Roadha Mihaaru
ގަދަ ހަތަރެއްގެ ޖާގަ އަދި ނުގެއްލޭ: ވެންގާ

ގަދަ ހަތަރެއްގެ ޖާގަ އަދި ނުގެއްލޭ: ވެންގާ

17 މެއި 2017

ލަންޑަން (މެއި 17) - މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ނިންމާލުމުގެ ފުރުސަތު އަދިވެސް އެބައޮތް ރޭ ސަންޑަލެންޑް އަތުން 2-0 އިން މޮޅުވި އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މެއި 17) - މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ނިންމާލުމުގެ ފުރުސަތު އަދިވެސް އެބައޮތް ރޭ ސަންޑަލެންޑް އަތުން 2-0 އިން މޮޅުވި އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ލީގުގެ ތިން ވަނައިގައި މި ވަގުތު މެންޗެސްޓާ ސިޓީ އޮތީ 37 މެޗުން 75 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި ލިވަޕޫލް އޮތީ 37 މެޗުން 73 ޕޮއިންޓާ އެކު އެވެ. އާސެނަލް ފަސް ވަނައިގައި އޮތީ 37 މެޗުން 72 ޕޮއިންޓް ހޯދައިގެންނެވެ.

އާސެނަލް ކޯޗުކަމާ ވެންގާ 1996 ވަނަ އަހަރު ހަވާލުވިއްސުރެން އެ ޓީމުން އަންނަނީ ފާއިތުވި 20 އަހަރު ލީގުގެ ގަދަ ހަތަރެއް ކަށަވަރު ކުރަމުންނެވެ. އެހެން ނަމަވެސް މި ސީޒަނުގެ ފަހު މެޗާ ކުރިމަތިލާއިރު، އެ ޓީމަށް ވަނީ ގަދަ ހަތަރެއްގައި ނިންމާލުމުގެ އަމިއްލަ ބާރެއް ނެތެވެ. އެހެން ނަމަވެސް ވެންގާ އުއްމީދު ދޫކޮށެއް ނުލަ އެވެ.

"އަހަރެމެންނަށް އެބަހުރި ތަޖުރިބާ ކުރެވިފައި ލީގުގެ ފަހު ދުވަހުގައި ވަރަށް އާދަޔާ ހިލާފު ކަންތައްތައް ވެސް. ކޮންމެ ޓީމެއް ވެސް އަންނާނީ މަގާމަކަށް ވާދަކުރަމުން. އާސެނަލުން ވެސް އަންނަނީ ގަދަ ހަތަރެއްގަައި އޮވެ ސީޒަން ނިންމާލުމަށް މަސައްކަތް ކުރަމުން. އަދިވެސް އުއްމީދު ދޫކޮށެއް ނުލަން،" ވެންގާ ބުންޏެވެ.

ލީގުގެ ފަހު ދުވަހުގައި އާސެނަލް އަމިއްލަ ދަނޑުގައި ކުޅޭނީ އެވަޓަންއާ އެވެ. ލިވަޕޫލް ކުޅޭނީ މިޑްލްސްބަރާއާ ދެކޮޅަށެވެ. އަދި ސިޓީ ރަށުން ބޭރުގައި ނުކުންނާނީ ވަޓްފޯޑާ ދެކޮޅަށެވެ.

އާސެނަލަށް ގަދަ ހަތަރެއްގެ ޖާގައެއް ލިބެން އޮތީ އެ ޓީމު މޮޅުވެ ލިވަޕޫލް ނޫނީ ސިޓީ ކުޅޭ މެޗުތަކުގެ ނަތީޖާ އަށް ބަލައިގެންނެވެ. ސިޓީ އާއި ލިވަޕޫލް ކުޅޭ މެޗުތަކުން މޮޅުވެއްޖެނަމަ އާސެނަލަށް ގަދަ ހަތަރެއްގެ ފުރުސަތު ނުލިބޭނެ އެވެ.

މި ސީޒަނަށް ފަހު ވެންގާ އާސެނަލާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނެ އެވެ. ރިޕޯޓްތައް ބުނާގޮތުން އާސެނަލް ބޯޑުން ވަނީ ގަދަ ހަތަރެއްގެ ޖާގަ އާސެނަލަށް ގެއްލިއްޖެނަމަ ވެންގާ މަގާމުން ދުރުކުރަން ނިންމައިފަ އެވެ.