Roadha Mihaaru
މަގު ހަދަން ހުރަސް އެޅުމުން ސްމިތު ހައްޔަރުކޮށްފި

ދިއްދޫ މަގު ހަދަން ހުރަސް އެޅި ކަމަށް ބުނެ ސްމިތު ހައްޔަރުކޮށްފި

03 އެޕްރީލް 2018

ހއ. ދިއްދޫގެ މަގު ހެދުމުގެ މަސައްކަތަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އަލީ ހާޝިމް (ސްމިތު) މިއަދު ހައްޔަރުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހއ. ދިއްދޫގެ މަގު ހެދުމުގެ މަސައްކަތަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އަލީ ހާޝިމް (ސްމިތު) މިއަދު ހައްޔަރުކޮށްފި އެވެ.

ދިއްދޫގައި 4.5 ކިލޯމީޓަރަށް ތާރު އަޅަން ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްއާރުޑީސީއާ އެވެ. އެކަމަކު، އެ މަސައްކަތް ކުރަމުން އަންނަ ގޮތާ މެދު ދިއްދޫ ބައެއް ރައްޔިތުން ތިބީ ހިތްހަމަނުޖެހިފަ އެވެ. އެނގިފައިވާ ގޮތުގައި ސްމިތު ހައްޔަރު ކުރީ ދިއްދޫގައި ބޭއްވި މުޒާހަރާގައި ހުއްޓަ އެވެ.

ނަމަވެސް، މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ދިއްދޫ ކައުންސިލް މެމްބަރަކު "މިހާރު" އަށް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުމަކީ، ދިއްދޫގެ އެންމެ ބޮޑު މަގު، ޝާއިރުލް އަމީންގައި ތާރު އަޅައިގެން ހަދާ ގޮތާ މެދުގަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި 50 ފޫޓުގެ އެ މަގުގެ ދެ ފަރާތުގައި 14 ފޫޓުގެ ޕޭވްމަންޓެއް ހަދާއިރު، މަގު ފަޅިކުރަން ހަ ފޫޓުގެ ޑިވައިޑާއެއް ހަދަމުން އަންނަ ކަމަށެވެ. އޭގެ ސަބަބުން ބޭނުން ކުރަން އޮންނަނީ 7-8 ފޫޓުގެ ތަންކޮޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަމުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ދަތިތައް ދިމާވާނެ. ކުރިން އިނީ ދެ ފޫޓުގެ ޑިވައިޑާއެއް. ކައުންސިލުން އެދުނީމަ އެ ނަގައިދިން. އެކަމަކު އަނެއްކާ ބަދަލު ގެނައީ،" މެމްބަރު ވިދާޅުވި އެވެ.

އެހެންވެ، އެ ނިންމުން ބަދަލުކޮށް ދިނުމަށް ރައްޔިތުން އެދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ކައުންސިލް މެމްބަރު ވިދާޅުވި ގޮތުގައި ރައްޔިތުންގެ ދެކޮޅު ހެދުންތަކުގެ ސަބަބުން މަގު ހެދުމުގެ މަސައްކަތް ކުރަނީ ފުލުހުންގެ އެހީތެރިކަމާ އެކުގަ އެވެ.

މި މައްސަލާގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިއްދޫގެ މަގު ހެދުމުގެ މަޝްރޫއު ހުއްޓުވުމަށް ގެނެސް، ރައްޔިތުންގެ ތަރައްގީ އަށް ހުރަސް އަޅައިގެން ތިބުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ފުލުހުންގެ އެހީތެރިކަމާ އެކު އިދިކޮޅު ފަރާތްތައް އެއްކައިރި ކޮށްފައި ނަމަވެސް، ތަރައްގީ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިއްދޫ މަގު ހެދުމަށް ހުރަސް އެޅި ކަމަށް ބުނެ ސްމިތު ހައްޔަރު ކުރިއިރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހަށް ބިރުދެއްކިކަމުގެ ތުހުމަތުގައި ވެސް އޭނާ ދާދި ފަހުން ހައްޔަރު ކުރި އެވެ.