24 އޮކްޓޯބަރ 2017
ހދ. ކުޅުދުއްފުށީގެ ކުޅި ހިއްކައިގެން އެ ރަށުގައި އެއާޕޯޓެއް އެޅުމަށް ސަރުކާރުން ތައްޔާރުވަމުން އައި ނަމަވެސް ކުޅި ހިއްކައިފި ނަމަ، ވާރޭ ވެހިގެން އެ ރަށުގައި ފެންބޮޑުވުމުގެ ނުރައްކާ އެބައޮތް ކަމަށް، އެއާޕޯޓު ހަދަން ފެނޭތޯ ބެލުމަށް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހެދި އީއައިއޭ ރިޕޯޓުގައި ބުނެފި އެވެ.
ހދ. ކުޅުދުއްފުށީގެ ކުޅި ހިއްކައިގެން އެ ރަށުގައި އެއާޕޯޓެއް އެޅުމަށް ސަރުކާރުން ތައްޔާރުވަމުން އައި ނަމަވެސް ކުޅި ހިއްކައިފި ނަމަ، ވާރޭ ވެހިގެން އެ ރަށުގައި ފެންބޮޑުވުމުގެ ނުރައްކާ އެބައޮތް ކަމަށް، އެއާޕޯޓު ހަދަން ފެނޭތޯ ބެލުމަށް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހެދި އީއައިއޭ ރިޕޯޓުގައި ބުނެފި އެވެ.
ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓު ހެދުމަށް އެރަށުގެ ބައެއް މީހުންނާއި ބައެއް އާންމުން ދެކޮޅުހެދި ނަމަވެސް، މި އަހަރުގެ ތެރޭގައި އެ މަޝްރޫއު ފަށާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ.
ކުޅި ހިއްކައިގެން އެއާޕޯޓު އެޅުމުން ތިމާވެއްޓަށް ލިބޭ ގެއްލުމުގެ އަސަރު ދެނެގަތުމަށް އީޕީއޭން ހެދި އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ)ގެ ރިޕޯޓު މީގެ ދެ ދުވަސް ކުރިން އާއްމު ކޮށްފައިވާ އިރު އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ނޭދެވޭ އަސަރު ކުރާނެ ކަމަށް ބެލެވެ އެވެ.
އެގޮތުން އެންމެ ބޮޑަށް ފާހަގަ ކޮށްފައިވަނީ އެ ރަށުގައި އޮންނަ ބޮޑު ކުޅި ހިއްކާލުމުން، ކުޅި ހިމެނޭ ގުދުރަތީ ނާޒުކު ތިމާވެށީގެ ބޮޑު ބައެއް ފަނާވުމެވެ. ތިރީގައި މިވަނީ އީއައިއޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް މައްސަލަތަކެވެ.
ކުޅުދުއްފުއްޓަކީ މިހާރު ވެސް ބޯކޮށް ވާރޭ ވެހިއްޖެ ނަމަ ފެންބޮޑުވާ ރަށެކެވެ. އަދި ހާއްސަކޮށް، ރަށުގެ ހުޅަނގު ފަރާތް ހިއްކާފައިވާ އިރު އެ ސަރަހައްދު އުސްވުމުން ރަށަށް ވެހޭ ގިނަ ފެން ޖަމާވަނީ ކުޅިއަށެވެ. ރަށަށް ވެހޭފެން ހިންދުމުގައި މިހާތަނަށް އެންމެ ބޮޑު ރޯލެއް ކުޅެފައިވަނީ ކުޅިކަން ފާހަގަކޮށް އެ ރިޕޯޓުގައި ބުނެފައިވަނީ އެއާޕޯޓުގެ ރަންވޭ އެޅުމަށް ކުޅި ހިއްކައިފިނަމަ ކުޅުދުއްފުށީގައި ފެންބޮޑުވުމުގެ ނުރައްކާ ބޮޑު ކަމަށެވެ.
"ބޯކޮށް ވާރޭވެހޭ އިރު ރަށުގެ އުތުރު އަދި އިރުމަތީ ފަރާތުގައި ފެންބޮޑުވުމަކީ އާއްމު ކަމެކެވެ. އެކަމަކު އުތުރު ފަރާތުގައި އޮންނަ ކުޅި ހިއްކައިފި ނަމަ، ގުދުރަތީ ގޮތުން ފެން ހިނދެން އޮންނަ ގޮތް ކުޑަވެ، ރަންވޭ އަޅާ ސަރަހައްދުގައި ފެންބޮޑުވުމުގެ ފުރުސަތު އެބައޮތެވެ." އީއައިއޭ ރިޕޯޓުގައި ބުނެފައި ވެ އެވެ.
