Roadha Mihaaru
ކުޅި ސަލާމަތް ނުކުރެވުނީ ކީއްވެ؟

ކުޅި ސަލާމަތް ނުކުރެވުނީ ކީއްވެ؟

20 ނޮވެމްބަރ 2017

ކުޅިން ބައެއް ގެއްލުނަސް، އެއާޕޯޓެއްގެ ހުވަފެން ހަގީގަތަކަށް ވެދާނެ ކަމުގެ އުއްމީދު ހދ. ކުޅުދުއްފުށީ މީހުންނަށް ލިބިއްޖެ އެވެ. އެކަމާ މައްސަލަ ޖައްސާނެ މާ ގިނަ ބަޔަކު އެ ރަށަކު ނެތެވެ. ކުޅި ހިއްކައިގެން އެއާޕޯޓު އެޅުމާ ދެކޮޅަށް އަޑުއުފުލި ހަރަކާތް ބަލިވީ އެވެ. މޮޅުވީ އެކަމުގައި އެއްވެސް ދުލެއް ނުދިން ސަރުކާރެވެ. އުފާވީ ކުޅުދުއްފުށީ މީހުންނެވެ. އެކަމަކު، ތިމާވެށީގެ މާހިރުން އެ ބުނާ ފަދަ މުހިއްމު ތަނަކަށް ވަންޏާ، މި ކުޅި ސަލާމަތް ނުކުރެވުނީ ކީއްވެގެން ހެއްޔެވެ؟

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ކުޅިން ބައެއް ގެއްލުނަސް، އެއާޕޯޓެއްގެ ހުވަފެން ހަގީގަތަކަށް ވެދާނެ ކަމުގެ އުއްމީދު ހދ. ކުޅުދުއްފުށީ މީހުންނަށް ލިބިއްޖެ އެވެ. އެކަމާ މައްސަލަ ޖައްސާނެ މާ ގިނަ ބަޔަކު އެ ރަށަކު ނެތެވެ. ކުޅި ހިއްކައިގެން އެއާޕޯޓު އެޅުމާ ދެކޮޅަށް އަޑުއުފުލި ހަރަކާތް ބަލިވީ އެވެ. މޮޅުވީ އެކަމުގައި އެއްވެސް ދުލެއް ނުދިން ސަރުކާރެވެ. އުފާވީ ކުޅުދުއްފުށީ މީހުންނެވެ. އެކަމަކު، ތިމާވެށީގެ މާހިރުން އެ ބުނާ ފަދަ މުހިއްމު ތަނަކަށް ވަންޏާ، މި ކުޅި ސަލާމަތް ނުކުރެވުނީ ކީއްވެގެން ހެއްޔެވެ؟

ރަށު ކައުންސިލުގެ ވާހަކަތަކުން ދޭހަވާ ގޮތުގައި ކުޅުދުއްފުށީ މީހުންނަށް ސަރުކާރުން ދިނީ އެންމެ އިޚްތިޔާރެކެވެ؛ އެއާޕޯޓް އެޅޭނީ ކުޅި ހިއްކައިގެން ކަމެވެ. އެހެންވީމާ، ކައުންސިލުގެ ބަހުން ނަމަ، ކުޅި ދޫކޮށްލަން ހިތްނޭދުނަސް މީހުންނަށް އެއާޕޯޓެއް މާ މުހިއްމުވީ އެވެ. އެ ރަށުން މާ ބޮޑު ދެކޮޅު ހެދުމެއް ނައީ އެހެންވެގެން ކަމަށް ބެލިދާނެ އެވެ.

އެކަމަކު ގިނަ އަދަދެއްގެ އަމިއްލަ ޖަމްއިއްޔާތަކާއި ތިމާވެއްޓަށް ލޯބިކުރާ މީހުންނާއި ބައެއް އާއްމުން ވެސް މި މަޝްރޫއުއާ ދެކޮޅަށް ވަކާލާތުކުރި ގިނަ ސަބަބުތަކެއް ވެ އެވެ. އަދި ބައެއް މީހުން ދެކޭ ގޮތުގައި ކުޅުދުއްފުށީ މީހުންނަށް އެކަށީގެންވާ މައުލޫމާތު ދެވުނު ނަމަ، އެ މީހުންގެ ވިސްނުން ތަފާތުވީހެވެ. އެއާ އެކު، ކުޅި ހިމާޔަތްކުރަން ބޭނުންވާ މީހުން އަދިވެސް އުފައްދާ ސުވާލުތަކެއް އެބަ ހުއްޓެވެ.

