Roadha Mihaaru
ސީރިއާއަށް ދާން އުޅުނުކަމަށް ބުނި މީހުން ސަލާމަތްވެއްޖެ

ސީރިއާ ހަނގުރާމައަށް ދާން އުޅުމުގެ ދައުވާލިބުނު ތިން މީހުން ސަލާމަތްވެއްޖެ

22 އޮކްޓޯބަރ 2017

ސީރިއާ ހަނގުރާމަ އަށް ދާން އުޅުނު ކަމަށް ބުނެ މިދިޔަ އަހަރު ތުރުކީން ހައްޔަރުކޮށް ރާއްޖެއަށް ގެނައި ތިން ދިވެހިންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސީރިއާ ހަނގުރާމަ އަށް ދާން އުޅުނު ކަމަށް ބުނެ މިދިޔަ އަހަރު ތުރުކީން ހައްޔަރުކޮށް ރާއްޖެއަށް ގެނައި ތިން ދިވެހިންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ސީރިއާގައި ކުރާ ހަނގުރާމާގައި ބައިވެރިވުމަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ތުރުކީއަށް ގޮސް، ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ހުރަސް ކުރަން އުޅުނު ކަމަށް ބުނެ ދައުލަތުން ދައުވާކުރީ ލ. މާމެންދޫ މުރިނގު، އަހުމަދު ލަތީފާއި ގދ. ގައްދޫ ރަތަފަންދޫ ނީލްވިލާ، އަހުމަދު ސުހައިލް މޫސާ އަދި ތ. ގާދިއްފުށީ ސީނަރީގޭ، މުނައްވަރު އަބްދުﷲގެ މައްޗަށެވެ. މިއީ ބޭރު ހަނގުރާމައެއްގައި ބައިވެރިވާން އުޅުނު ކަމަށް ބުނެ ދައުވާ އުފުލި ފުރަތަމަ މީހުންނެވެ.

އެ މީހުންގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ އެ މީހުން ތުރުކީއަށް ގޮސްފައިވަނީ ސީރިއާ އަށް އެތެރެވެ، ހަނގުރާމާގައި ބައިވެރިވާން ކަން ސާބިތުނުވާ ކަމަށެވެ. އަދި އެ މީހުން ސީރިއާ އަށް އެތެރެވެފައި ނުވާކަން އެނގޭއިރު އެ މީހުން ތުރުކީއަށް ދިޔައީ ވިޔަފާރި ދަތުރެއްގައި ކަމަށް އަށް މީހަކު ކޯޓުގައި ހެކިބަސް ދީފައިވާ ކަމަށް ހުކުމުގައިވެ އެވެ.

މީގެ އިތުރުން ދައުލަތުން ހުށަހެޅި ހެކިންގެ ޝަރީއަތަށް ދިން ހެކިބަހާއި އެ މީހުން ތަހުގީގަށް ދިން ބަޔާނުގައި ބޮޑެތި ތަފާތުތަކެއް ހުރި ކަމަށާއި އެ މީހުން ތުރުކީގައި ހައްޔަރު ކުރެވުނު ކަމުގެ އެއްވެސް ލިޔުމެއް ވެސް ހުށަހެޅިފައި ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. އެ މީހުން އެކި ފަރާތްތަކާ ކޮށްފައިވާ މުވާސަލާތުތަކުގައި އެ މީހުން ސީރިއާ ބިމުގައި ތިބި ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކާފައި ވިޔަސް އެ މީހުން ސީރިއާ އަށް އެތެރެ ނުވާކަން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.

އެ މީހުން ކޮށްފައިވާ މުއާމަލާތްތަކުގައި "ދީނީ ގޮތުން ސަމާލުވާންޖެހޭ ފަދަ ކަސިޔާރުވެފައިވާ ހަމާސީ ވާހަކަތަކެއް" އެކުލެވިފައި ވިޔަސް އެއީ އެކަމުގެ މައްޗަށް އެކަނި ބިނާކޮށް، އެ މީހުން އެ ހަނގުރާމާގައި ބައިވެރިވާން ސީރިއާ އަށް ދިޔަކަން ސާބިތު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެ ދައުވާ ސާބިތުވި ނަމަ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ސީރިއާގައި ހިނގަމުންދާ ހަނގުރާމާގައި ބައެއް ދިވެހިން މިހާރު ވެސް ބައިވެރިވަމުންދާއިރު އެ ހަނގުރާމާގައި ބައިވެރިވާން އުޅުނު ކަމަށް ބުނެ އިތުރު ބައެއްގެ މައްޗަށް ވެސް ދައުވާ އުފުލައި، ޝަރީއަތް ދަނީ ހިނގަމުންނެވެ. މީގެ އިތުރުން މީގެ އަހަރުތަކެއް ކުރިން ޕާކިސްތާނުގައި ހަނގުރާމަ ކުރުމަށް ފަހު ރާއްޖެ އައި މީހެއްގެ މައްޗަށް ވެސް އަންނަނީ ޝަރީއަތް ހިިންގަމުންނެވެ.