08 ނޮވެމްބަރ 2017
ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ. ނަމަވެސް، ދައުރު ހަމަވާން ބާކީ އެއް އަހަރަށް ވީއިރު މި ދެންނެވި ވައުދު އަދި އޮތީ ނުފުއްދި އެވެ.
ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ. ނަމަވެސް، ދައުރު ހަމަވާން ބާކީ އެއް އަހަރަށް ވީއިރު މި ދެންނެވި ވައުދު އަދި އޮތީ ނުފުއްދި އެވެ.
އެއާޕޯޓް އެޅުމާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތުން އެކި ފަހަކު އެކި ޕޯރަމްތަކުގައި މައުލޫމާތު ދީފައިވެ އެވެ. ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަށް އިންވެސްޓް ކުރާނެ އަމިއްލަ ފަރާތެއް ހޯދަން މަސައްކަތްކޮށް، ބެލެވޭ ގޮތުގައި، އެކަން އޮތީ ކާމިޔާބުނުވެފަ އެވެ. ކުޅުދުއްފުއްޓާއި ށ. ފުނަދޫގައި އެއާޕޯޓް އަޅަން ބިން ހިއްކާނެ ބަޔަކު ހޯދުމަށް މާޗު 2016 ގައި އިއުލާންކުރި އެވެ. އޭގެ އަހަރެއް ފަހުން، މި އަހަރުގެ މާޗްމަހު، ކުޅުދުއްފުށި ހިމެނޭ ގޮތަށް ފަސް ރަށެއްގައި އެއާޕޯޓް އަޅަން މެލޭޝިއާ ކުންފުންޏަކާ ހަވާލުކުރިކަން އިއުލާންކުރި އެވެ. މިދިޔަ މަހު ވަނީ، އެ ކުންފުންޏާ އެކު ކުރި އެއްބަސްވުން އުވާލިކަން އިއުލާންކަށްފަ އެވެ.
މިދިޔަ އަހަރުގެ އޮކުޓޯބަރު މަހު ހދ. ހިރިމަރަދޫގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޔާމީން ވިދާޅުވީ 2017 ގައި ކުޅުދުއްފުށީ އެއާޕޯޓް ހުޅުވި ޚިދުމަތް ދެވެން ފަށާނެ ކަމަށެވެ. އޭގެ އަހަރެއް ފަހުން، މިދިޔަ މަހު، ކޫއްޑޫ އެއާޕޯޓް އަލުން ތަރައްގީކޮށް ހުޅުވި ދުވަހު، ރައީސް ޔާމީން ވިދާޅުވި ގޮތުގައި ކުޅުދުއްފުށްޓާއި އިތުރު ދެ ރަށެއްގައި އެއާޕޯޓް އެޅުމުގެ މަސައްކަތް، ދައުލަތުގެ ބަޖެޓުންނާއި ބޭރުގެ އެހީގައި، މި އަހަރު ތެރޭ ފަށާނެ އެވެ. އަދި އެމް.ޓީ.ސީ.ސީ އިން އަލަން ގެނައި ކޮންނަ ބޯޓް، މަހާ ޖައްރާފް، ރާއްޖެ އައުމާ އެކު އެންމެ ފުރަތަމަ އިއުލާންކުރީ ކުޅުދުއްފުށީގައި އެއާޕޯޓް އަޅަން ބިން ހިއްކުމުގެ ވާހަކަ އެވެ. މިއާ އެކު، ކުޅުދުއްފުށީ ކުޅި ހިއްކާ މައްސަލަ ވަނީ ބަހުސަކަށް ވެފަ އެވެ. އަދި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އެއް ބަޔަކު އަނެއް ބަޔަކަށް އަންނަނީ ބަހުގެ ހަމަލާތައް އަމާޒު ކުރަމުންނެވެ.
ހަނިމާދޫގައި އެއާޕޯޓެއް އޮއްވާ، ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅައިދޭނެ ކަމަށް ރައީސް ޔާމީން ވައުދުވީ ކޮން ބޭނުމެއްގައި ބާވަ އެވެ؟ ކުރީގެ ސަރުކާރުތަކުން ވެސް، ތަރައްގީގެ އެކި މަޝަރޫއުތަކުގައި، ކުޅުދުއްފުއްޓަށް އިސްކަން ދީފައިވެ އެވެ. ރައީސް މައުމޫންގެ ވެރިކަމުގައި، އުތުރުގައި ގާއިމްކުރި ފުރަތަމަ ރީޖަނަލް ހޮސްޕިޓަލާއި ސެކަންޑަރީ ސްކޫލް ވެސް ހެދީ ކުޅުދުއްފުށީގަ އެވެ. އަދި މާލެއިން އުތުރުގައި ގާއިމްކުރި ސަރަހައްދީ ބަނދަރު ވެސް އޮތީ އެރަށުގަ އެވެ. ނަމަވެސް އުތުރުގައި ހުޅުވި ފުރަތަމަ ރީޖަނަލް އެއާޕޯޓް ކުޅުދުއްފުށީގައި ނާޅާ ހަނިމާދޫގައި އެޅީ، ދިރާސާތަކެއްކޮށް އަދި ރަނގަޅު ވިސްނުމެއްގައި ކަމަށް ގަބޫލުކުރެވެ އެވެ.
