05 ނޮވެމްބަރ 2017
ހދ. ކުޅުދުއްފުށީގައި އެއާޕޯޓު ހެދުމަށް އެ ރަށުގެ ކުޅި ހިއްކަނީ ކުރު ރާސްތާއެއްގެ ތަރައްގީ އަށް ކުޅުދުއްފުށީގެ ކައުންސިލުން ކުޅި "ގުރުބާން" ކުރުމުން ކަމަށް ބުނެ ބައެއް ޖަމިއްޔާތަކުން އެ ކައުންސިލަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ހދ. ކުޅުދުއްފުށީގައި އެއާޕޯޓު ހެދުމަށް އެ ރަށުގެ ކުޅި ހިއްކަނީ ކުރު ރާސްތާއެއްގެ ތަރައްގީ އަށް ކުޅުދުއްފުށީގެ ކައުންސިލުން ކުޅި "ގުރުބާން" ކުރުމުން ކަމަށް ބުނެ ބައެއް ޖަމިއްޔާތަކުން އެ ކައުންސިލަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ތިމާވެއްޓާއި ދިރުންތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ހަތް ޖަމިއްޔާއަކުން ގުޅިގެން ކުޅުދުއްފުށީ ކައުންސިލަށް ފޮނުވި "ހުޅުވާލާފައިވާ ސިޓީ" އެއްގައި ބުނީ ކުޅި އާއި އެ ރަށުގެ ރައްޔިތުން ގުޅިފައިވާ މިންވަރު ކައުންސިލަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އެކަމަކު ކުުޅި ހިއްކުމަށް ކައުންސިލުން ތާއީދުކޮށް، "ކުރު ރާސްތާގެ ތަރައްގީއެއްގެ އެދުމުގައި ކުޅި ގުރުބާން ކުރުމުން" އެކަމާ ހިތާމަ ކުރާ ކަމަށް ސިޓީގައި ބުނެފައި ވެ އެވެ.
އީކޯކެއާ، ބްލޫޕީސް، އުތެމަ، ބީލީފް، އެމްޑީއެން، ފްރެންސްއެއިޑް އަދި ވޮއިސް އޮފް ވިމެން އިން ފޮނުވި ސިޓީގައި ބުނީ ކުޅުދުއްފުށީގެ މިހާރާއި މުސްތަގްބަލުގެ ސަލާމަތާއި ރައްކާތެރިކަން، ކުޅީގެ ގުދުރަތީގެ ވެއްޓާ ކަނޑާނުލެވޭނެ މިންވަރަށް ގުޅިފައިވާކަން ރަށުގެ ކައުންސިލަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އަދި ކުޅީގެ ގުދުރަތީ، އިގްތިސޯދީ އަދި އިޖްތިމާއީ މުހިއްމުކަން އެހެން ބަަޔަކު ބަޔާންކޮށް ދޭން ނުޖެހޭނެ ކަމަށް ވެސް ބުނެފައި ވެ އެވެ.
އެކަމަކު ރަށުގެ ސަލާމަތާއި ރައްކާތެރިކަން އަދި ތަރައްގީ އާއި ކުރިމަގު ފަރުމާ ކުރުމަށް، ރައްޔިތުން ވޯޓު ދީގެން ހޮވާފައި ތިބި ބަޔަކު އެގޮތަށް އަމަލު ކުރުމުން ޖަމިއްޔާތަކުން ވަރަށް ބޮޑަށް ފާޑުކިޔާފައި ވެ އެވެ.
އެ ސިޓީގައި ޖަމިއްޔާތަކުން ވަނީ ކުޅުދުއްފުއްޓަށް ކުޅި މުހިއްމުު ވާ ވަރު ފާހަގަކޮށްފަ އެވެ.
ކުޅި ހިއްކުމާ ގުޅޭގޮތުން ހަދާފައިވާ އެންވަޔަރުމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ)ގެ ރިޕޯޓުގައި ވެސް ބުނެފައިވާ ގޮތުގައި އެތަން ހިއްކައިފި ނަމަ ކުޅި ހިމެނޭ ގުދުރަތީ ނާޒުކު ތިމާވެށީގެ ބޮޑު ބައެއް ފަނާވެދާނެ އެވެ. އެގޮތުން ކުޅީގައި ހުރި ތަފާތު ބާވަތްތަކުގެ ގަސްތައް ނެތިގޮސް، އަހަރުގެ އެކި ދުވަސް މަތިން އެތަނަށް ހިޖުރަ ކުރާ ދޫނި އައުން ހުއްޓުން ހިމެނެ އެވެ.
