Roadha Mihaaru
އެޗްޓީއެސްއަކީ ޓެރަރިސްޓުންކަމަށް ރާއްޖެއިން ބަލާނެ

ސީރިއާގައި ވެރިކަން ކުރާ އެޗްޓީއެސްއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ރާއްޖެއިން ނިންމި ނިންމުން ދަމަހައްޓައިފި

31 ޑިސެމްބަރ 2024

ސީރިއާގެ ވެރިކަމާ ދާދި ފަހުން ހަވާލުވެފައިވާ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ރާއްޖެ އިން ކަނޑައަޅާފައި އޮތް އޮތުމާއި ސީރިއާ އަށް ދިވެހިން ދަތުރުކުރުން މަނާކޮށްފައި އޮތްއޮތުން ރާއްޖެ އިން އަނެއްކާވެސް މިއަދު ދަމަހައްޓައިފި އެވެ.

ސީރިއާގެ ވެރިކަމާ ދާދި ފަހުން ހަވާލުވެފައިވާ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ރާއްޖެ އިން ކަނޑައަޅާފައި އޮތް އޮތުމާއި ސީރިއާ އަށް ދިވެހިން ދަތުރުކުރުން މަނާކޮށްފައި އޮތްއޮތުން ރާއްޖެ އިން އަނެއްކާވެސް މިއަދު ދަމަހައްޓައިފި އެވެ.

ސީރިއާގައި 24 އަހަރު ވަންދެން ވެރިކަން ކުރެއްވި ބައްޝާރު އަލް އަސަދުގެ ވެރިކަމާ ދެކޮޅަށް ހަނގުރާމަވެރިން ނިކުތުމާ އެކު، އޭނާ އިސްތިއުފާ ދެއްވައި ގައުމުން ބޭރަށް ވަޑައިގަތުމުން ސީރިއާގެ ވެރިކަމާ ވަގުތީ ގޮތުން ހަވާލުވެފައިވަނީ އެޗްޓީއެސް ޖަމާއަތުންނެވެ.

އެޗްޓީއެސް ޖަމާއަތަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ރާއްޖެ އިން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި 2019 ވަނަ އަހަރުން ފެށިގެން ކަނޑައަޅާފައި އޮންނަ ޖަމާއަތެވެ. އަދި ސީރިއާއަކީ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި، އެ ގައުމަށް ދިވެހިން ދަތުރުކުރުން ވެސް އޮންނަނީ މަނާކޮށްފަ އެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓާއި ހަނގުރާމަވެރި ސަރަހައްދުތައް ކޮންމެ އަހަރަކު އެއްފަހަރު ކަނޑައަޅަން ޖެހޭތީ، ރައީސް އޮފީހުން މިއަދު ނެރުނު ލިސްޓުގައި، ކުރިން ކަނޑައަޅާފައިވާ ލިސްޓަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އެހެންވެ، އެޗްޓީއެސް ޖަމާއަތް ހިމެނޭހެން 20 ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތްތަކެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. ސީރިއާއަކީ އަދިވެސް ދިވެހިން ދަތުރުކުރުން މަނާ، ހަނގުރާމަވެރި ސަރަހައްދެއް ކަމަށް ވަނީ ނިންމައިފަ އެވެ.

ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތައް ކަނޑައަޅާނީ ރާއްޖޭގެ ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ ލަފާގެ މަތިން ރައީސެވެ. އަދި ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދު ކުރުމާއި އެ ޖަމާއަތުގެ މެމްބަރުކަން ކުރުމާއި އެހީވުމަކީ ބޮޑު އަދަބު ލިބޭ ކުށެކެވެ.