Roadha Mihaaru
ކުޅުދުއްފުށީގެ މަގުތައް ދެ މަސް ތެރޭގައި ނިމޭނެ

ކުޅުދުއްފުށީގެ މަގުތައް ހެދުމުގެ މަސައްކަތް ދެ މަސް ތެރޭގައި ނިމޭނެ: އެމްއާރުޑީސީ

29 އޮކްޓޯބަރ 2017

މިހާރު ހުއްޓާލާފައިވާ ހދ. ކުޅުދުއްފުށީގެ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްއާރުޑީސީން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މިހާރު ހުއްޓާލާފައިވާ ހދ. ކުޅުދުއްފުށީގެ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްއާރުޑީސީން މިއަދު ބުނެފި އެވެ.

ކުޅުދުއްފުށީގެ މަގު ހެދުމުގެ މަޝްރޫއު އެމްއާރުޑީސީއާ ހަވާލުކޮށްފައިވާއިރު، ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި އެ މަސައްކަތް ކުރީ ސްރީ ލަންކާގެ ސިއެރާ ކުންފުނިންނެވެ. ނަމަވެސް އެމްއާރުޑީސީ އާއި ސިއެރާ ކުންފުންޏާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމުގެ އަޑު ވަނީ ފެތުރިފަ އެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނިގޮތުގައި މަސައްކަތް ހުއްޓާލާފައި އޮންނަތާ މިހާރު ދެ ހަފުތާއެއްހާ ދުވަސް ވެއްޖެ އެވެ. މަސައްކަތް ހުއްޓާލިއިރު، ބައެއް މަގުތަކުގެ މެދަކާ ހިސާބަށް ވެސް ތާރު އަޅާފައިވެ އެވެ.

އެމްއާރުޑީސީން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަހުމަދު މަމްދޫހު ވިދާޅުވީ، ކުޅުދުއްފުށީގެ މަގު ހެދުމުގެ މަސައްކަތް މެދުކެނޑިފައި އޮތީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށާއި ވަރަށް އަވަހަށް އެ މަސައްކަތް ފަށާނެ ކަމަށެވެ.

"މަގު ހެދުމުގެ މަސައްކަތް ތާވަލް ކުރެވިފައިވާ އެންމެ ބާރު ދުވެލީގައި ކުރިއަށް ނުގެންދެވުނު ނަމަވެސް، ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއު އިރާދަކުރެއްވިޔާ ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި ނިންމާލުމަށް މަސައްކަތްތަކެއް ކުރަމުން މިގެންދަނީ،" މަމްދޫހާ ހަވާލާދީ އެމްއާރުޑީސީގެ ބަޔާނުގައި ވެ އެވެ.

ސިއެރާ ކުންފުންޏާއި އެމްއާރްޑީސީއާ ދެމެދު މައްސަލަތަކެއް ޖެހިގެން އުޅޭ ކަމަށް ވާހަކަ ދެކެވޭއިރު، މަމްދޫހު ވިދާޅުވީ ބޮޑެތި މަޝްރޫއު ކުރިއަށް ގެންދާއިރު ތަފާތު ގިނަ މައްސަލަތައް ދިމާވެދާނެކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ.

ނަމަވެސް ކުޅުދުއްފުށީގެ މަގު ހެދުމަށް ގެންގޮސްފައިވާ ސާމާނާއި މީހުން އެ ރަށުން ފޭބި ވާހަކަ އޭނާ ވަނީ ދޮގުކޮށްފަ އެވެ.

ކުޅުދުއްފުށީގެ 18 މަގެއްގައި ތާރު އަޅަން ވަނީ ނިންމައިފަ އެވެ. އެ 18 މަގުގެ ތެރެއިން މިހާރު ވަނީ ހަތަރު މަގެއްގައި ތާރު އަޅައި ނިންމައިފަ އެވެ.

ކުޅުދުއްފުށީގެ މަގުތައް ހެދުމުގެ މަޝްރޫއަށް 60 މިލިއަން ރުފިޔާ ޚަރަދު ކުރެ އެވެ.