އާއްމުންގެ ޚިޔާލު

އެއް ކަމަކީ މި މަޝްރޫއުގެ އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓް އައި ގޮތެވެ. އެ ދިރާސާގައި އާއްމުންގެ ޚިޔާލު ހޯދަން ކުޅުދުއްފުށީގައި މި އަހަރުގެ އޭޕްރީލް މަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މީހުންގެ "99 ޕަސެންޓް" ތާއީދުކުރީ ރަށުގެ އިރުމަތީ އަވަށުގައި (ފުއްޓަރު ފަރާތް) އެއާޕޯޓް އަޅަން ކަމަށް އެ ތަނުގައި ހުރި ތިމާވެށީގެ މާހިރަކު ބުނެ އެވެ.

(އޭރު އެއާޕޯޓު ހަދަން ސަރުކާރުން ހަވާލުކޮށްފައި އޮތީ މެލޭޝިއާގެ ގްރިފޮން އެނަޖީއާ އެވެ. އެކަމަކު ފަހުން، ސެޕްޓެމްބަރު މަހު އެ އެއްބަސްވުން ވަނީ އުވާލައިފަ އެވެ. އެއީ މަޝްރޫއު އަށް ބޭނުންވާ ފައިސާ އެ ކުންފުންޏަށް ހަމަނުޖެއްސިގެން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.)

ކުޅުދުއްފުށި

ކުޅުދުއްފުށި

އިރުމަތީ އަވަށުގައި އެއާޕޯޓު އެޅުމުގެ އިޚްތިޔާރު އާއްމުންނަށް އޭރު ހުށަހަޅާފައި ފަހުން އެކަން ބަދަލުވީ ކީއްވެގެން ހެއްޔެވެ؟ ފަހަރުގައި އެ ތަނުގައި އެއާޕޯޓެއް އެޅިދާނެ ކަމަށް މެލޭޝިއާގެ ކުންފުންޏަށް އޭރު ފެނުނީ އެވެ. އެކަމަކު ފަހުން އެ ކުންފުނި އަތުން މަޝްރޫއު އަތުލާފައިވާ އިރު، އެ ފަރާތުގައި ރަންވޭއެއް އެޅޭނީ މީހުން ދިރިއުޅޭ ސަރަހައްދުގެ ތެރެއިން ލާފައި ކަމަށް ބެލެވިގެން އެ ޚިޔާލު ވަޅުލެވުނީ ކަމަށް ވެދާނެ އެވެ. (އިރުމަތީ އަވަށުގައި އެއާޕޯޓު އަޅާ ނަމަ 80 އަށް ވުރެ ގިނަ ގެ އަށް އަސަރު ފޯރާނެ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެފައިވެ އެވެ.)

އެކަމަކު ކުޅީގެ ހިމާޔަތުގައި އަޑުއުފުލާ މީހުން ދެކޭގޮތުގައި، އެއާޕޯޓު އަޅަން ބޭނުންވަނީ ފުއްޓަރު ފަރާތުގައި ކަމަށް އީއައިއޭގެ ދިރާސާގައި "އެހާ ގިނަ ބަޔަކު" ބުނެފައި އޮއްވާ، އެކަން ބަދަލުވީމާ، އަލުން އަނެއްކާވެސް އާންމުންގެ ޚިޔާލު ހޯދަން ޖެހޭނެ އެވެ.

"އެ ތަނުގައި ތިބި އެންމެން ކަހަލަ ގޮތަކަށް ބުނީ އިރުމަތީ ފަރާތުގައޭ އެއާޕޯޓް އަޅަން ޖެހޭނީ. އެހެންވެ، އަނެއް އޮޕްޝަން (ކުޅި ހިއްކުން) އަށް ވޯޓަކަށް ނުވެސް އަހާ،" ނަން ނުޖަހަން ޝަރުތުކޮށް ވާހަކަދެއްކި ތިމާވެށީގެ ދާއިރާގެ މީހަކު ބުންޏެވެ.