ކުޅުދުއްފުއްޓަކީ އުތުރުގައި އޮތް އެންމެ އާބާދީ ބޮޑު ރަށެވެ. ރަށް އުފެދިފަވާ ގޮތުން، ހިއްކާނެ ފަޅެއް ނެތެވެ. ގޯތި ދޫކުރަން ވެސް މިހާރު ބާކީ އޮތީ އަލަށް ހިއްކި ސަރަހައްދުގައި އޮތް ގާތްގަނޑަކަށް 32 ހެކްޓަރުގެ ބިމެވެ. ދެން ޖެހޭނީ ކުޅި ހިމެނޭ ސަރަހައްދު ހިއްކާށެވެ. ރާއްޖޭގެ އެތެރޭ އުދުހުންތަކުގައި އާއްމުކޮށް ބޭނުންކުރާ 1200 މީޓަރު ރަންވޭއަކާ އެކު އެއާޕޯޓެއް އަޅާ ނަމަ މަދުވެގެން 22 ހެކްޓަރުގެ ބިން ބޭނުންވާނެ އެވެ. ކުޅި ސަރަހައްދު ހިއްކިޔަސް، ރަންވޭއަށް ބޭނުންވާ ދިގު މިން ލިބޭނީ މިހާރު މީހުން ދިރިއުޅޭ ސަރަހައްދުން ގިނަ އަދަދެއްގެ ގޯތިތަކެއް ވެސް ނަގައިގެންނެވެ. މީގެ އިތުރުން، އެއާޕޯޓު ވަށައިގެން ވަކި ޒޯނެއްގެ ތެރޭގައި އުސްކޮށް އިމާރާތް ކުރުން ވަކި މިންވަރެއްގައި ހިފެހެއްޓޭނެ އެވެ. މާނައަކީ، އެއާޕޯޓެއް އަޅައިފިއްޔާ، ކުޅުދުއްފުށީގެ ބިމުގެ ތިން ބައިކުޅަ އެއް ބަޔަށް އަސަރު ކުރާނެކަމެވެ.
ހަނިމާދޫ އެއާޕޯޓަކީ، އެސަރަހައްދުގެ ގިނަ ރައްތަކުގައި އުޅޭ ރައްޔިތުންނަށް ވައިގެ މަގުން ޚިދުމަތް ދިނުމަށް އެޅި އެއާޕޯޓެކެވެ. އެއާޕޯޓް 1990 ގައި ހުޅުވި ފަހުން އެ ސަރަހައްދުގައި ޓޫރިސްޓް ބައެއް ރިޒޯޓްތައް ހުޅުވި ޚިދުމަތް ލިބެމުން ވެސް އެބަ ދެ އެވެ. މިހެން މިކަން އޮއްވާ ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމުން ލިބޭނީ ކޮން އިތުރު ކުރިއެރުމެއް ހެއްޔެވެ؟ ހަނިމާދު އާއި ކުޅުދުއްފުއްޓާ ދެމެދު ހުރީ އެންމެ 13 ކިލޯމީޓަރެވެ. ސްޕީޑް ލޯންޗެއްގައި 15-20 މިނިޓުގެ ދަތުރެކެވެ.
އިގުތިސާދީ ނަޒަރަކުން ބަލާއިރު، މިއީ ބޭކާރު ޚަރަދެކޭ ބުނެވިދާނެ އެވެ. ސަބަބަކީ ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓްތައް ހިންގަނީ ގެއްލުމުގަ އެވެ. އެތަންތަނުން ލިބޭ އެއްޗަކަށް ވުރެ އެތައް ގުނަ ބޮޑު އެއްޗެއް އެތަންތަން ހިންގަން ޚަރަދުވެ އެވެ. އަދި ގިނަ ފަހަރު، ކޮންމެހެން ކުރަން ޖެހޭ މަރާމާތުތައް ވެސް އޮންނަނީ ނުކުރެވި އެވެ. މިކަން ރީޖަނަލް އެއާޕޯޓްސް އިން އެނގެން އޮންނާނެ އެވެ. ހަނިމާދުއަށް މިހާރު އެވްރެޖްކޮށް ދުވާލަކު ހަ ފުލައިޓް އޮޕަރޭޓް ކުރެ އެވެ. ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅައިފިއްޔާ، މި އަދަދު ތިނަކަށް މަދުވުން ވެސް އެކަށީގެންވެ އެވެ.
