Roadha Mihaaru
ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް އަލުން ފަށައިފި

ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް އަލުން ފަށައިފި

16 އެޕްރީލް 2019

މި ވަގުތު ހުއްޓިފައި އޮތް ހދ. ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ސަރުކާރުން އެހެން ބަޔަކާ ހަވާލުކޮށް، އަލުން މަސައްކަތް ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މި ވަގުތު ހުއްޓިފައި އޮތް ހދ. ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ސަރުކާރުން އެހެން ބަޔަކާ ހަވާލުކޮށް، އަލުން މަސައްކަތް ފަށައިފި އެވެ.

ކުޅުދުއްފުށީގެ ކުޅި ހިއްކައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަޅަން ފެށި އެއާޕޯޓުގައި މިހާތަނަށް ނިންމާފައިވަނީ ރަންވޭގެ މަސައްކަތް އެކަންޏެވެ. އަދި ރިޔާސީ އިންތިހާބުގެ އެއް ދުވަސް ކުރިން މަތިންދާބޯޓުގައި ޔާމީން އެ ރަށަށް ވަޑައިގެން އެތަން ހުޅުއްވައިދެއްވި އެވެ.

އޭގެ ފަހުން އެތަނަށް ޖެއްސީ އެންމެ ބޯޓެެކެވެ. އަދި އެއާޕޯޓުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް ގިނަ ދުވަސްވުމުން މީހުން އެތަން ބޭނުން ކުރަމުން ދިޔައީ ކަސްރަތުކުރާ ޓްރެކެއްގެ ގޮތުގަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދުު އާދިލް މިއަދު ވިދާޅުވީ ކުރިން އެ މަސައްކަތް ކުރަމުން ދިޔަ ކުންފުނިން މަސައްކަތް ލަސްވުމުގެ ސަބަބުން، އެހެން ބަޔަކާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ޓާމިނަލްގެ އަމަލީ މަސައްކަތް މި ހަފުތާ ތެރޭގައި އަލުން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލަފާކުރެވޭ ގޮތުން އެ ތަނުގެ މަސައްކަތް ނިންމައި، ހަތަރު މަސް ފަހުން އެއާޕޯޓު ބޭނުން ކުރެވޭވަރު ވާނެ އެވެ.

އާދިލް ވިދާޅުވީ ކުރީ ސަރުކާރުން އެ މަޝްރޫއު ކުރިއަށް ގެންގޮސްފައި ހުރި ގޮތުން، އަލުން އެކަން ފަށައިގަންނަން ދަތިތަކެއް ހުރި ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ، ތަނަށް ދިމާވެފައި ހުރި ދަތިތަކާއި މަޝްރޫއު ކުރިއަށް ގެންގޮސްފައިވާ ގޮތް އާ ކުންފުންޏާ އެކު ދެނެގަތުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

''މަަސައްކަތް ފަށައި ނުގަނެ ގިނަ ދުވަސްވާތީ ބައެއް މީހުންނަށް ހީވަނީ ދެން އަޅުގަނޑުމެން އެއާޕޯޓުގެ މަޝްރޫއު ކުރިއަކަށް ނުގެންދާނޭ. އެކަމަކު އެއީ ރަނގަޅު ވާހަކައެއް ނޫން. މިހާރުއްސުރެ އެ މަސައްކަތް އެ ދަނީ ކުރިއަށް،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާޕޯޓުގެ އަމަލީ މަސައްކަތް ނިމުނު ނަމަވެސް، ނިންމަން ޖެހޭ އިތުރު ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެއާޕޯޓް ރަންވޭ އަޅާފައިވަނީ އެ ސަރަހައްދުގައި ހުރި އާއްމު ގެތަކެއް ނަގައިގެން ކަމުން އެ ގެތަކަށް ބަދަލުދީ އަދި ނުނިމެ އެވެ. ސަރުކާރުން ދިން ބަދަލާ މެދު ހިތްހަމަ ނުޖެހިގެން، އޭގެ ތެރެއިން ގެއެއްގެ މީހުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. އެހެންވެ، އެއާޕޯޓު އަލުން ހުޅުވައި ހިދުމަތް ދޭން ފެށޭނީ ކޯޓުގައި އޮތް މައްސަލަ ވެސް ވަކި ގޮތަކަށް ނިންމާފައި ކަން ޓްރާންސްޕޯޓް އޮތޯރިޓީން ފާހަގަކުރި އެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް އާ ސަރުކާރުން ވެސް ކުރިއަށް ގެންދަން މި އަހަރުގެ ބަޖެޓުގައި 5.7 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.