ކުޅުދުއްފުށީ ހިމެނޭ ސަރަހައްދަކީ ވިއްސާރަވިލާތަކާއި ކޮޅިގަނޑުތައް ގިނަ ޒޯނެއް ކަމަށާއި އަދި މީގެ ކުރިން ވެސް ވަރުގަދަ ކޮޅިގަނޑުތައް ކުޅުދުއްފުއްޓަށް ޖެހިފައިވާކަން ފާހަގަކޮށް އެ ރިޕޯޓުގައި ބުނީ ގަދަވަޔާއި ބޮޑެތި ބާނިތަކާއެކު އަންނަ ރާޅުތަކުގެ އަސަރު، އެއާޕޯޓު އަޅަން ކަނޑައަޅާފައިވާ ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.
ރިޕޯޓުގައި ބުނި ގޮތުގައި މި ފަދަ ބޮޑެތި ކޮޅިގަނޑުތަކުން މި ރަށް އެންމެ ބޮޑަށް ހިމާޔަތްކޮށްދެނީ ކުޅި އެވެ.
"އެއާޕޯޓު އަޅައި، މި ތަން އޮންނަ ގޮތަށް ބަދަލުތައް ގެނެސްފި ނަމަ ގުދުުރަތީ ގޮތުން މިހާރު އޮތް މި ހިމާޔަތް ނެތިގޮސް، ފެން ބޮޑުވުމުގެ ފުރުސަތު އެބައޮތެވެ." ރިޕޯޓުގައި ބުނެފައި ވެ އެވެ.
ކުޅުދުއްފުށީގެ ނާޒުކުކަމާ ގުޅޭ ގޮތުން އެންވަޔަރްމެންޓް މިނިސްޓްރީ އަށް، ރިޔާން ޕްރައިވެޓް ލިމިޓެޑުން 2013 ވަނަ އަހަރު ހަދާފައިވާ ދިރާސާއެއްގައި ވެސް މިކަން ވަނީ ފާހަގަކޮށްފަ އެވެ.
މި ދިރާސާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކުޅުދުއްފުށީ ހުޅަނގު ފަރާތް މީގެ ކުރިން ހިއްކުމުގެ ސަބަބުން، ގުދުރަތީ ގޮތުން އޮންނަ ފެން ހިންދާ ނިޒާމު ކުޑަވެ، ފެންބޮޑުވުމުގެ ހާދިސާތައް ވަނީ އިތުރުވެފަ އެވެ.
ކުޅުދުއްފުށީ ކުޅި: މިއީ ގުދުރަތީގޮތުން މުއްސަނދި ތަނެއް-- ފޮޓޯ: މިހާޒް
ކުޅި ހިއްކުމުގެ ސަބަބުން ކުޅުދުއްފުށިން ވަޅުފެން ލިބެން ހުރި މިންވަރު މަދުވެ، ފެންލޮނުވުމުގެ މައްސަލަ މާބޮޑަށް ކުރިމަތިވާނެކަން ވެސް އީއައިއޭ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
ކުޅުދުއްފުށީ މަށިކުޅި އަކީ ރާއްޖޭގެ އުތުރުގައި އޮންނަ މި ފަދަ އެންމެ ބޮޑު އަދި ދިރުންތައް އެންމެ ގިނަ ކުޅި އެވެ. ކުޅި ހިއްކައި، އެ ތަނުގައި އެއާޕޯޓު އެޅުން ވާނީ އެ ދިރުންތައް ނައްތާލުން ކަމަށް އީއައިއޭ ރިޕޯޓުގައި ބުނެފައި ވެ އެވެ.
ކުޅުދުއްފުށީ ކުޅީގައި ތަފާތު އަށް ބާވަތެއްގެ ޓްރޫ މެންގްރޫވް (ކަނޑޫފަލުގައި ހެދޭ ގަސް) ހުންނައިރު، މިއީ ރާއްޖޭން ވަރަށް ނުފެންނަ ބާވަތްތަކެކެވެ. އަދި އަހަރުގެ އެކި ދުވަސް މަތިން ކުޅިއަށް އެކި ވައްތަރުގެ ދޫނި ހިޖުރަ ކުރާ އިރު، އީޕީއޭން މިތަން ކަނޑައަޅާފައިވަނީ ނާޒުކު ސަރަހައްދެއްގެ ގޮތުގަ އެވެ. އެކަމަކު މި ތަނުގައި އެއާޕޯޓު އެޅުން ވާނީ މި ހުރިހާ ކަމެއްގެ ހުއްޓުން ކަމަށް ރިޕޯޓުގައި ބުންޏެވެ.