ހަނިމާދޫ އެއާޕޯޓަށް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ދަރަޖަ ދިން ކަމުގައި ވިޔަސް، އަދިވެސް އޮތީ ކުރިން ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި ހިންގި އިރު އޮތް ހާލަތުގަ އެވެ. ރަންވޭއާ އޭޕްރަންގެ ޖާގަ ބޮޑު ކުރެވިފައެއް ނެތެވެ. މިހެން ވުމުން އެތަނަށް އަދިވެސް ޖައްސަނީ ޑޭޝް 8 ނުވަތަ އޭ.ޓީ.އާރު މަރުކާގެ، ގިނަވެގެން 70 މީހުން އުފުލޭ ވަރުގެ، (ޓާބޯ ޕްރޮޕް) މަތިންދާ ބޯޓެވެ. އެއާޕޯޓްގައި 1200 މީޓަރުގެ ރަންވޭއެއް އޮވެގެން އެންމެ ކުޑަމިނުން ރީޖަނަލް ޖެޓް މަތިންދާ ބޯޓެއް ވެސް ނުޖެއްސޭނެ އެވެ.
ކުޅުދުއްފުށީގައި އެއާޕޯޓެއް ހެދުމުގެ ބަދަލުގައި އެފައިސާ އިން ހަނިމާދޫ އެއާޕޯޓްގެ ރަންވޭ 1800 ނުވަތަ 2000 މީޓަރަށް ދިގުކޮށް އޭޕްރަންގެ ޖާގަ ބޮޑުކޮށްފިއްޔާ، މުޅި ސަރަހައްދުގެ ފަތުރުވެރިކަމާއި ވިޔަފާރިއަށް އާދިރުމެއް ލިބޭނެ އެވެ. އެ ސަރަހައްދުގައި މަތީ ފަންތީގެ ރިޒޯޓްތައް ހުރި އިރު، އަމިއްލަ ޖެޓްތަކުގައި އަންނަ މުއްސަނދިންނަށް ސީދާ ހަނިމާދުއަށް ޖައްސާ އެތަނުން ފުރޭނެ ގޮތް ވުމަކީ މުހިއްމު ކަމެކެވެ. އަދި، އެއާބަސް-320 ނުވަތަ ބޯއިން-737 ފަދަ، 150-170 އަދަދަށް މީހުން އުފުލޭ، ނެރޯބޮޑީ، މީޑިއަމް ރޭންޖް މަތިންދާ ބޯޓްތަކަށް ޚިދުމަތް ދެވެން ފަށައިފިއްޔާ އެ ވެގެން ދާނީ ރާއްޖޭގެ އުތުރާއި އަވައްޓެރި ގައުމުތަކާ ގުޅާލެވޭ ދޮރަކަށެވެ.
އެންމެ ފަހުގެ ރިޔާސީ އިންތިޚާބު ދުވަސްވަރު، ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅަން ވައުދުމުގެ ފަހަތުގައި އޮތީ އިޖުތިމާއީ އަދި އިގްތިސާދީ ވިސްނުމަކަށް ވުރެ ވަގުތީ ސިޔާސީ މަންފާއެއް ހޯދުމުގެ ވިސްނުމެއް ކަމަށް ގަބޫލުކުރެވެ އެވެ. ދައުރު ހަމަވާން ބާކީ އެންމެ އަހަރެއް އޮތްއިރު، ކުރިން ވީ ވައުދު ނުފުއްދާ، ރައްޔިތުން ގާތަށް ގޮސް، އާ ދައުރަކަށް ވޯޓް ދޭށޭ ބުނުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ނަމަވެސް ސުވާލަކީ، އަރާ ކޮންމެ ރަށެއްގައި އެއާޕޯޓު އަޅަން އަދި ދާ ކޮންމެ އަތޮޅެއްގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅައިދޭން ބުނެ ވާހަކަ ދެއްކުމަކީ އެންމެ ރަނގަޅު ގޮތްތޯ އެވެ؟
ބޭރު ޓީމުގެ ބަސް: ކުޅުދުއްފުށީ ކުޅި ހިމާޔަތްކުރެވޭނެ
އެއާޕޯޓު އަޅާ ސަރަހައްދުގެ ގެތައް ހުސްކުރަން އަންގައިފި
އެއާޕޯޓް އަޅަން 12 ގެއެއް ހުސްކުރަން އެއްބަސްވެއްޖެ
ކުޅުދުއްފުށީ ކުޅިއާ ގުޅޭ ކަންބޮޑުވުންތައް ރައީސަށް
ކުޅި ސަލާމަތް ނުކުރެވުނީ ކީއްވެ؟
ކުޅުދުއްފުށީ ކުޅި އަށް ފަސް އަޅަން ފަށައިފި
ކުޅުދުއްފުށީ ކުޅި ހިއްކުމާ ދެކޮޅަށް 13 ޖަމިއްޔާއެއް
ކުޅި "ގުރުބާން" ކުރުމުން ފާޑުކިޔުންތައް ކައުންސިލަށް
ކުޅުދުއްފުށީ ކުޅި ހިއްކުން ހުއްޓުވަން ކޯޓަށް
"ތިމާވެއްޓަކީ ގެއްލުންދޭން އަމިއްލަ އެއްޗެއް ނޫން"