Roadha Mihaaru
އިއްސެގެ މަރުގެ ތަހުގީގަށް ރަށުގެ އެކި ސަރަހައްދުތައް ބަލަނީ

އިހަވަންދޫގެ މަރުގެ ތަހުގީގަށް ރަށުގެ އެކި ސަރަހައްދުތައް ބަލަނީ

17 ޖޫން 2017

ހއ. އިހަވަންދޫ އައިސްޕްލާންޓު ހިންގާ އިމާރާތުގެ ތެރޭގައި މަރާލާފައި އޮއްވައި އިއްޔެ ފެނުނު އިސްމާއިލް އުމަރު (އިއްސެ)ގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ ބިދޭސީން ގޮވައިގެން ރަށުގެ އެކި ސަރަހައްދުތައް ފުލުހުން ބަލަން ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހއ. އިހަވަންދޫ އައިސްޕްލާންޓު ހިންގާ އިމާރާތުގެ ތެރޭގައި މަރާލާފައި އޮއްވައި އިއްޔެ ފެނުނު އިސްމާއިލް އުމަރު (އިއްސެ)ގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ ބިދޭސީން ގޮވައިގެން ރަށުގެ އެކި ސަރަހައްދުތައް ފުލުހުން ބަލަން ފަށައިފި އެވެ.

އައިސްޕްލާންޓްގައި މެކޭނިކެއްގެ ވަޒީފާގައި އުޅުނު އުމުރުން 54 އަހަރުގެ އިއްސެގެ މަރާ ގުޅިގެން އިއްޔެ ވަނީ އެތަނުގައި އޭނާއާ އެކު މަސައްކަތްކުރި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ފަހުން އިތުރު ހަތަރު ބިދޭސީއަކު ހައްޔަރުކުރި އެވެ.

އިހަވަންދޫ ކައުންސިލްގެ މެމްބަރަކު މިރޭ ވިދާޅުވި ގޮތުގައި ހައްޔަރުކޮށްފައި ތިބި ބިދޭސީން ގޮވައިގެން ފުލުހުން އަންނަނީ ރަށުގެ ބަނދަރު މައްޗާއި އެހެން ސަރަހައްދުތައް ބަލަމުންނެވެ. ލަފާކުރެވޭ ގޮތުގައި، އެއީ ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށެވެ.

"ފަހަރަކު މީހަކު ގޮވައިގެން ގޮސް އެކި ތަންތަން ބަލައި ހަދަނީ،" ކައުންސިލަރު ވިދާޅުވި އެވެ.

މަރުގެ ބައެއް ތަހުގީގުތަކުގައި، ތުހުމަތު ކުރެވޭ މީހުން ގޮވައިގެން ގޮސް ފުލުހުން ސުވާލުކޮށް، ތަންތަން ބަލައި ހަދަ އެވެ.

ފުލުހުންނާއި ކައުންސިލުން ބުނިގޮތުގައި އިއްސެ މަރާލާފައި ވަނީ ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީގެންނެވެ. ހަށިގަނޑުގައި ހުރި ޒަހަމްތައް ގިނަކަމުން، އޭނާ ހިނަވަން ވެސް ވަރަށް ގިނަ ވަގުތު ނެގި ކަަމަށް ވެ އެވެ.

އައިސް ޕްލާންޓު ހިންގުމާ ވެސް ހަވާލުވެ ހުރި އިއްސެ ޒަހަމްތަކާ އެކު މަރާލާފައި އޮއްވައި ފެނުނީ ފުލުހުން ގޮސް ދޮރު ހަލާކުކޮށްލައިގެން ވަދެ އޭނާ ހޯދަމުން ދަނިކޮށެވެ. ޅ. ހިންނަވަރަށް އުފަން އިއްސެ ފެނުނީ އައިސް ޕްލާންޓް ތެރޭގައި ސިމެންތިން ހަދާފައި ހުރި ހަނި ބައެއްގެ ތެރެއިންނެވެ.

އޭނާ މަރާލި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އިހަވަންދޫން ވާހަކަ ދެއްކި ގިނަ މީހުން ބުނާގޮތުގައި ތުހުމަތުކުރެވޭ ބިދޭސީންނާއި އިއްސެއާ ދެމެދު އެއްވެސް މައްސަލައެއް އުޅޭ ކަމެއް އެނގިފައެއް ނުވެ އެވެ.

އެ ރަށުގެ ބައެއް މީހުން ލަފާ ކުރަނީ، އިއްސެ މަރާލުމުގެ ފަހަތުގައި ފައިސާއާ ގުޅޭ ކަމެއް އޮވެދާނެ ކަމަށެވެ. އެކަމަކު މި ވާހަކަތަކަށް ބާރު ލިބޭ ހެއްކެއް ލިބިފައި ނުވާ ކަމަށް ކައުންސިލުން ބުނެ އެވެ.

އިއްސެގެ މަރާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި ބަންގްލަދޭޝް މީހާ މީގެ ތިން ދުވަސް ކުރިން ފިލި ކަމަށް ވެ އެވެ. އެ މީހާ ހޯދަން އިއްސެ އާއި އޭނާގެ ގާތް މީހުން މަސައްކަތް ކުރި ނަމަވެސް ނުފެނުމުން އެ މީހުން ނިންމައިގެން ތިބީ އޭނާ ފިލައިގެން ދިއްދު އަށް ދިޔައީ ކަމަށެވެ.

އެކަމަކުު ރޭ އެ މީހާ ޑިންގީއެއްގައި އިހަވަންދޫން ފުރައިގެން ހޯރަފުށްޓަށް ދިޔަކަން އެނގުމާ އެކު، އިއްސެގެ މަރުގެ ފަހަތުގައި އޭނާގެ އަތެއް ވާ ކަމަށް އިހަވަންދޫ މީހުންނަށް ޝައްކު ކުރެވުނީ އެވެ.

އިހަވަންދޫން ވާހަކަ ދެއްކި މީހަކު ބުނީ ފިލައިގެން ދިޔަ ބިދޭސީމީހާއާ އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށް އިއްސެ އޭނާގެ ރަހުމަތްތެރިއެއްގެ ގާތު ކުރިން ބުނެފައިވާ ކަމަށެވެ. ބިދޭސީމީހާ ފިލީ ބޮޑު މުސާރައެއް ހޯދަން އެހެން ތަނަކަށް ބަދަލުވުމުގެ ބޭނުމުގައި ކަމަށް އިއްސެ ގަބޫލުކުރި ކަމަށް ވެސް "މިހާރު"އާ ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.