Roadha Mihaaru
ހަނގުރާމަ އަށް ދާންއުޅުނު މައްސަލައެއް އަލުން ބަލަނީ

ހަނގުރާމަ އަށް ދާން އުޅުނު ކަމަށް ބުނާ މައްސަލައެއް އަލުން ބަލަން ހައި ކޯޓުން އަންގައިފި

10 އޯގަސްޓް 2020

ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމާގައި ބައިވެރިވާން އުޅުނު ކަމަށް ބުނެ ދައުލަތުން މީހަކަށް ކުރި ދައުވާއެއް ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައި ވަނިކޮށް އެ މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމާގައި ބައިވެރިވާން އުޅުނު ކަމަށް ބުނެ ދައުލަތުން މީހަކަށް ކުރި ދައުވާއެއް ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައި ވަނިކޮށް އެ މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ރ. ކަނދޮޅުދޫ ކަށިމާގޭ އަލީ ޝަފީގުގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގެ ދައުލަތުން ދައުލަތުން ކްރިމިނަލް ކޯޓުން ދައުވާކުރީ 2016 ވަނަ އަހަރު ތުރުކީއަށް ގޮސް، ހަނގުރާމާގައި ބައިވެރިވާން ސީރިއާއަށް ދާން އުޅުނު ކަމަށް ބުނެ އެވެ. އެކަމަކު މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ވަނީ ހަނގުރާމަ އަށް ދާން އުޅުނު ކަމުގެ ހެއްކެއް ނެތް ކަމަށް ނިންމައި، އިބްތިދާއީ މަރުހަލާގައި އެ ދައުވާ ބޭރުކޮށްލައިފަ އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޖިނާއީ އިޖުރާއާތުގެ ގާނޫނު އޮތްގޮތުން މައްސަލަ ކުރިއަށް ގެންދިއުމާ މެދު އިބްތިދާއީ މަރުހަލާގައި ގޮތެއް ނިންމަން ޖެހޭނީ މަދަނީ މިންގަނޑުން ހެކިތަކަށް ބަލައިގެން ކަމަށާއި ހެކިތަކުގެ އެންމެ ފުނަށް ވަޒަންކުރަން ނުޖެހޭނެ ކަމަށެވެ. އަދި އެގޮތަށް ހެކިތަކަށް ބަލާއިރު، ދައުވާގައި ބަޔާންކުރާ ކަންކަމަކީ ނުވުމަށް ވުރެ ވުން ގާތް ކަމެއް ނަމަ އެ މައްސަލައެއް މައުޟޫއީ ގޮތުން ބަލަން ޖެހޭނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ޝަފީގާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލާއިރު، މަދަނީ މިންގަނޑުން އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އޭނާގެ ފަރާތުން އެ ހެކިތަކާ ބެހޭގޮތުން ކަންތައްތަކެއް ހުށަހަޅާފައި ވިޔަސް، އިބްތިދާއީ މަރުހަލާގައި އެ ފުރުސަތު ނުދެވޭނެ ކަމަށާއި އެހެންވެ، މައުޟޫއީ ގޮތުން އެ މައްސަލަ ކްރިމިނަލް ކޯޓުން ބަލަން އަންގައި، އެ މައްސަލަ ތަހުވީލުކުރީ ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.

ފަނޑިޔާރު މުހައްމަދު ނިޔާޒް ރިޔާސަތު ބެލެހެއްޓެވި އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.

ހަނގުރާމައަށް ދާން އުޅުނު ކަމަށް މީގެކުރިން އެހެން ބައެއް މީހުންގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރި އެވެ. އެކަމަކު މިހާތަނަށް އެފަދަ އެއްވެސް މައްސަލައެއް ކޯޓުގައި ސާބިތެއް ނުވެ އެވެ.

ޓެރަރިޒަމްގެ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގެ ދަށުން ސީރިއާއަކީ ހަނގުރާމަވެރި ސަރަހައްދެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައަޅުއްވާފައިވާތީ ސަރުކާރުގެ ހުއްދަ ނެތި ސީރިއާއަށް ދަތުރުކުރާ ކޮންމެ މީހަކު ވެސް އެ ގާނޫނުގެ ދަށުން މިހާރު ކުށްވެރިވާނެ އެވެ.