Roadha Mihaaru
އާސެނަލް ބަލިވީ ރެފްރީގެ ސަބަބުން: ވެންގާ

އާސެނަލް ބަލިވީ ރެފްރީގެ ސަބަބުން: ވެންގާ

06 ނޮވެމްބަރ 2017

މެންޗެސްޓާ (ނޮވެމްބަރު 6) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވާދަވެރި މެންޗެސްޓާ ސިޓީ އަތުން ބަލިވީ ރެފްރީގެ ސަބަބުން ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (ނޮވެމްބަރު 6) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވާދަވެރި މެންޗެސްޓާ ސިޓީ އަތުން ބަލިވީ ރެފްރީގެ ސަބަބުން ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އާސެނަލް އަތުން ސިޓީ 3-1 އިން މޮޅުވިއިރު، އެ ޓީމަށް ލީޑުނަގައިދިނީ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ އެވެ. ދެ ވަނަ ހާފުގައި ސާޖިއޯ އަގުއޭރޯގެ ޕެނަލްޓީން ސިޓީ ލީޑުފުޅާކުރި އެވެ. މި ޕެނަލްޓީ އަކީ އާސެނަލްގެ ނަޗޯ މޮންރެއާލް ސިޓީގެ ރަހީމް ސްޓާލިން އަށް އޭރިއާ ތެރެއިން ފައުލުކުރުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލެކްސަންޑަ ލަކަޒެޓޭ އާސެނަލަށް ގޯލެއް ޖަހައިދީ މެޗުގެ އުއްމީދުއާ ކޮށްދީފައިވަނިކޮށް ސިޓީގެ ތިން ވަނަ ލަނޑު ޖެހީ ބްރެޒިލްގެ ފޯވާޑް ގަބްރިއެލް ޖީސޫސް އެވެ. ޖީސޫސް މި ލަނޑު ޖެހީ ޑޭވިޑް ސިލްވާ ދިން ބޯޅައަކުންނެވެ. އޭރު ސިލްވާ ހުރީ އޮފްސައިޑްގައި ކަމަށް ބުނެ އާސެނަލް ކުޅުންތެރިން ވަރަށް ބޮޑަށް ޝަކުވާ ކުރި އެވެ.

"އަހަރެން ބުނާނީ މިއަދު ނަތީޖާ ނެރުނީ ރެފްރީކަމަށް. ސިޓީ މޮޅުވީ ވަރަށް އާދައިގެ ފައުލަަކަށް ދިން ޕެނަލްޓީ އަކާއި އޮފްސައިޑް ލަނޑެއް ޖަހައިގެން. ލީގު ވާދަވެރިވަމުން އަންނައިރު ރެފްރީންގެ ކޮލިޓީ މި ފެންނަނީ އަހަރަކަށް ވުރެން އަހަރެއް ދަށްކޮށް. އަހަރެމެންނަށް މިކަން އާދަޔަކަށްވެއްޖެ. މިދިޔަ ސީޒަނުގައި ވެސް ސިޓީ މި ދަނޑުގައި މޮޅުވީ އޮފްސައިޑް ދެ ލަނޑު ޖަހައިގެން،" ރޭގެ މެޗަށް ފަހު ވެންގާ ބުންޏެވެ.

އޭނާ ބުނީ ލީގުގެ އެއް ވަނައިގައި އޮތް ސިޓީ އާއި އާސެނަލާ ދެމެދު 12 ޕޮއިންޓް ފަރަގެއް އޮތް ނަމަވެސް އެ ޓީމަށް ލީގު ގެއްލުނު ކަމަށް އަދި ގަބޫލުނުކުރާ ކަމަށެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އޭނާގެ ޓީމަށް މޮޅެއް ހައްގުވާ ކަމަށެވެ.

"ޕެނަލްޓީ އަކީ ޕެނަލްޓީއެއް. އޮފްސައިޑަކީ އޮފްސައިޑެއް. އަހަރެމެން މޮޅުވީ އަހަރެމެން މޮޅަށް ކުޅެގެން. ތިން ޕޮއިންޓް އަހަރެމެންނަށް ހައްގު،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ މި މެޗުގެ ތަފާތަކީ ސިޓީން މޮޅުވާން ދެއްކި ހިތްވަރު ކަމަށާއި ކުޅުންތެރިން އޭނާގެ ޕްލޭން ކާމިޔާބު ކުރަން ކުރި މަސައްކަތް ކަމަށެވެ.