Roadha Mihaaru
މަހާ ޖައްރާފުގެ ފަޅުވެރިންނަށް ކުޅުދުއްފުށިން ފަރިވަޅު

ކުޅުދުއްފުށީ އަންހެނުން މަހާ ޖައްރާފުގެ ފަޅުވެރިންނަށް ފަރިވަޅު ދީފި

11 ނޮވެމްބަރ 2017

ހދ. ކުޅުދުއްފުށީގައި އެއާޕޯޓު އަޅަން ބިން ހިއްކަން ބަނދަރުކޮށްފައި އޮތް އެމްޓީސީސީގެ މަހާ ޖައްރާފުގެ ފަޅުވެރިންނަށް ރައްޔިތުންގެ ފަރާތުން ފަރިވަޅެއް މިއަދު ދީފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހދ. ކުޅުދުއްފުށީގައި އެއާޕޯޓު އަޅަން ބިން ހިއްކަން ބަނދަރުކޮށްފައި އޮތް އެމްޓީސީސީގެ މަހާ ޖައްރާފުގެ ފަޅުވެރިންނަށް ރައްޔިތުންގެ ފަރާތުން ފަރިވަޅެއް މިއަދު ދީފި އެވެ.

ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގައި ޕީޕީއެމުން އިސްނަގައިގެން ބޭއްވި ހަރަކާތްތަކުގައި އެ ރަށު އަންހެނުން ފަރިވަޅު ދިނީ ދިވެހި ސަގާފީ ހެދުންތަކުގައި ގޮހެވެ. އަދި ފަރިވަޅު ހިފައިގެން އެ މީހުން ދިޔައީ އެ ރަށު ބޮޑެތި މަގުތަކުންނެވެ.

ކުޅުދުއްފުށީ އަންހެނުން މަހާ ޖައްރާފަށް ފަރިވަޅު އަރުވަން ހިނގާފައި ދަނީ.

ކުޅުދުއްފުށީ އަންހެނުން މަހާ ޖައްރާފަށް ފަރިވަޅު އަރުވަން ހިނގާފައި ދަނީ.

މި ފަރިވަޅާ ގުޅިގެން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަހާ ޖައްރާފަށް ފަރިވަޅު ދިނުމަށް 500 އަންހެނުން ބައިވެރިވި ކަމަށެވެ. އަދި އެމްޑީޕީ މެމްބަރުންނަށް ސަލާމް ރައްދު ކުރެއްވި އެވެ.

ނިހާނުގެ އެހެން ޓުވީޓެއްގައި ވިދާޅުވީ އެއާޕޯޓު އެޅުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، ކުޅުދުއްފުށީ ހީވާގި ކަނބަލުން ސަލާމް ބުނި ކަމަށެވެ. އަދި އެ އަންހެނުން ތިބީ ދެވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން ހޮވަން ކަމަރު ބަނދެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިހާނު ކުރެއްވި ޓުވީޓު.

އެއާޕޯޓް އަޅަން ކުޅުދުއްފުށީ ހުޅަނގު ފަރާތު މޫދުން ހަ ހެކްޓަރު އަދި އެރަށު ކުޅިން ނުވަ ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމާފަ އެވެ. ކުޅި ހިއްކައިގެން އެއާޕޯޓް އަޅަން، ރަށުގެ ވަރަށް މަދު މީހަކު ނޫނީ، ތާއީދުކުރެ އެވެ. އެކަމަކު ތިމާވެށީގެ ހިމާޔަތުގައި އުޅޭ ޖަމިއްޔާތަކާއި އާންމު ބައެއް މީހުން ގެންދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް އާބާދީއެއް އޮންނަ ކުޅުދުއްފުށީ ކުޅި އާއި ފަޅުން ބައެއް ހިއްކަން ގެންގޮސް އޮތް މަހާ ޖައްރާފަކީ 35 މިލިއަން ޑޮލަރު ހޭދަކޮށްގެން ގެނައި މުޅިން އާ ކޮންނަ ބޯޓެކެވެ.

ކުޅި ހިއްކުމުގެ އަމަލީ މަސައްކަތް މާދަމާ ފައްޓަވާ ދެއްވާނީ ރައީސް އަބްދުﷲ ޔާމީނެވެ.

ކުޅުދުއްފުށީ އަންހެނުން މަހާ ޖައްރާފަށް ފަރިވަޅު ދެނީ.