Roadha Mihaaru
އިބްރަހިމޮވިޗުގެ ކޮންޓްރެކްޓް އާކުރާނެ ކަމަށް ނުބެލެވޭ

އިބްރަހިމޮވިޗުގެ ކޮންޓްރެކްޓް އާކުރާނެ ކަމަށް ނުބެލެވޭ

09 ޖޫން 2017

ލަންޑަން (ޖޫން 9) – މެންޗެސްޓާ ޔުނައިޓެޑާ އެކު ސްވިޑަން ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ހަދާފައިވާ އެއް އަހަރުގެ ކޮންޓްރެކްޓް މި މަހުގެ ނިޔަލަށް ހަމަވުމުން އޭނާ އަށް އާ ކޮންޓްރެކްޓެއް އެ ކްލަބުން ދޭނެ ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ލަންޑަން (ޖޫން 9) – މެންޗެސްޓާ ޔުނައިޓެޑާ އެކު ސްވިޑަން ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ހަދާފައިވާ އެއް އަހަރުގެ ކޮންޓްރެކްޓް މި މަހުގެ ނިޔަލަށް ހަމަވުމުން އޭނާ އަށް އާ ކޮންޓްރެކްޓެއް އެ ކްލަބުން ދޭނެ ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އޭނާ މިދިޔަ ސީޒަނުގައި އެއް އަހަރުގެ ކޮންޓްރެކްޓެއް ދަށުން ޔުނައިޓެޑާ ގުޅުނީ އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާކުރެވޭ ގޮތަށެވެ. އެކަމަކު އޭޕްރިލް މަހު އޭނާގެ ކަކުލަށް އަނިޔާވެ ސީޒަން ނިންމާލަން ޖެހުނު އިރު ކޮންޓްރެކްޓް އާކޮށްފައެއް ނުވެ އެވެ. އޭނާ އަށް އެންމެ އަވަހަށް ވެސް ކުޅެން ނުކުމެވޭނެ ކަމަށް ބެލެވެނީ މި އަހަރު ފަހުކޮޅެވެ. އެހެންވެ ސީޒަނުގެ ބޮޑު ބައި ކުޅުމާ ދުރުގައި ހުންނަން ޖެހޭ ކުޅުންތެރިއެއްގެ ކޮންޓްރެކްޓް އާކުރާނެ ކަމަށް ނުބެލެވެ އެވެ.

އޭނާ ދެން ދިއުމުގެ ފުރުސަތު ބޮޑީ އެމެރިކާ ލީގަށެވެ. އެ ގައުމުގައި އެއް ސީޒަން ކުޅުމަށް ފަހު، އުމުރުން 35 އަހަރުގެ ފޯވާޑް ކުޅުން ހުއްޓާލާނެ ކަމަށް ބެލެވެ އެވެ.

އިބްރަހިމޮވިޗް ވަނީ ނިމުނު ސީޒަނުގައި ޔުނައިޓެޑަށް 46 މެޗު ކުޅެދީ 28 ގޯލް ޖަހައިދީފަ އެވެ. އެ ޓީމުން ޔުރޮޕާ ލީގާއި ލީގު ކަޕް އަދި ކޮމިއުނިޓީ ޝީލްޑް ހޯދިއިރު އިބްރަހިމޮވިޗުގެ ދައުރު ބޮޑެވެ. އަނިޔާ ނުވި ނަމަ އޭނާގެ ކޮންޓްރެކްޓް އާކުރާނެ ކަމަށް ބެލެވެ އެވެ.

މި ސީޒަނަށް ފަހު ޕްރިމިއާ ލީގުގެ ކްލަބްތަކުން ދޫކޮށްލާ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ޗެލްސީގެ ކެޕްޓަން ޖޯން ޓެރީ ހިމެނެ އެވެ. އޭނާ ކުޅުން ކުރިއަށް ގެންދާނެތޯ ނުވަތަ ކުޅުން ހުއްޓާލާނީތޯ އަދި ކަށަވަރެއް ނުވެ އެވެ.

މީގެ އިތުރުން މެންޗެސްޓާ ސިޓީން ވަނީ ގޯލްކީޕަރު ވިލީ ކަބަޔެރޯ އާއި ވިންގާ ހެސަސް ނާވަސް އަދި ދެ ފުލް ބެކުން ކަމަށްވާ ގައެލް ކްލިޝީ އާއި ބަކާރީ ސަންޔާ ދޫކޮށްލާނެކަން އިއުލާންކޮށްފަ އެވެ.