އަދި ކުޅުދުއްފުއްޓަށް ވެހޭ ފެން ޖަމާވަނީ ކުޅިއަށް ކަމުން އެތަން ހިއްކުމުން އެ ރަށުގައި ފެންބޮޑުވުމުގެ ނުރައްކާ އެބައޮތް ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ކުޅުދުއްފުށީ ކުޅީގައި މީހަކު މަސް ހިފަނީ
ޖަމިއްޔާތަކުން ފޮނުވި ސިޓީގައި ބުނީ އެމްޓީސީސީން ކުޅި ހިއްކަން ފެށީ ގާނޫނާއި ގަވައިދުތަކުގެ ބޭރުން ކަމަށާއި އެގޮތުން އެ މަސައްކަތް ފެށީ އީއައިއޭ ރިޕޯޓުގައިވާ ގޮތާ ޚިލާފަށް ކަމަށެވެ. އީއައިއޭ ރިޕޯޓުގައި ވާ ގޮތުން މަސައްކަތް ފަށަން ޖެހޭނީ އެކަމާ ގުޅޭގޮތުން އާއްމުންގެ ޚިޔާލު ހޯދުމަށް ފަހުގައި ކަމަށާއި އެކަމަކު އެ ފުރުސަތު ނުދީ މަސައްކަތް ފަށާފައިވާ ކަމަށް ސިޓީގައި ބުނެފައި ވެ އެވެ.
"ރަށުގެ ރައްޔިތުންނަށް އޭގެ މަންފާ ފައިސާއިން އަގު ނުކުރެވޭނެ ވަރުގެ މުހިއްމު ކުޅުދުއްފުށި ކުޅި ގުރުބާން ކުރުން ވަގުތުން ހުއްޓާލުމަށް ގޮވާލަމެވެ." ޖަމިއްޔާތަކުން ބުންޏެވެ.
ފާޑުކިޔުންތައް ހުރި ނަމަވެސް ކުޅި ހިއްކުމުގެ ތައްޔާރީތައް މިހާރު ވަނީ ފަށައިފަ އެވެ. ކުޅުދުއްފުށީގެ ހުޅަނގު ފަރާތު މޫދުން ހަ ހެކްޓަރު އަދި އެރަށު ކުޅިން ނުވަ ހެކްޓަރު ހިއްކަން ނިންމާފައިވާއިރު އެ މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއް ޖަމާކޮށް، އެމްޓީސީސީގެ އާ ކޮންނަ ބޯޓު މަހާ ޖައްރާފު ވެސް މިހާރު ވަނީ ބަނދަރުކޮށްފަ އެވެ.
ކުޅި ހިއްކުން ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ގަ އެވެ.
އެއާޕޯޓް އަޅަން 12 ގެއެއް ހުސްކުރަން އެއްބަސްވެއްޖެ
ކުޅުދުއްފުށީ ކުޅި ހިއްކުމާ ދެކޮޅަށް 13 ޖަމިއްޔާއެއް
ކުޅުދުއްފުށީ ކުޅި އަންނަ ހަފުތާގައި ހިއްކަން ފަށަނީ
ކުޅުދުއްފުށީ ކުޅީގެ ބައެއް ދިރުންތައް އެހެން ތަނަކަށް!
ކުޅި ހިއްކައިފިނަމަ ފެންބޮޑުވުމުގެ ނުރައްކާ ބޮޑު:ރިޕޯޓު
ކުޅި ހިއްކައިގެން އެއާޕޯޓު ހަދާތީ ކަންބޮޑުވެއްޖެ
ބޭރު ޓީމުގެ ބަސް: ކުޅުދުއްފުށީ ކުޅި ހިމާޔަތްކުރެވޭނެ
އެއާޕޯޓް އަޅަން 16 ގެއަކަށް ބަދަލުދީ ނިންމައިފި
އެއާޕޯޓު އަޅާ ސަރަހައްދުގެ ގެތައް ހުސްކުރަން އަންގައިފި
18 ގެއެއްގެ ބަދަލުގެ މައްސަލަ: އެއާޕޯޓަށް ހުރަހެއް!