Roadha Mihaaru
ކުޅި ނެތިއްޔާ ކުޅުދުއްފުއްޓަކަށް ނުވާނެ: ނަޝީދު

ކުޅި ނެތިއްޔާ ކުޅުދުއްފުއްޓަކަށް ނުވާނެ: ނަޝީދު

23 އޮކްޓޯބަރ 2017

ހދ. ކުޅުދުއްފުށީގައި އޮންނަ ކުޅި ނައްތާލައިފި ނަމަ އެއީ "އެހެން ރަށެއް" ކަމަށާއި ކުޅި ހިއްކައިގެން އެއާޕޯޓެއް އެޅުމަށް ވުރެ އެ ރަށަށް މުހިންމީ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ކަމަށް ކުރީގެ ރައީސް ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހދ. ކުޅުދުއްފުށީގައި އޮންނަ ކުޅި ނައްތާލައިފި ނަމަ އެއީ "އެހެން ރަށެއް" ކަމަށާއި ކުޅި ހިއްކައިގެން އެއާޕޯޓެއް އެޅުމަށް ވުރެ އެ ރަށަށް މުހިންމީ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ކަމަށް ކުރީގެ ރައީސް ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކުޅުދުއްފުށީގެ އެއާޕޯޓުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ކުރިން ހީކުރި ގޮތާ ހިލާފަށް، ކުޅުދުއްފުށީގެ ފުއްޓަރު ފަރާތުގެ ބަދަލުގައި ކުޅި ހިއްކައިގެން އެއާޕޯޓު ހަދާތީ، އެއީ އެ ރަށުގެ ހިމާޔަތަށް އޮންނަ ގުދުރަތީ ތަރިކައެއް ނައްތާލުން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

އެއާޕޯޓް ހެދުމާއި ގުޅުވައިގެން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ "ކުޅި-ދުއް-ފުށި" އިން ކުޅި ނެގީމާ ވާނީ އެހެން ރަށަކަށް ކަމަށެވެ. ކުޅުދުއްފުއްޓަށް ނަން ދެވުނު ކަމަށް ބެލެވޭ ގޮތަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ އެރަށަށް ބޭނުންވަނީ ބާރަށް، އަވަހަށް ދަތުރުކުރެވޭ ދަތުރުފަތުރުގެ ނިޒާމެއް ކަމަށެވެ.

ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ އީކޯކެއާއިން ބުނިގޮތުގައި ކުޅުދުއްފުށީ ކުޅިއަކީ ސުނާމީ ފަދަ ގުދުރަތީ ހާދިސާތަކުން ރައްކާތެރިވުމަށް ވެސް ބޮޑު އެހީއެކެވެ. އަދި އެ ރަށަށް ވެހޭފެން ކުޅިއަށް ޖަމާވެ، އެ ހިނދެނީ ވެސް ކުޅިއަށް ކަމުން، އެ ތަން ނައްތާލުމަކީ ރަށުގެ ރައްކާތެރިކަމަށް ވެސް އެޅޭ ހުރަހެއްކަން އެތަނުން ފާހަގަކުރި އެވެ.

ކުޅުދުއްފުށިން ފުރައިގެން އިންޓަނޭޝަނަލް އެއާޕޯޓެއް ކަމަށްވާ ހަނިމާދޫއަށް ވިއްސަކަށް މިނެޓުން ދެވެ އެވެ. އެހެންވެ ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަކީ މުހިންމު ކަމެއް ނޫން ބައެއް މީހުން ބުނެ އެވެ.

ނަމަވެސް މި ވާހަކަތަކަށް ރައްދު ދެއްވައި، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެއީ ކުޅުދުއްފުށީގައި ރައީސް ޔާމީން އެއާޕޯޓު އަޅުއްވާނެކަން ޔަގީންވުމުން ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި އެގޮތަށް ވާހަކަ ދައްކައި ރައްޔިތުންގެ ކުރިއެރުމަށްވުރެ ސިޔާސީ އެޖެންޑާ ކުރިއަށް ނެރޭނީ ގޮތް ހުސްވުމުން ކަމަށް ވިދާޅުވި އެވެ.