Roadha Mihaaru
ނަޝީދުގެ މައްސަލަ: މުއިއްޒު ހުވާ ކުރައްވަން ހުރަސް؟

ނަޝީދުގެ މައްސަލަ އޮއްވައި، މުއިއްޒު ހުވާ ކުރައްވަން ގާނޫނީ ހުރަހަކަށް؟

26 އޮކްޓޯބަރ 2023

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން އިއްޔެ ވަނީ ވަރުގަދަ އިންޒާރުތަކަކާ އެކު ޒާތަކަށް "ހަނގުރާމަ" އިއުލާނުކޮށްފަ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން އިއްޔެ ވަނީ ވަރުގަދަ އިންޒާރުތަކަކާ އެކު ޒާތަކަށް "ހަނގުރާމަ" އިއުލާނުކޮށްފަ އެވެ.

ކޮންމެ ގޮތެއް ހަދައިގެން ވެސް މަޖިލީހުގެ ރައީސް ކަމުގެ މަގާމުން އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމަށް އެ ޕާޓީން ތިބީ ފައި ވިއްދައިގެންނެވެ. އޭގެ ސަބަބު ވަރަށް ސާފެވެ. ނިމުނު ރިޔާސީ އިންތިހާބު ނާކާމިޔާބުވީ ސީދާ ނަޝީދުގެ ސަބަބުން ކަމީ އެމްޑީޕީން ގަބޫލުކުރާ ގޮތެވެ.

އެކަމަކު އިންތިހާބުގެ ކުރިން ނަޝީދު ވަކި ކުރަން އުޅެ އެކަން ކާމިޔާބު ވެފައި ނުވާ އިރު، މިހާރު މަޖިލީހަށް ވައްދައިގެން އުޅޭ އިތުބާރު ނެތް ކަމުގެ މައްސަލަ އަށް ވެސް ނަޝީދާއި އެ މަނިކުފާނުގެ ޑިމޮކްރެޓްސް އިން ހުރަސްއަޅަން އުޅޭ ކަމުގެ ބިރު އެމްޑީޕީ އަށް އެބައޮތެވެ.

އެއާ އެކު، މި ފަހަރު މާޒީ ތަކުރާރު ވިޔަ ނުދޭން، ވެރިކަމާ ހަވާލުވާން ތިބި ޕީޕީއެމް/ޕީއެންސީގެ މަސްލަހަތު ވެސް މި ކަމުގައި އޮތް ކަމަށް އެމްޑީޕީގެ ޕީޖީން އިއްޔެ ވަނީ ބުނެފަ އެވެ.

"[ނޮވެމްބަރު] ސަތާރަ ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ [ޑރ. މުހައްމަދު މުއިއްޒު] ކުރައްވާ ހުވާ މި ވޯޓު ނުނިންމައި، ރިޔާސަތަކުން ނިންމާ ނިންމުމެއް އަޅުގަނޑުމެން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން އެއީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހުވައި ކުރައްވައިގެން ހުރި ރައީސެއް ކަމުގައި ނުބަލާނަން. އެގޮތަށް އަޅުގަނޑުމެން މަޝްވަރާ ކުރެވިފައި އޮތީ،" އެމްޑީޕީގެ ޕީޖީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އެމްޑީޕީ ޕީޖީ ގްރޫޕުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އެމްޑީޕީން އެހެން ގަބޫލުކުރަނީ މަޖިލީހުގެ ގަވާއިދުގެ 205 މާއްދާގެ (ރ) އާ ހަވާލާދީ އެވެ.

