Roadha Mihaaru
ކުޅުދުއްފުށީ އެއާޕޯޓާ ގުޅޭގޮތުން މުއިއްޒުގެ ރައްދު

ކުޅުދުއްފުށީ އެއާޕޯޓާ ގުޅޭގޮތުން ދައްކާ ވާހަކަތަކަށް މުއިއްޒުގެ ރައްދު

22 އޮކްޓޯބަރ 2017

ހދ. ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެ ރަށުގެ އެއާޕޯޓު އަޅަން ނިންމާފައިވާތީ ބައެއް މީހުން ކިޔަމުން ދާ ފާޑުކިޔުންތަކަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ރައްދު ދެއްވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހދ. ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެ ރަށުގެ އެއާޕޯޓު އަޅަން ނިންމާފައިވާތީ ބައެއް މީހުން ކިޔަމުން ދާ ފާޑުކިޔުންތަކަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ރައްދު ދެއްވައިފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކުޅުދުއްފުށީގެ އެއާޕޯޓުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ކުރިން ހީކުރި ގޮތާ ހިލާފަށް، އެ ރަށުގެ ފުއްޓަރު ފަރާތުގެ ބަދަލުގައި ކުޅި ހިއްކައިގެން އެއާޕޯޓު ހަދާތީ، އެއީ އެ ރަށުގެ ހިމާޔަތަށް އޮންނަ ގުދުރަތީ ތަރިކައެއް ނައްތާލުން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

އެކަމަކު މިކަމަށް ރައްދު ދެއްވައި މުއިއްޒު ވިދާޅުވީ އެއީ ކުޅުދުއްފުށީ އެއާޕޯޓު ރައީސް ޔާމީން އަޅުއްވާނެކަން ޔަގީންވުމުން ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި ރައްޔިތުންގެ ކުރިއެރުމަށްވުރެ ސިޔާސީ އެޖެންޑާ ކުރިއަށް ނެރޭނީ ގޮތް ހުސްވުމުން ކަމަށް ވިދާޅުވި އެވެ.

ނޫހުގައި ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ކުޅުދުއްފުށީގެ ޒުވާނަކު މިއަދު ބުނީ އެ ރަށުގެ ކުޅިއަކީ އެ ރަށުގެ ތިމާވެށީގެ އިތުރުން ތާރީޚާއި ސަގާފަތާ ވެސް ގުޅުން ހުރި ތަނެއް ކަމަށާއި އެހެންވެ، އެ ތަން ނެތިކޮށްލައި އެއާޕޯޓު އެޅުން ވާނީ ރަށަށް ލިބޭ ކުރިއެރުމަކަށް ވުރެ ގެއްލުމަކަށް ކަމަށެވެ.

ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ އީކޯކެއާއިން ބުނިގޮތުގައި ކުޅުދުއްފުށީ ކުޅިއަކީ ސުނާމީ ފަދަ ގުދުރަތީ ހާދިސާތަކުން ރައްކާތެރިވުމަށް ވެސް ބޮޑު އެހީއެކެވެ. އަދި އެ ރަށަށް ވެހޭފެން ކުޅިއަށް ޖަމާވެ، އެ ހިނދެނީ ވެސް ކުޅިއަށް ކަމުން، އެ ތަން ނައްތާލުމަކީ ރަށުގެ ރައްކާތެރިކަމަށް ވެސް އެޅޭ ހުރަހެއްކަން އެތަނުން ފާހަގަ ކުރި އެވެ.

ރަށުގެ ގިނަ ބަޔަކު ފާހަގަ ކުރާ އަނެއް މައްސަލައަކީ ކުޅުދުއްފުށިން ފުރައިގެން ވިއްސަކަށް މިނިޓުން ދެވޭ ހދ. ހަނިމާދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮއްވައި، ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމެވެ. އަދި އެއީ އިގްތިސޯދީ ގޮތުން ވެސް އެ ސަރަހައްދަށް ލިބޭނެ ކުރިއެރުމެއް ކަމަކަށް މީހުން ގަބޫލެއް ނުކުރެ އެވެ.

ސަރުކާރަށް މިކަން ނުކުރެވޭނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކާއިރު، ސަރުކާރުން ވަނީ ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އެކަމަކު މިއީ ސިޔާސީ ގޮތުން ރައްޔިތުންނަށް ދޭ ވަރަށް ނުބައި މެސެޖެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.