ ޓީމަށް ވެސް އުނދަގޫވާނެ. ދެ ޓީމުން ވެސް ވޯލްޑް ކަޕަށް ކޮލިފައިވާން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ. އެހެންވެ މިއީ ކަޕް ފައިނަލެއް ފަދަ މެޗުތަކެއް. ގްރޫޕް ސްޓޭޖް މެޗުތަކާ ޕްލޭއޮފް މެޗުތައް ތަފާތުވާނެ،" އިބްރަހިމޮވިޗް ބުންޏެވެ.

އިބްރަހިމޮވިޗް ބުނީ އޭނާ ކުޅުން ހުއްޓާލުމުން ސްވިޑަންއާ މެދު އެއްވެސް ބަޔަކު މާބޮޑު އުއްމީދެއް ނުކުރާ ކަމަށާއި އެހެންވެ ސްވިޑަން މިހާރު ކުޅެނީ ޕްރެޝަރެއް ނެތި ކަމަށެވެ. އޭގެ ތެރޭގައި މީޑިއާ އާއި ސަޕޯޓަރުން ވެސް ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ކުޅޭއިރު ފެންވަރު މަތިވޭ. އެހެންވެ އަހަރެން ނެތުމުން ފެންވަރު ދަށްވާނެ،" އިބްރަހިމޮވިޗް ބުންޏެވެ.

އިބްރަހިމޮވިޗް ބުނީ، ކުޅުންތެރިންގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާ ހަމައެކަނި ކުޑަވީ ކަމަށާއި އެކަމަކު މިހާރު ސްކޮޑް ޖުމްލަކޮށް ފެންވަރު ރަނގަޅު ކަމަށެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕަށް ސްވިޑަން ކޮލިފައިވެއްޖެ ނަމަ ކުޅޭނެތޯ އެހުމުން މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް ބުނީ ނޫނޭކޭ އެވެ.

"ގައުމީ ޓީމުގައި އަހަރެންގެ ޗެޕްޓަރު ބަންދުވެއްޖެ. އެކަމަކު ބަލަމާ ވާނެ ގޮތެއް،" ރަޝިއާގައި ބާއްވާ ވޯލްޑް ކަޕުގައި ކުޅޭ ހިތްވާ ކަމަށް އިޝާރާތްކޮށް އޭނާ ބުންޏެވެ.

ސްވިޑަންއާ ދެކޮޅަށް އިޓަލީ ކުޅޭ ދެ މެޗުގައި ވެސް އެންމެ މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެނީ އިޓަލީގެ މިޑްފީލްޑަރު މާކޯ ވެރާޓީ އެވެ. އޭނާއާ އެކު ޕީއެސްޖީ އަށް ކުޅެފައިވާ އިބްރަހިމޮވިޗް ބުނީ ވެރާޓީ އަށް ވުރެ ވަރުގަދަ ކުޅުންތެރިއެއް ނެތް ކަމަށާއި އެކަމަކު އޭނާގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން ޖެހޭ ކަމަށެވެ.

"އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް މިޑްފީލްޑަރު،" އިބްރަހިމޮވިޗް ބުންޏެވެ.

ސްވިޑަންއާ މެދު އިޓަލީގެ ބައެއް ސަޕޯޓަރުން ހިތް އެހާ ރަނގަޅު ނޫނެވެ. ސަބަބަކީ 2004 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ސްވިޑަން އާއި އަވަށްޓެރި ޑެންމާކް 2-2 އިން އެއްވަރުވެ، އިޓަލީ ކަޓައި އެ ދެ ޓީމު އަނެއް ބުރަށް ގޮސްފައިވާތީ އެވެ.

"އެއީ ހަމަ އާދައިގެ އުސޫލުން ދިޔަ މެޗެއް. ނަތީޖާ އޮތީ ވަކި ގޮތަކަށް ހަމަޖައްސާފައެއް ނޫން. އަހަރެން އެނގޭ ކޮންމެ މީހަކަށް އެނގޭނެ އަހަރެން އެ ޒާތުގެ ކަމެއް ބަލައިނުގަންނާނެކަން،" އިބްރަހިމޮވިޗް ބުންޏެވެ.