Roadha Mihaaru
"މައްސަލަތައް ހައްލުކުރަން އިލްމުވެރިންގެ ހިއްސާ ބޮޑު"

އިޖުތިމާއީ މައްސަލަތައް ހައްލުކުރަން ދީނީ އިލްމުވެރިން ތެދުވާން ޖެހޭ: ޑިފެންސް މިނިސްޓަރު

16 ނޮވެމްބަރ 2017

ރާއްޖޭގައި ހުރި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމުގައި ދީނީ އިލްމުވެރިން ކުރިއަށް ވުރެ ބޮޑަށް ތެދުވަން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ހުރި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމުގައި ދީނީ އިލްމުވެރިން ކުރިއަށް ވުރެ ބޮޑަށް ތެދުވަން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

ދީނީ އިލްމުވެރިންގެ ފަސް ވަނަ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ ދިވެހިންނަކީ ދީނީ އިލްމުވެރިންނަށް އިހުތިރާމް ކުރާ ބައެއް ކަމަށެވެ. އެ ބޭފުޅުން ދައްކަވާ ވާހަކަތައް ގަބޫލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ މުޖުތަމައުގެ ތެރޭގައި އުފެދޭ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ދީނީ އިލްމުވެރިންގެ މެދުގައި ވެސް އެކި ކަންކަމާ މެދު ހިލާފުތައް އުފެދޭ ކަމަށެވެ. ނަމަވެސް އެކަމުން ނިކުމެދާނެ ނުރަނގަޅު ނަތީޖާއާ މެދު ސަމާލުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އެހެން ގައުމުތަކާ ގުޅިގެން މީގެ ކުރިން ވެސް ރާއްޖެއަށް އެކި ދީންތައް ފެތުރުމުގެ މަސައްކަތް ކުރި އެވެ. ނަމަވެސް އެކަން ކޮންޓްރޯލްވީ ދީނީ އިލްމުވެރިންގެ ސަބަބުން ކަމަށާއި މިހާރު ވެސް ރާއްޖޭގައި އެކި ދީންތަކާއި ހަރުކަށި ފިކުރުތައް ފަތުރަން މަސައްކަތް ކުރަމުން ދާ ކަމަށް ވިދާޅުވި އެވެ.

"އެހެން ދީންތައް އަޅުގަނޑުމެންގެ ގައުމަށް ގެނައުމުގެ މަސައްކަތް ކުރުމަށް ޒުވާނުންނަށް އެކި ވަސީލަތް މެދުވެރިކޮށް ތަފާތު އެހެން ދީންތަކުގެ މައުލޫމާތު ފެތުރުމާއި އަދި އިސްލާމް ދީނާ ބެހޭ ގޮތުން ދައްކާ ބުހުތާނު ދޮގު ވާހަކަތައް ނުވަތަ އަގީދާއާ ކުޅެލާ އެކި ޕްރޮޕެގެންޑާތައް އަޅުގަނޑުމެންގެ ތެރެއަށް ފެތުރުމަށް އެބަ މަަސައްކަތް ކުރެމުންދޭ،" ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހެން ގައުމުތަކުގައި ހުންނަ މައްސަލަތައް ރާއްޖެއާ ހަމައަށް އަންނައިރު ދީނީ އިލްމުވެރިންގެ ހިއްސާ އާއި ޒިންމާ ބޮޑު ކަމަށެވެ.

އިލްމުވެރިންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު --ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިލްމުވެރިންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު --ފޮޓޯ: އިސްލާމިކް މިނިސްޓްރީ

"އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އިސްލާމް ދީނާއި އާދަކާދައާ އެއްގޮތަށް އަޅުގަނޑުމެން މި ގައުމު ތަހުޒީބުވެ ކުރިއަރައި ދިއުމަށް އިލްމުވެރިންގެ ހިއްސާ ވަރަށް ބޮޑުވާން ޖެހޭކަން،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ފެންވަރުގެ ގައުމުތަކާ އަޅާ ބަލާފައި ރާއްޖެ އަކީ ތައުލީމީ ގޮތުން ވެސް ކުރިއަރާފައިވާ ގައުމެއް ކަމަށާއި މިހެން ދިމާވީ އިލްމުވެރިންގެ ބުރަ މަސައްކަތުން ކަމަށެވެ.

މާދަމާ އިން ފެށިގެން އަންނަ އާދިއްތަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި މަހާސިންތާގައި 90 އިލްމުވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި ރާއްޖޭން ބޭރުގެ ފަސް އިލްމުވެރިޔަކު ވެސް ހިމެނެ އެވެ.