"މިގޮތަށް ހާލަތު ބަދަލުވެއްޖެއްޔާ [މެލޭޝިއާ ކުންފުންޏާ އެކު ހެދި އެއްބަސްވުން އުވާލުން] އާ އީއައިއޭއެއް އަދި އާ ޕަބްލިކް ކޮންސަލްޓޭޝަނަކަށް ދާން ޖެހޭނީ. ކުރިން އޮތް އޮޕްޝަނެއް ބަދަލުވީމަ ރައްޔިތުން ގާތަށް ގޮސް ބުނަން ޖެހޭނީ އެ ގޮތް މިހާރު ވަޔަބްލްއެއް ނޫނޭ، ދެން އޮތީ މި ގޮތޭ، ކީކޭހޭ ބުނަނީ. ހަގީގަތުގައި މީހުން ދެކޭ ގޮތެއް އެނގޭނީ އޭރުން. ފަހަރެއްގައި އެ މީހުން ބުނެފާނެ، ބޭނުންވަނީ ކުޅި އޮތް ގޮތަށް ބާއްވާށޭ ވެސް."

އީއައިއޭއާ ބެހޭ ގޮތުން މި ނޫން ވެސް އެތަކެއް ސުވާލު އުފައްދައި ގިނަ މައްސަލަތަކެއް ތިމާވެށީގެ މީހުން ކުރިން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

"ބޮޑު ޖޯކެއް"

ސަރުކާރުން އެންމެ ފަހުން ނިންމާފައި ވަނީ އެއާޕޯޓް އަޅަން ކުޅުދުއްފުށީ ހުޅަނގު ފަރާތު މޫދުން ހަ ހެކްޓަރު އަދި ކުޅިން ނުވަ ހެކްޓަރު ހިއްކާށެވެ. އެއީ ކުޅީގެ 30 ޕަސަންޓް ސަރަހައްދެވެ. ސަރުކާރުގެ ބަހުން ނަމަ، ކުޅީގެ ބޮޑު ބައި އެ އޮތީ އަތް ވެސް ނުލައި އޮތް ގޮތަށް ބާއްވައިފަ އެވެ. އެކަމަކު ކުޅި ހިމާޔަތްކުރަން ބޭނުންވާ މީހުންނަށް، މިއީ "ބޮޑު ޖޯކެ"ކެވެ.

"ޓެކްނިކަލް ގޮތުން ބަލާ އިރު އެއީ ވާނެ ކަމެއް ވެސް ނޫން. އަދި ކަންކަން ހިނގަމުންދާ ގޮތުން، އެ ބަހުގައި އެއްވެސް ތެދުވެރިކަމެއް ނެތްކަން ވެސް އެބަ އެނގޭ،" މި ދާއިރާގައި ފަންނީ މަސައްކަތްތައް ކުރާ މީހަކު ބުންޏެވެ.

"މިއީ ޖުމްލަކޮށް އޮތް ނިޒާމެއް. ޕަސެންޓޭޖެއް ނުކިޔޭނެ. މުޅި ނިޒާމުގެ ބެލެންސް ގެއްލޭ ވަރުގެ ކަމެއް އެ ކުރަނީ. އެހެންވީމަ ކުޅީގެ 70 ޕަސެންޓް އޮންނާނޭ ބުނީމަ އެއީ ބޮޑު ޖޯކެއް އަސްލު. އަހަން ޖެހޭ ސުވާލަކީ ކުޅުދުއްފުށީ މީހުންނަށް އެހެން އޮޕްޝަންތަކެއް [ކުޅި ހިއްކުން ފިޔަވައި] ދީފި ހެއްޔޭ؟ ރަނގަޅު މައުލޫމާތު ދިނީމާ، އެ މީހުންގެ ވިސްނުން ހުންނާނީ ކިހިނެއް ހެއްޔޭ؟"

އެއީ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ މީހުންގެ ޒިންމާ ވެސް އޮތް ކަމެކެވެ.

