Roadha Mihaaru
ކުޅުދުއްފުށި: ޗާޓާ ފްލައިޓްތަކަށް ތައްޔާރު

ކުޅުދުއްފުށި: ޗާޓާ ފްލައިޓްތަކަށް ތައްޔާރު، ޝެޑިއުލް ދަތުރުތައް ވަރަށް އަވަހަށް!

19 ސެޕްޓެމްބަރ 2018

ހދ. ކުޅުދުއްފުށީ ޑޮމެސްޓިކް އެއާޕޯޓަށް މާދަމާއިން ފެށިގެން ވެސް ޗާޓާ ފްލައިޓް ދަތުރުތައް ކުރެވޭނެ ކަމަށާއި އަދި ވަރަށް އަވަހަށް ޝެޑިއުލް ދަތުރުތައް ވެސް ފަށާނެ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ ހދ. ކުޅުދުއްފުށިން އަހުމަދު ސާއިލް އަލީ

ހދ. ކުޅުދުއްފުށީ ޑޮމެސްޓިކް އެއާޕޯޓަށް މާދަމާއިން ފެށިގެން ވެސް ޗާޓާ ފްލައިޓް ދަތުރުތައް ކުރެވޭނެ ކަމަށާއި އަދި ވަރަށް އަވަހަށް ޝެޑިއުލް ދަތުރުތައް ވެސް ފަށާނެ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން މިއަދު ބުނެފި އެވެ.

ކުޅުދުއްފުށީ އެއާޕޯޓުގައި ޖެއްސި ޓެސްޓް ފްލައިޓުން އެ ރަށަށް ވަޑައިގެން އެއާޕޯޓް ސަރަހައްދުގައި ގިނަ އަދަދެއްގެ ރައްޔިތުންނާ މުހާތަބު ކުރައްވައި، ސިވިލް އޭވިއޭޝަން އޮތޯރިޓީ ހިންގަވާ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ރިޔާސީ ވައުދެއް ކަމަށްވާ ކުޅުދުއްފުށީ އެއާޕޯޓުގައި ޓެސްޓް ފްލައިޓް ޖައްސައި އެއާޕޯޓް ބޭނުންކުރަން ފެށުމަކީ ބޮޑު އުފަލެއް ކަމަށެވެ.

"މި އެއާޕޯޓް ހަގީގަތަކަށް ހެއްދެވީ ރައީސް ޔާމީން. އެމަނިކުފާނު އެކަން ކުރެއްވީ އިދިކޮޅު މީހުން އެކަން ކޮށްގެން ނުވާނެ ކަމަށް ބުނެފައި ވަނިކޮށް،" އެއްވެ ތިބި ގިނަ އަދަދެއްގެ މީހުންނާ ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވި އެވެ.

kulhudhuffushi airport ah test flight jassaifi

kulhudhuffushi airport ah test flight jassaifi

The most trusted news source in the Maldives

Mihaaru

ކުޅުދުއްފުށީގައި ޓެސްޓް ފްލައިޓް ޖެއްސުން---

ރައީސް ޔާމީން ވަރަށް އަވަހަށް މި ރަށަށް ވަޑައިގެން އެއާޕޯޓް ރަސްމީކޮށް ހުޅުއްވައި ދެއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެއާޕޯޓުގައި މިއަދު ޓެސްޓް ފްލައިޓް ޖެއްސިއިރު މިހާތަނަށް ނިމިފައިވަނީ ރަންވޭގެ މަސައްކަތް އެކަންޏެވެ. ޓާމިނަލާއި ޓަވަރުގެ އިތުރުން ސެކިއުރިޓީ ޕޯސްޓް ފަދަ އިމާރާތްތައް އަދި ހަދައި ނުނިމެ އެވެ. އަދި އޮތީ ހުސް ބިމެކެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ މާދަމާއިން ފެށިގެން ޗާޓާ ފްލައިޓްތައް މި އެއާޕޯޓަށް ޖެއްސޭނެ ކަމަށެވެ. އަދި ވަރަށް އަވަހަށް ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށް ސިވިލް އޭވިއޭޝަނުން މައުލޫމާތު ދެ އެވެ. ރިޔާސީ އިންތިހާބާ ދިމާކޮށް މި މަހުގެ 22 ވަނަ ދުވަހާއި 23 ވަނަ ދުވަހު މާލެއިން ޗާޓާ ފްލައިޓްތައް މިރަށަށް އައުމަށް ވަނީ ނިންމައިފަ އެވެ.

ކުޅީގެ ބޮޑުބައެއް ހިއްކައިގެން މި ރަށުގައި އެއާޕޯޓް އެޅުމުގެ މަސައްކަތަކީ ވަރަށް ބުރަ ކަމެއް ކަމަށް ޒަމީރު ވިދާޅުވި އެވެ. އެގޮތުން މި ރަށުގައި އެއާޕޯޓެއް އޮތުން މުހިންމު ނޫން ކަމަށް ވާހަކަ ދެއްކެވި ބޭފުޅުންނާއި މަދު ރައްޔިތުންގެ ފަރާތުން ހުރަސްތައް ކުރިމަތިވި ކަމަށް ޒަމީރު ވިދާޅުވި އެވެ.

"ގޮންޖެހުންތަކާއެކު ވެސް އަޅުގަނޑުމެންނަށް މި އެއާޕޯޓްގެ މަސައްކަތް ނިންމާލެވުނީ ރައީސް ޔާމީންގެ ވަރަށް ބުރަ މަސައްކަތުން. އަދި މި ރަށު ރައްޔިތުން ދެއްވި ބޮޑު އެއްބާރުލުމަކާ އެކު،" މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

މި ރަށުގައި އެއާޕޯޓް އެޅުމަށް 30 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ބައެއް ކުންފުނިތަކުން ބުނެފައިވަނިކޮށް އެމްޓީސީސީން އެ މަސައްކަތް ކޮށްދީފައި ވަނީ 10 މިލިއަން ޑޮލަރުގެ އަގަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެއާޕޯޓަށް ޖެއްސި ޓެސްޓް ފްލައިޓުން ބަންޑާރަ ނައިބް މުހައްމަދު އަނިލް އާއި ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމުގެ އިތުރުން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވަޑައިގެންނެވި އެވެ.

އެއާޕޯޓް ސަރަހައްދުގައި ހުންނަވައި ނިހާން މިއަދު ވިދާޅުވީ ކުޅުދުއްފުށީ ރައްޔިތުން ފިޔަވާ ދެން އެންމެ އުފާވި މީހަކީ އޭނާ ކަމަށެވެ. މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވޯޓު ދޭން އެދޭނީ ފްލައިޓުގައި މި ރަށަށް ވަޑައިގަތުމަށް ފަހުގައި ކަމަށް ނިހާން ވަނީ ކުރިން ވިދާޅުވެފަ އެވެ.

ނިހާން ވިދާޅުވީ ހަގީގީ ތަރައްގީއަކީ މިއީ ކަމަށެވެ. ރައްޔިތުން ބޭނުން ވަނީ މިފަދަ ތަރައްގީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިރަށު ކުޅި ހިއްކައިގެން އެއާޕޯޓް އަޅާތީ ފާޑުކީ ފަރާތްތަކުން އެކަން ކުރީ ޕްރޮޖެކްޓް ހުއްޓުވަންކަން ފާހަގަ ކުރައްވައި އޭނާ ފާޑު ވިދާޅުވި އެވެ.