މި މާއްދާގެ (ނ) ގައިވާ ނޯޓިހުގެ މުއްދަތު ހަމަވެގެން މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރެއް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށްފަހު، އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ، ނުވަތަ ގޮތެއް ނިންމަން ވާނީ މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ކުރުމުގެ ގަރަރާ މެދު ގޮތެއް ނިންމުމަށް ފަހުގައި އެވެ. - މަޖިލީހުގެ ގަވާއިދުގެ 205 މާއްދާގެ (ރ)

ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުވާ ބޭފުޅަކު މަގާމާ ހަވާލުވެވަޑައިގެން ހުވާ ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިރު، މަޖިލީހުގެ ގަވާއިދުގައި ބުނާ 14 ދުވަހުގެ ނޯޓިސް ހަމަވެ، އަންނަ އާދީއްތަ ދުވަހު ނަޝީދު ވަކިކުރުމުގެ ގަރާރު އެޖެންޑާ ކުރަންޖެހޭ އިރު، އެކަން ނުކޮށް ހުވާ ކުރުމުގެ ޖަލްސާ ނުބޭއްވޭނެ ކަމަށް އެމްޑީޕީން ގަބޫލު ކުރެ އެވެ.

"...އެގޮތަށް ހުވާކުރައްވައިގެން ގާނޫނާ ހިލާފް، ޖަލްސާއެއްގައި ހުވާކުރައްވައިގެން ކެބިނެޓް ހުށަހެޅުއްވިޔަސް އެއަަކަށް ވެސް އަޅުގަނޑުމެންނަށްކަމަށް ޖާގައެއް ނުދެވޭނެ،" އިއްޔެގެ ބައްދަލުވުމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އިންޒާރު ދެއްވި އެވެ.

އާދީއްތަ ދުވަހުގެ ޖަލްސާ ކުރިއަށް ގެންދަން ފުުރުސަތު ނުދޭން ރާވާފައިވަނީ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އާދިއްތަ ދުވަހުގެ ޖަލްސާއަށް ވަޑައިނުގެން ކަމަށް އެމްޑީޕީގެ މެމްބަރުން ތުހުމަތުކުރެއްވި އެވެ. މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސެވެ. މަޖިލީހުގެ ނައިބު ރައީސް ވަޑައިނުގަންނަވާ ހާލަތެއްގައި ވާނެ ގޮތެއް ގަވާއިދުގައި ސާފުކޮށް ބުނެފައެއް ނެތެވެ.

މަޖިލީހުގެ އިދާރާ އަށް މުއިއްޒު ވަޑައިގެން މަޖިލީހުގެ ރައީސް ނަޝީދާ ސަލާމް ކުރައްވަނީ -- ފައިލް ފޮޓޯ: މިހާރު

މަޖިލީހުގެ އިދާރާ އަށް މުއިއްޒު ވަޑައިގެން މަޖިލީހުގެ ރައީސް ނަޝީދާ ސަލާމް ކުރައްވަނީ -- ފައިލް ފޮޓޯ: މިހާރު

މީގެ ކުރިން ނަޝީދު ވަކި ކުރަން ހުށަހެޅި މައްސަލަ ވެސް ކުރިއަށް ނުގެންދެވުނީ އެހެންވެ އެވެ. އެ ފަހަރު ނަޝީދާ އެކު އީވާ ވަކިކުރަން ވެސް ގަރާރެއް ވެއްދުމުން، ދެ ބޭފުޅުން ވެސް ރިޔާސަތާ ހަވާލުވާން އުޒުރުވެވަޑައިގެންނެވި އެވެ. އެއާ އެކު، އެ ދެ ގަރާރު އަނބުރާ ނެގުމާ ހަމައަށް ވެސް ގަވާއިދުން އަންނަ ޒާތެއްގެ ހުސްކަމަށް އޮތީ ހައްލެއް ނުހޯދި އެވެ.

ގާނޫނީ ހުރަހެއް އެބަ އޮތް؟

މުއިއްޒު ހުވާކުރެއްވުމުގެ ޖަލްސާއާ ގުޅުވައި މަޖިލީހުގެ ގަވާއިދުގެ ދަށުން އެމްޑީޕީން އުފައްދަނީ ގާނޫނީ ބުރަދަނެއް ހުރި ސުވާލެއް ކަމަކަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް ގަބޫލެއް ނުކުރައްވަ އެވެ.