ކުޅުދުއްފުށީ ކުޅި ހިއްކަން ބަންޑު ވޯލް ޖަހާފައި-- ފޮޓޯ: ސޯޝަލް މީޑިއާ

ކުޅުދުއްފުށީ ކުޅި ހިއްކަން ބަންޑު ވޯލް ޖަހާފައި-- ފޮޓޯ: ސޯޝަލް މީޑިއާ

ފިލާވަޅުތަކެއް

ތިމާވެށީގެ މާހިރަކު ދެކޭގޮތުގައި ކުޅުދުއްފުށީ ކުޅި ސަލާމަތް ނުކުރެވުމުގައި ހާމަވި އެންމެ ބޮޑު އެއް ކަމަކީ "އަހަރެމެން ކަހަލަ މީހުންގެ ފެއިލިއާ" އެވެ. އެއީ އާއްމުންނަށް ދުރާލާ މައުލޫމާތު ދެވިފައި ނެތުމެވެ.

"އެއް ބަޔަކު މި ބުނަނީ ކުޅި އެއީ އެއްވެސް ބޭނުމެއް ހުރި ތަނެއް ނޫނޭ. އެއީ ދޮގެއް. އެކަމަކު މިހާރުގެ ޖީލު އެ ވާހަކަ އެބަ ގަބޫލުކުރޭ. ސަބަބަކީ ކުޅީގެ ސީދާ ފައިދާތައް ހޯދާފައި ހުރީ ކުރީގެ ޖީލުތައް،" އޭނާ ބުންޏެވެ.

"މިހާރު ރާއްޖޭގެ ކުޅިތަކުން ލިބޭ އެންމެ ބޮޑު ފައިދާއަކީ ނުސީދާކޮށް ކުރާ ފައިދާ. އެއީ ފެންބޮޑުވުން ކޮންޓްރޯލްކުރުން، ފެން ފަށަލަ ސާފުކޮށް ބޭވުން ކަހަލަ ކަންކަން. މިއީ މީހުންނަށް ފެންނަ ނުވަތަ ސީދާ އިހުސާސް ކުރެވޭ ކަންކަމެއް ނޫން. އެ ރައްކާތެރިކަން ނެތުނީމަ، ނޭދެވޭ އަސަރުކުރަން ފެށީމަ ދެން މި އެނގެނީ މި ކަން ވާ ގޮތް. މި ކަހަލަ ތަންތަނުގެ މުހިއްމު ބޭނުންތައް ކިޔައިދޭން އަހަރެމެންނަށް މަސައްކަތް ކުރެވިފައެއް ނެތް. އެއީ ކުޅުދުއްފުށީ މައްސަލައިން ލިބުނު ވަރަށް ބޮޑު ފިލާވަޅެއް."

ދެން އޮތީ "ފެށުން ގޯސް" ވުމުގެ ޝަކުވާ އެވެ. ކެމްޕެއިން ވައުދަކުން އެއާޕޯޓެއްގެ ހުވަފެން ކުޅުދުއްފުށީ މީހުންނާ ހަމައަށް ގެންދިޔުމުގެ ބަދަލުގައި އެ މީހުން އެންމެ ބޭނުންވަނީ ކޮން ކަމެއްކަން ނިންމުމުގެ އަމިއްލަ ބާރު ދިން ނަމަ ދޭނީ ހަމަ މި ޖަވާބުތޯ އުފައްދާ ސުވާލެވެ.

"ކުޅުދުއްފުއްޓަށް އެންމެ މުހިއްމީ ފެރީ ސިސްޓަމް ރަނގަޅުކުރުމޭ ވެސް މީހުން ބުނެފާނެ. ހަގީގަތަކީ ޓިކެޓަށް ވުރެ ބޮޑު އަގެއް [އެންމެ ކައިރީގައި އޮތް އެއާޕޯޓް، ހަނިމާދޫން ކުޅުދުއްފުއްޓަށް ދާން] ލޯންޗަށް ހަރަދުކުރަން ޖެހޭ،" ކުޅުދުއްފުއްޓަށް ނިސްބަތްވާ މީހަކު ބުންޏެވެ.

ރަށުގެ ގިނަ މީހުން އެއާޕޯޓެއް އަޅަން ބޭނުންވާ ކަމުގެ ހަގީގަތް ތިމާވެށީގެ މީހުން ވެސް ގަބޫލުކުރެ އެވެ. އެކަމަކު އެފަދަ ބައެއް މީހުން ދެކޭގޮތުގައި، ގޮތް ނިންމަން ރައްޔިތުންގެ އަތްމަތީގައި އޮންނަން ޖެހޭ ބާރު ނެތުމާއި ޒަމާނުއްސުރެ ސަރުކާރުތަކުން ތަކުރާރުކޮށް ވައުދުވެފައިވާ ކަންކަން ފުއްދައިދީފައި ނެތުމުގެ މާޔޫސްކަމާ އެކު، އާއްމުންނަށް ގޮތް ހުސްވުމުގެ އިހުސާސް ކުރެވެނީ އެވެ.

