Roadha Mihaaru
އިބްރަހިމޮވިޗް ޔުނައިޓެޑަށް ބަދަލުވާން ތައްޔާރު

އިބްރަހިމޮވިޗް ޔުނައިޓެޑަށް ބަދަލުވާން ތައްޔާރު

29 އޯގަސްޓް 2019

ލޮސް އެންޖެލިސް (އޮގަސްޓް 29) – އެމެރިކާގެ އެލްއޭ ގެލެކްސީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ނޮވެމްބަރު މަހު ހަމަވުމުން ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން ފަސް ނުޖެހޭނެ ކަމަށް ސްވިޑިޝް ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ލޮސް އެންޖެލިސް (އޮގަސްޓް 29) – އެމެރިކާގެ އެލްއޭ ގެލެކްސީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ނޮވެމްބަރު މަހު ހަމަވުމުން ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން ފަސް ނުޖެހޭނެ ކަމަށް ސްވިޑިޝް ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ބުނެފި އެވެ.

ޔުނައިޓެޑަށް 2016/2017 ގެ ސީޒަނުގައި ކުޅެ 28 ގޯލް ޖެހި ފޯވާޑަށް އެ ފަހަރު ކަކުލުގެ ސީރިއަސް އަނިޔާއެއްވެ ކުޅުމާ ދުރަށް ދާން ދާން ޖެހުނީ އެވެ. އެއާ އެކު ފަހުން ދެ ފަރާތް އެއްބަސްވެގެން ކޮންޓްރެކްޓް އާކުރީ އެވެ. އަދި 2018 ވަނަ އަހަރުގެ މާޗު މަހު ގެލެކްސީ އަށް ބަދަލުވެ 49 މެޗުން 46 ގޯލް ވަނީ ޖަހައިފަ އެވެ.

'ޕްރިމިއާ ލީގުގައި އަހަންނަށް ފަސޭހަކަމާ އެކު ކުޅެލެވޭނެ. ޔުނައިޓެޑުން އަހަރެން ބޭނުމިއްޔާ މިހިރާ ދާގޮތަށް،" އުމުރުން 37 އަހަރުގެ އިބްރަހިމޮވިޗް ބުންޏެވެ.

އޭނާ މިފަދަ އިޝާރާތެއް ކުރީ ޔުނައިޓެޑުގެ ފޯވާޑް ލައިން ބަލިކަށިވެފައިވަނިކޮށެވެ. އެ ޓީމުން ޑިފެންސް ވަރުގަދަކުރި ނަމަވެސް ފޯވާޑް ރޮމެލޫ ލުކާކޫ އާއި ތަޖުރިބާކާރު ވިންގާ އެލެކްސިސް ސަންޗޭޒް ވަނީ ދޫކޮށްލައިފަ އެވެ. ފޯވާޑް ލައިނަށް ކުޅެން ތިބީ ޒުވާން ކުޅުންތެރިންނެވެ. ފުރަތަމަ މެޗުން ޗެލްސީ އަތުން 4-0 އިން މޮޅުވި ނަމަވެސް ދެ ވަނަ މެޗުން ވުލްވްސްއާ 1-1 އިން އެއްވަރުވެ ފަހު މެޗުން ކްރިސްޓަލް ޕެލަސް އަތުން 2-1 އިން ބަލިވީ އެވެ.

"އަހަރެން ފަހު މެޗު ބެލިން އަހަންނަށް ހީވަނީ ނަސީބު ދެރައީހެން. އެ ޓީމުން ޕެނަލްޓީ ކާމިޔާބުކުރި ނަމަ އެއީ ތަފާތު މެޗަކަށް ވީސް. އެކަމަކު އިންގްލެންޑުގައި މެޗެއް ނުނިމޭނެ ފަހު ކަށިގަނޑާ ހަމައިން ނޫނީ. ކޮންމެ ކަމެއް ވެސް ވެދާނެ،" އިބްރަހިމޮވިޗް ބުންޏެވެ.

ޔުނައިޓެޑުން ޖެނުއަރީ މަހު ލޯން އުސޫލުން ތަޖުރިބާކާރު ފޯވާޑަކު ގެނައުމުގެ ފުރުސަތު އެބައޮތެވެ.

އިބްރަހިމޮވިޗް ބުނީ ޔޫރަޕުގައި އޭނާގެ ކާމިޔާބު ކެރިއަރާ މެދު ހިތްހަމަޖެހޭ ކަމަށާއި އެމެރިކާ އަށް އައީ 33 ޓްރޮފީއާ އެކު ކަމަށެވެ. އަދި އޭނާގެ ފުޓްބޯޅަ ކެރިއަރު ނިންމާލާނެ ދިމާލެއް އަދި ނޭގޭ ކަމަށެވެ.

ނެދަލެންޑްސްގެ އަޔަކްސް އާއި އިޓަލީގެ ޔުވެންޓަސް އާއި އިންޓަ މިލާނާއި އޭސީ މިލާނާއި ސްޕެއިނުގެ ބާސެލޯނާ އާއި ފްރާންސްގެ ޕީއެސްޖީގައި މޮޅު ކުޅުމެއް ދެއްކި އިބްރަހިމޮވިޗް ފާހަގަކުރެވެނީ މަތީ ފަންތީގައި އެންމެ ގިނަ ދުވަހު ކުޅެ އެންމެ ގިނަ ކާމިޔާބު ހޯދި އެއް ސެންޓަ ފޯވާޑުގެ ގޮތުގަ އެވެ.