Roadha Mihaaru
އިހަވަންދޫ މަރު: ބިދޭސީމީހާ ދެތިން ދުވަސް ކުރިން ފިލި

އިއްސެގެ މަރުގެ ތުހުމަތު ކުރެވޭ ބިދޭސީ މީހާ ދެތިން ދުވަސް ކުރިން "ގެއްލުނު"

17 ޖޫން 2017

ހއ. އިހަވަންދޫގައި ހުންނަ އައިސް ޕްލާންޓުގައި މަސައްކަތް ކުރާ މުވައްޒަފުން، އިސްމާއިލް އުމަރު (އިއްސެ) ހޯދަން، ޕްލާންޓު ހިންގާ އިމާރާތުގައި އޭނާ ދިރިއުޅޭ ތަނަށް ދިޔައީ، އޭނާ އަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހއ. އިހަވަންދޫގައި ހުންނަ އައިސް ޕްލާންޓުގައި މަސައްކަތް ކުރާ މުވައްޒަފުން، އިސްމާއިލް އުމަރު (އިއްސެ) ހޯދަން، ޕްލާންޓު ހިންގާ އިމާރާތުގައި އޭނާ ދިރިއުޅޭ ތަނަށް ދިޔައީ، އޭނާ އަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ އެވެ.

މިއަދަކީ ހުކުރުދުވަސް ކަމަށް ވާތީ މެންދުރު ކުރިން އައިސް ޕްލާންޓު ނުހުޅުވަ އެވެ. އެކަމަކު އަސުރު ނަމާދަށް ފަހު ވެސް އިއްސެގެ ޚަބަރެއް ނުވެގެން އައިސް ޕްލާންޓް ހިންގާ އިމާރާތަށް ވަދެ ދޮރުގައި ޓަކި ވެސް ޖެހި އެވެ. އެއްވެސް ޚަބަރެއް ނުވި އެވެ. އަދި ކޮންމެވެސް ވަރަކަށް ލޭގެ އަސަރު އެތަނުން ފެނުމާ އެކު، އިއްސެ ހޯދަން ދިޔަ މީހުން އެކަން ފުލުހުންނަށް އެންގި އެވެ.

އިހަވަންދޫ އައިސް ޕްލާންޓު ހިންގުމާ ހަވާލުވެ ހުރި އިއްސެ ޒަހަމްތަކާ އެކު މަރާލާފައި އޮއްވައި ފެނުނީ ފުލުހުން ގޮސް ދޮރު ހަލާކުކޮށްލައިގެން ވަދެ އިއްސެ ހޯދަމުން ދަނިކޮށެވެ. ޅ. ހިންނަވަރަށް އުފަން އިއްސެ ފެނުނީ އައިސް ޕްލާންޓް ތެރޭގައި ހުރި ހަނި ދޭތެރެއަކުންނެވެ.

"ފުދޭ ވަރަކަށް އަނިޔާ ކޮށްފައި ހުރި ކަމަށް ވަނީ. ކަރަށް ވެސް އަނިޔާކޮށްފައި ހުރި. ތޫނު އެއްޗަކަށް ވުރެ ބޮޑަށް އެއްޗެއް ބާރުކޮށް، ވާންކޮށްގެން ކަމަށް ބެލެވެނީ،" އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެކަމަކު އިއްސެ އަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދިއެއް ނުލިބެ އެވެ.

ތުހުމަތު ކުރެވޭ ބިދޭސީ މީހާ ދެތިން ދުވަސް ކުރިން "ގެއްލުނީ"

އިއްސެ 54، ގެ މަރާ ގުޅިގެން އެންމެ ފުރަތަމަ ވެސް ތުހުމަތުކުރީ އޭނާއާ އެކު އައިސް ޕްލާންޓްގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ ރައްޔިތަކަށެވެ. އޭނާ މިރޭ ވަނީ ހައްޔަރުކޮށްފަ އެވެ. އިއްސެގެ މަރާ ގުޅިގެން އެ މީހާ އަށް އެންމެ ފުރަތަމަ ތުހުމަތު އަމާޒުވާން ޖެހުނީ މީގެ ދެތިން ދުވަސް ކުރިން އެ ބިދޭސީ މީހާ ވީނުވީ ނޭނގި ގެއްލުމުންނެވެ.

އެ މީހާ ގެއްލުމުން އޭނާ ހޯދަން އިއްސެ އާއި އޭނާގެ ގާތް މީހުން ވަރަށް މަސައްކަތް ކުރި އެވެ. އެ މައްސަލަ އިހަވަންދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅީ ވެސް އިއްސެ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ. އެ ބިދޭސީ މީހާ ހޯދަން ފުލުހުން އިހަވަންދޫގައި މަސައްކަތް ކުރިޔަސް އޭނާ އޭރު ނުފެނުނެވެ.