"މިކަމާ ހިތްހަމަނުޖެހޭ މީހުން ވެސް ބުނަނީ މިހާރު މި ކަންތައް މި އޮތީ ލިބޭށޭ، މިއަށް ނޫނެކޭ ބުނެފިއްޔާ ދެން އެހެން އެއްވެސް ކަމެއް ނުލިބޭނެއޭ،" ކުޅުދުއްފުށީ ޒުވާނަކު ބުންޏެވެ.

އޭނާ ދެކޭގޮތުގައި ގިނަ މީހުން އެއާޕޯޓެއް ބޭނުންވަނީ "ޖަޒުބާތީ" ސަބަބުތަކާ ހެދި އެވެ.

"މަންމަ ނުވަތަ އަނބިމީހާ ގޮވައިގެން ވަރަށް ކަނޑު ގަދަ އިރު ހަނިމާދު އަށް ކުރި ދަތުރެއްގެ ހަނދާން ހުރެދާނެ. ނުވަތަ ސިޒޭރިއަންއެއްގެ މެދުތެރެއިން ލޭ މަނާ ނުވެގެން ޓީޗަރަކު މަރުވި ހަނދާން އެންމެން ވެސް ހުންނާނެ. އެކަމަކު މިއީ ކުޅުދުއްފުށީ މީހުން އެކަންޏެއް ނޫން، އެހެން މީހުން ވެސް ކުރާ ތަޖުރިބާތަކެއް،" އޭނާ ބުންޏެވެ.

"ރީޖަނަލް ހޮސްޕިޓަލް މިހާރު ޓާޝަރީ ވަނީއެއް ނޫންހޭ، ސިއްހީ ޚިދުމަތް ރަނގަޅުވާނެއެއް ނޫންހޭ ބުނީމާ އެ މީހުން މި ބުނަނީ ތިން ރައީސުން މިހާރު ތިޔަ ވައުދު ވެއްޖެއޭ. އެއީ ވާނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވެއޭ. މިހާރު ކުޑަމިނުން އެއާޕޯޓް ލިބެން އޮއްވާ އެކަން ބަލައިގަތީމަ މާލެ ދެވޭނެއޭ ފަސޭހައިން. މާލޭގައި ހުންނަން ބޮޑު ހަރަދު ހިނގިޔަސް ލޯންޗުގެ ޚަރަދު ސަލާމަތްވާނެއޭ."

ތިމާވެށީގެ މާހިރުން ދެކޭގޮތުގައި ކުޅީގެ މައްސަލައިގައި "ވަރަށް ބޮޑު ސިސްޓަމެޓިކް ފެއިލާއެއް" ވެސް އެބަ އޮތެވެ. އީއައިއޭގެ މިނިވަންކަމާއި ސައްހަކަން ކަށަވަރުކުރުމާއި ގަވާއިދުތަކާއި ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް އިޖުރާއަތުތައް ފުރިހަމަކުރުމުގައި އެތައް ކަމެއް އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ އިރު ޖަވާބުދާރީކުރެވޭނެ މަގެއް ވެސް ފަހިވެފައެއް ނުވެ އެވެ. އެކަމުގައި އެންވަޔަރްމެންޓް މިނިސްޓްރީގެ ޒިންމާ ވަރަށް ބޮޑެވެ. އަދި ޝަރުއީ ދާއިރާ މެދުވެރިކޮށް އިންސާފު ހޯދަން ވެސް އެތައް ގޮންޖެހުންތަކަކާއި ހުރަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ކުޅުދުއްފުށީ އެއާޕޯޓު މަޝްރޫއުން، މުހިއްމު ފިލާވަޅުތަކެއް އެންމެންނަށް ވެސް ނެގިދާނެ އެވެ. ޚާއްސަކޮށް، ތަންތަން ހިއްކައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގަން ސަރުކާރުން އަމާޒު ހިފާފައިވާ މިންވަރަށް ބަލާ އިރު، އެއީ ވަރަށް މުހިއްމު ކަމެކެވެ.