މީގެ އިތުރުން ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި ކުޅީގައި ބޮނބިފާކޮށްގެން ރޯނު ވަށައިގެން އާމްދަނީ ހޯދާ ގިނަ ބަޔަކު އެ ރަށުގައި އުޅޭއިރު، އެއާޕޯޓުގެ ސަބަބުން އެ މަސައްކަތް ހުއްޓި، އިގްތިސޯދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ރަށަށް ގެއްލުންތައް ލިބުން ހިމެނެ އެވެ.
"މި މަޝްރޫއުގެ ގޮތުންނާއި ކައިރީގައި ހަނިމާދޫ އެއާޕޯޓު އޮތުމުން، މިމަޝްރޫއުން ލިބޭނެ ފައިދާ އަށް ވުރެ ތިމާވެށީގެ ގޮތުން ލިބޭނެ ގެއްލުން ބޮޑުވާނެ ކަމަށް ބެލެވެ އެވެ. ވެއްޓަށް ލިބޭނެ ގެއްލުން އެންމެ ބޮޑަށް ކުޑަކުރެވޭނީ މި މަޝްރޫއު ހުށަހަޅާފައިވާ ގޮތަށް ކުރިއަށް ނުގެންދިއުމެވެ." އީއައިއޭގެ ރިޕޯޓުގައި ބުނެފައި ވެ އެވެ.
"އެކަމަކު މި މަޝްރޫއަކީ ގިނަ ރައްޔިތުންގެ ބޭނުމަކަށް ވެފައި، މީގެ ކުރިން ވެސް އެތައް ފަހަރަކު މަސައްކަތްކޮށް، އެކަމަކު ނާކާމިޔާބުވެފައިވާ ކަމަކަށްވާތީ މި ފަހަރު މި މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށް ބެލެވެ އެވެ." ރިޕޯޓު ހުލާސާކޮށްލަމުން އީޕީއޭން ބުނެފައި ވެ އެވެ.
މި ރިޕޯޓު އާއްމުކޮށް، އާއްމުންގެ ހިޔާލަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. އެކަމަކު މަޝްރޫއު ފެށޭނީ އާއްމުންގެ ހިޔާލަށް ފަހު 30 ދުވަސް ފަހުން ކަމަށް ވިޔަސް، މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން ވަނީ އެތަނުން އަލަށް ގެންނަ ޑްރެޖަރު (މަހާ ޖައްރާފު) އިން އެންމެ ފުރަތަމަ ހިއްކާނީ ކުޅުދުއްފުށީ އެއާޕޯޓު ސަރަހައްދު ކަމަށް ބުނެފަ އެވެ.
ކުޅުދުއްފުށީ ކުޅި އަންނަ ހަފުތާގައި ހިއްކަން ފަށަނީ
ކުޅުދުއްފުށީ ކުޅީގެ ބައެއް ދިރުންތައް އެހެން ތަނަކަށް!
ކުޅި "ގުރުބާން" ކުރުމުން ފާޑުކިޔުންތައް ކައުންސިލަށް
ކުޅި ހިއްކައިގެން އެއާޕޯޓު ހަދާތީ ކަންބޮޑުވެއްޖެ
ކުޅުދުއްފުށީ ފަރުގައި ބާޖު އޮންނަތާ 6 މަސް!
ފަރުގައި ބާޖު އޮންނަތާ ހަފުތާއެއް، ފުނެއް ނުކުރެވޭ!
އަންބަރާގެ ގެއްލުމަށް ވެރިފަރާތް ޒިންމާވާކަށް ނުޖެހޭ
އީއައިއޭ ނުހެދުމުން 28 މިލިއަނުން ޖޫރިމަނާކޮށްފި
އެންމެ ގިނައީ ގަވާއިދާ ހިލާފަށް ރުއްގަސް ކެނޑުން
ހުޅިދޫ/އަންބާރާގެ ގެއްލުމަށް ޖަވާބުދާރީވާން އަންގައިފި