އެ މީހާ ނުފެނުމުން އިހަވަންދޫ މީހުން ކުރިން ގަބޫލުކޮށްގެން ތިބީ ފެރީއެއްގައި އޭނާ ދިއްދު އަށް ދިޔައީ ކަމަށެވެ. އެކަމަކު ރޭ ދަންވަރުގެ ވަގުތެއްގައި އެ މީހާ ޑިންގީއެއްގައި އިހަވަންދޫން ފުރައިގެން ހޯރަފުށްޓަށް ދިޔަކަން އެނގުމާ އެކު، އިއްސެގެ މަރުގެ ފަހަތުގައި އޭނާގެ އަތެއް ވާ ކަމަށް އިހަވަންދޫ މީހުންނަށް ޝައްކު ކުރެވުނެވެ. ފުލުހުން އެ ބިދޭސީމީހާ ހައްޔަރުކުރީ މިއަދު ހަވީރު އެވެ.

އިއްސެ މަރާލާފައި އޮތް އައިސް ޕްލާންޓް ސަރަހައްދު ބަންދުކޮށްގެން ފުލުހުން ހަރަކާތްތެރިވާއިރު އެތަނުގެ ބޭރުގައި އާންމުން ހަރަކާތްތެރިވަނީ --ފޮޓޯ/ކިޔުންތެރިއެއް

އިއްސެ މަރާލާފައި އޮތް އައިސް ޕްލާންޓް ސަރަހައްދު ބަންދުކޮށްގެން ފުލުހުން ހަރަކާތްތެރިވާއިރު އެތަނުގެ ބޭރުގައި އާންމުން ހަރަކާތްތެރިވަނީ --ފޮޓޯ/ކިޔުންތެރިއެއް

"ކުރިން އޭނާ ނުފެނުނީމަ އެންމެން ވެސް ހީކޮށްގެން ތިބީ މި އޮންނަ ފެރީ ނިޒާމުގެ ތެރެއިން އޭނާ ދިއްދު އަށް ދިޔައީ ކަމަށް. އެކަމަކު ރޭ ދަންވަރު ހޯރަފުއްޓަށް ދިޔަކަން އެނގުނީމަ އެނގިއްޖެ ކުރިން އޭނާ ހޯދިއިރު ވެސް އޭނާ މިރަށުގައި ހުރިކަން. އެ ހިސާބުން ހޯދަން އަނެއްކާވެސް ފެށީ،" އިހަވަންދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ބިދޭސީ މީހާއާ މެދު މައްސަލައެއް ނުޖެހޭ ކަމަށް އިއްސެ ބުނި

އިހަވަންދޫން "މިހާރު"އާ ވާހަކަ ދެއްކި މީހާ ބުނިގޮތުގައި، އިއްސެ އާއި އެ ބިދޭސީ މީހާއާ ދެމެދު އެއްވެސް މައްސަލައެއް ޖެހިފައި އޮތް ކަމެއް އެނގިފައެއް ނެތެވެ. ބަންގްލަދޭޝް މީހާއާ އެއްވެސް މައްސަލައެއް ޖެހިފައި ނޯންނާނެ ކަމަށް އިއްސެ ވެސް އޮތީ ރަހުމަތްތެރިއެއްގެ ގާތު ބުނެފައި ކަމަށް ވެ އެވެ.

"އިއްސެ ބުނެފައި އޮތް ކަމަށް ވަނީ އެ ބިދޭސީ މީހާއާ މެދު އެއްވެސް މައްސަލައެއް ޖެހިފައެއް ނޯންނާނެއޭ. އެއްވެސް ފައިސާއެއް ވެސް ދޭން ޖެހިފައެއް ނޯންނާނެއޭ. ހޯދާ ނުފެނުނީމަ އެ ހިސާބުން އިއްސެ ގަބޫލުކުރީ ބޮޑު މުސާރަ ހޯދަން ބައެއް ބިދޭސީން ފިލައިގެން ދާތީވެ އެގޮތަށް އެ މީހާ ވެސް ފިލައިގެން ދިޔައީ ކަމަށް،" "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެ މައްސަލާގައި އިތުރު ދެ ބިދޭސީއަކު ވެސް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ފިލައިގެން އުޅުނު ބިދޭސީ މީހާއާ ވަރަށް ގާތްކޮށް އުޅޭ ދެ މީހުން ކަމަށްވެ އެވެ.

އިއްސެގެ މަރު ތަހުގީގު ކުރަން ފުލުހުންގެ ޚާއްސަ ޓީމެއް އިހަވަންދު އަށް ގޮސްފައިވާއިރު އޭނާގެ ހަށިގަނޑު މިހާރު އޮތީ އެ ރަށު ސިއްހީ މަރުކަޒުގައި ބާއްވައިފަ އެވެ. އިއްސެގެ އާއިލާ މީހުން އެ ރަށަށް ދިއުމަށް ދަތުރު ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އިހަވަންދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.