Roadha Mihaaru
"ޗެމްޕިއަންސް ލީގަށް ކޮލިފައިނުވުމަކީ ބޮޑު ވެއްޓުމެއް"

ޗެމްޕިއަންސް ލީގަށް ކޮލިފައިނުވުމަކީ ބޮޑު ވެއްޓުމެއް: ވެންގާ

22 މެއި 2017

ލަންޑަން (މެއި 22) - ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން 20 ސީޒަނަށް ފަހު ފުރަތަމަ ފަހަރު ޖާގަ ގެއްލި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ގެއްލުމަކީ ބޮޑު ވެއްޓުމެއް ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މެއި 22) - ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން 20 ސީޒަނަށް ފަހު ފުރަތަމަ ފަހަރު ޖާގަ ގެއްލި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ގެއްލުމަކީ ބޮޑު ވެއްޓުމެއް ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އާސެނަލް ކޯޗުކަމާ 1996 ވަނަ އަހަރު ހަވާލުވުމަށް ފަހު ވެންގާ ވަނީ އެ ޓީމަށް ތިން ފަހަރު ޕްރިމިއާ ލީގު އަދި ހަ ފަހަރު އެފްއޭ ކަޕް ހޯދައިދީފަ އެވެ. މި ސީޒަނުގެ ނިޔަލަށް ވެންގާ އާސެނަލާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، އެ ޓީމުގެ ސަޕޯޓަރުން ދަނީ ވެންގާގެ އިސްތިއުފާ އަށް ގޮވަމުންނެވެ.

ވެންގާ ބުނީ އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ގޮތެއް ނިންމާނީ މި މަހު 27 ވަނަ ދުވަހު ޗެލްސީއާ ދެކޮޅަށް ކުޅޭ އެފްއޭ ކަޕް ފައިނަލަށް ފަހު ކަމަށެވެ.

"އެފްއޭ ކަޕް ފައިނަލަށް ފަހު އަހަރެންގެ މުސްތަގުބަލާ ގުޅޭގޮތުން ގޮތެއް ނިންމާނެ. ޗެމްޕިއަންސް ލީގަށް ކޮލިފައިނުވުމަކީ ވަރަށް ބޮޑު ވެއްޓުމެއް. އަހަރެން ދުނިޔޭގެ ހުރިހާ ކްލަބަކަށް ކަހަލަ ގޮތަކަށް އާސެނަލްގައި މަޑުކުރަން ނޫނެކޭ ބުނެފިން. އަހަރެންގެ ޕްރޮފެޝަނަލަޒިމާ ކޮމިޓްމަންޓާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް،" ވެންގާ ބުންޏެވެ.

އޭނާ ބުނީ ޖެނުއަރީ މަހުން ފެށިގެން ކުޅުންތެރިންނާއި އޭނާ ގިނަ މެޗުތަކާ ކުރިމަތިލީ ވަރަށް ބޮޑު ޕްރެޝަރެއްގައި ހުރެ ކަމަށެވެ.

"އަހަރެމެން ގިނަ މެޗުތަކެއް ކުޅެފިން ވަރަށް ގޯސް މާހައުލެއްގައި. ކުޅުންތެރިން ވެސް އަހަރެން ވެސް ހުރީ ޕްރެޝަރުގައި އެ ދަނޑިވަޅުގައި ވެސް އަހަރެމެން މަސައްކަތްކުރީ މި ޓީމަށް ކާމިޔާބު ހޯދައިދެން،" ވެންގާ ބުންޏެވެ.

ވެންގާއާ ގުޅޭގޮތުން ފުޓްބޯޅައިގެ އެކި ފަރާތްތަކުގެ ހިޔާލު ހުރީ އެކި ގޮތަށެވެ. އާސެނަލްގެ ކުރީގެ ކުޅުންތެރިން އަންނަނީ މިއީ ވެންގާ އެ ޓީމު ދޫކޮށްދާން ޖެހޭ ވަގުތު ބުނަމުންނެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު އަލެކްސް ފާގަސަން ވަނީ ވެންގާ އަށް ތައުރީފްކޮށް ވާހަކަ ދައްކައިފަ އެވެ.

"ވެންގާ އަށް މިހާރު ކުރިމަތިކުރުވާފައި އޮތް ޕްރެޝަރަކީ އިންސާފުވެރި ގޮތެއް ނޫން. އެއްވެސް ކޯޗަކަށް 20 އަހަރު ވަންދެން ކްލަބެއް އެއް ލެވެލެއްގައި ނުހިފެހެއްޓޭނެ ސަޕޯޓަރުންގެ އެހީ ނުލިބި. ވެންގާ އާސެނަލް ގޮވައިގެން އެ ކުރާ މަސައްކަތް ކުރެވޭނެ އެހެން ކޯޗެއް ނެތް،" ފާގަސަން ބުންޏެވެ.

އޭނާ ބުނީ ވެންގާ އަމިއްލަ އަށް އާސެނަލް ދޫކޮށްލަން ނިންމައިފިނަމަ އެ ޓީމަށް އުނދަގޫ ހާލަތެއް މެދުވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.