Roadha Mihaaru
ކުޅުދުއްފުށީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި

ކުޅުދުއްފުށީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި

19 ސެޕްޓެމްބަރ 2018

ރާއްޖޭން އުތުރުގެ މައި ރަށް، ހދ. ކުޅުދުއްފުށީގެ ކުޅި ހިއްކައިގެން ހެދި ޑޮމެސްޓިކް އެއާޕޯޓަށް ޓެސްޓް ފްލައިޓް ދެންމެ ޖައްސައިފި އެވެ.

އަހުމަދު ސާއިލް އަލީ ހދ. ކުޅުދުއްފުށިން އަހުމަދު ސާއިލް އަލީ

ރާއްޖޭން އުތުރުގެ މައި ރަށް، ހދ. ކުޅުދުއްފުށީގެ ކުޅި ހިއްކައިގެން ހެދި ޑޮމެސްޓިކް އެއާޕޯޓަށް ޓެސްޓް ފްލައިޓް ދެންމެ ޖައްސައިފި އެވެ.

މިއަދު މެންދުރު 2:20 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރި މޯލްޑިވިއަންގެ ޑޭޝް މަރުކާގެ ފްލައިޓް ކުޅުދުއްފުށީ އެއާޕޯޓުގައި ޖެއްސީ ހަވީރު 3:10 ގަ އެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް ބޭއްވި ޓެސްޓް ފްލައިޓުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވެސް މި ރަށަށް ވަޑައިގަތެވެ. އަދި ޗީފް އޮފް ޑިފެންސްފޯސް އަހުމަދު ޝިޔާމާއި އައިލެންޑް އޭވިއޭޝަނާއި އޭވިއޭޝަން ދާއިރާގެ އިސް ބޭފުޅުން ޓެސްޓް ފްލައިޓުގައި ކުޅުދުއްފުއްޓަށް ވަޑައިގެންނެވި އެވެ.

އާބާދީގައި 9،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓަރީ ވެފައިވާ ކުޅުދުއްފުށީ އެއާޕޯޓަކީ މި ރަށާއި އަތޮޅުގެ ގިނަ ބައެއްގެ އުންމީދަކަށް ވާއިރު، ފުރަތަމަ ފްލައިޓް ޖެއްސުމާ އެކު ހޫނު މަރުހަބާއެއް ރަށުގެ މީހުންގެ ފަރާތުން ވަނީ ކިޔައިފަ އެވެ. މަތިންދާބޯޓު ޖެއްސިތަން ބަލަން އެއްވެ ތިބި އެކި އުމުރުގެ ގިނަ އަދަދެއްގެ ބަޔަކު ތިބީ އުފަލުން ފޮޅިފަ އެވެ.

ސަރުކާރުގެ ބައެއް އިސްވެރިން މަތިންދާބޯޓުން ފައިބައި ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ ކުޅުދުއްށީ އުތުރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ނަޝީދެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް މިއަދު ޖެއްސި ޓެސްޓު ފްލައިޓްގައި ވަޑައިގެންނެވި މިނިސްޓަރު ޒަމީރަށް މަރުހަބާ ދަންނަވަނީ.---ފޮޓޯ: މިހާރު

ކުޅުދުއްފުށީ އެއާޕޯޓަށް މިއަދު ޖެއްސި ޓެސްޓު ފްލައިޓްގައި ވަޑައިގެންނެވި މިނިސްޓަރު ޒަމީރަށް މަރުހަބާ ދަންނަވަނީ.---ފޮޓޯ: މިހާރު

މި އެއާޕޯޓުގައި އަދި ނިމިފައި ވަނީ ރަންވޭ އެކަންޏެވެ. އެއީ 1،200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއަކާއި އޭޕްރަންގެ އިތުރުން ޓެކްސީ ވޭ އެވެ. ރަންވޭގައި ތާރު އަޅައި ނިމުނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ކުޅުދުއްފުށީގައި އެއާޕޯޓެއް ހެދުމަކީ 2013 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ޔާމީން ވެވަޑައިގެންނެވި ވައުދެކެވެ. އޭރު ވައުދުވެ ވަޑައިގަތީ ވެރިކަމާ ހަވާލުވެވަޑައިގަންނަވާތާ ދެ އަހަރުގެ ތެރޭގައި އެ އެއާޕޯޓު ހަދައި ދަތުރުތައް ފައްޓަވާނެ ކަމަށެވެ. ނަމަވެސް ތަފާތު ގޮންޖެހުތަކުގެ ސަބަބުން، ހަމައެކަނި ރަންވޭގެ މަސައްކަތް ނިމިފައިި ވަނީ ދައުރު ނިމެން ކައިރިވެފައި ވަނިކޮށެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ މުހިންމު ތާރީޚުތައް

* އެއާޕޯޓް ހަދައި ދެއްވާނެ ކަމަށް 2013 ވަނަ އަހަރު ރައީސް ޔާމީން ވައުދުވެވަޑައިގަތް.

* މެއި 17، 2016- ކުޅުދުއްފުއްށީ އެއާޕޯޓް އަޅަން ބިން ހިއްކާނެ ބަޔަކު ހޯދަން އިއުލާން ކުރުން.

* އޮކްޓޯބަރު 25، 2016- މިދިޔަ އަހަރު އެއާޕޯޓް ހުޅުވާނެ ކަމަށް ރައީސް ވިދާޅުވުން.

* ޖޫން 25، 2016- ކުޅި ހިއްކައިގެން ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް އީއައިއޭ ހެދުން.

* އޮކްޓޯބަރު 25، 2017- އެއާޕޯޓް އަޅާ ސަރަހައްދު ހިއްކަން މަހާޖައްރާފު ކުޅުދުއްފުއްޓަށް.

* ނޮވެމްބަރު 7، 2017- ކުޅުދުއްފުށީ ކުޅި ހިއްކުމާ ދެކޮޅަށް ޖަމިއްޔާތަކުން އަޑުއުފުލުން.

* ނޮވެމްބަރު 12، 2017- އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ރައީސް ޔާމީން ފައްޓަވައިދެއްވުން.

* ޖެނުއަރީ 4، 2018- ކުޅުދުއްފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކައި ނިންމުން.

* ސެޕްޓެމްބަރު 16، 2018- ރަންވޭގެ މަސައްކަތް ނިންމުން.

މިދިޔަ އަހަރު ރައީސް ޔާމީން ފައްޓަވައި ދެއްވި މި މަޝްރޫއު ދިގުލައިގެން ދިޔައީ އެއާޕޯޓް ހެދުމަށްޓަކައި ހުސްކުރަން ޖެހޭ 18 ގޭގެ ތެރެއިން 12 ގެއެއް ހުސް ނުކުރެވި ލަސްވެގެން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެ މައްސަލަ ހައްލުކޮށް، އޭގެ ތެރެއިން ދެ ގެ ފިޔަވާ އެހެން ގެތަކުގެ ބަދަލު ދީ ވަނީ ނިންމާފަ އެވެ.