މަޖިލީހުގައި ހިނގަމުންދަނީ ނަޝީދާއި އެމްޑީޕީ އާ ދެމެދު އޮތް އަރައިރުމެއް ކަމަށާއި، އެކަމުގެ ތެރެއަށް ޕީޕީއެމް/ޕީއެންސީން ވަންނަން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ އެއް ބާރުގެ ކޯޅުމުގެ ތެރެއިން މުޅި ނިޒާމު ހުއްޓުމަކަށް އައިސް ގައުމު ދުސްތޫރީ ހުސްކަމަކަށް ދިޔުމަށް ޖާގަ އޮތް ނަމަ، އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އެކަމަށް ސުޕްރީމް ކޯޓުން ވެސް ހައްލެއް ހޯދޭނެ އެވެ.

"އެކަމަކު އަޅުގަނޑު ގަބޫލު ކުރަނީ އެމްޑީޕީ އެއަށްވުރެ ހަރުދަނާވެ ޒިންމާދާރު ވާނެ ކަމަށް. މި މައްސަލަ އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ވާހަކަ ދައްކައިގެން ރީތިކޮށް ހައްލު ކުރެވޭނެ ހަގީގަތުގައި،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން އުފައްދަނީ، ގާނޫނީ ވަކީލަކަށް ނުވިޔަސް އެނގޭ ވަރުގެ ބުރަދަނެއް ނެތް ސުވާލެއްގެ ކަމަށް ކުރީގެ ޕްރޮސެކިޔުޓާ ޖެނެރަލް މުހުތާޒް މުހުސިން ސިފަ ކުރެއްވި އެވެ.

މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

އޭނާ ވެސް ވިދާޅުވި ގޮތުގައި އެމްޑީޕީގެ އެތެރޭގެ "ސަކަރާތެއް"ގައި މުޅި ނިޒާމެއް ނުހުއްޓޭނެ އެވެ. ވަކިން ހާއްސަކޮށް، ރައީސަކު ހުވާ ކުރުމުގެ ޖަލްސާ އާންމު ޖަލްސާއެއްގެ މިންގަނޑަށް ފެތޭތޯ މުހުތާޒް ސުވާލު ކުރެއްވި އެވެ. އަދި އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކޮށް ނުނިންމާ ހިނދު، މަޖިލީހުގެ ރައީސްގެ ޒިންމާތައް އަދާކުރެއްވޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމާ އެކު، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ހަފްލާތަކަށް ވަޑައިގެންނެވުމާއި މީހުންނާ ބައްދަލުވެސް ނުކުރެވޭ ގޮތަށް ތޯ އޮންނަނީ؟ އެކަހަލަ އެއްވެސް ހުރަހެއް ނޯވޭ. ރައީސް ކަމުން ވަކި ނުކުރާހާ ހިނދު މަސްއޫލިއްޔަތުތައް އަދާކުރެވޭނެ،" މުހުތާޒް ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި، އާ ރައީސް ހުވާކުރެއްވުމުގެ ޖަލްސާ އަށް ވެސް ހިނގާނީ އެ ހަމައިންނެވެ. އެހާތަނަށް ނަޝީދު ވަކި ކުރަން ފާސް ނުކުރާނަމަ، އެ ޖަލްސާގެ ރިޔާސަތު އެ މަނިކުފާނަށް ބެލެހެއްޓެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ސަބަބަކީ، މުހުތާޒް ވިދާޅުވި ގޮތުގައި، މަޖިލީހުގެ ރައީސަށް ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނަނީ ހަމައެކަނި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރު ކުރިއަށްދާ ޖަލްސާ އެވެ.

"އެހެން ޖަލްސާއެއްގެ ޖަލްސާއެއްގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަކަށް ނޯވޭ ގަވާއިދުގަ އެއް. އެހެންވީމާ އެމްޑީޕީގައި ތިއްބެވި ސީނިއާ ޕޮލިޓީޝަނުން ވެސް ދައްކަވަންޖެހޭނީ ތަސައްވަރު ފުދިފައިވާ ވާހަކަ،" އޭނާ ވިދާޅުވި އެވެ.