Roadha Mihaaru
އެންމެ ފަހުގެ އައިފޯނު ދިރާގުން ހުކުރު ދުވަހު ވިއްކަނީ

އެންމެ ފަހުގެ އައިފޯނު ދިރާގުން ހުކުރު ދުވަހު ވިއްކަން ފަށަނީ

18 އޮކްޓޯބަރ 2017

މިދިޔަ މަހުގެ 12 ވަނަ ދުވަހު ތައާރަފްކުރި އައިފޯނު 8 އާއި 8 ޕްލަސް އަންނަ ހުކުރު ދުވަހު ވިއްކަން ފަށާ ގޮތަށް ދިރާގުން ހަމަޖައްސައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މިދިޔަ މަހުގެ 12 ވަނަ ދުވަހު ތައާރަފްކުރި އައިފޯނު 8 އާއި 8 ޕްލަސް އަންނަ ހުކުރު ދުވަހު ވިއްކަން ފަށާ ގޮތަށް ދިރާގުން ހަމަޖައްސައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން މިއަދު ބުނީ އެންމެ ފަހުގެ އައިފޯނު ގަތުމަށް ޕްރި އޯޑާ ހެދި ފަރާތްތަކަށް ހުކުރު ދުވަހު ފޯނު ދޫކުރަން ފަށާނެ ކަމަށެވެ. އަދި އެ ފޯނު ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް މިރޭ 12:00ގެ ނިޔަލަށް ޕްރީ އޯޑާ ހެދުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނީ ޕްރީ އޯޑާ ހެދި ފަރާތްތަކަށް ހިލޭ ފަސް ޖީބީ ޑޭޓާ ހަ މަސް ދުވަސްވަންދެން ލިބޭނެ ކަމަށެވެ.

އެ ކުންފުނިން ޕްރީ އޯޑާ ހަދާ ފަރާތްތަކަށް އެއް ފަހަރާ ފައިސާ ދެއްކުމުގެ އިތުރުން އެއް އަހަރަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެގޮތުން އިންސްޓޯލްމަންޓަށް ފޯނު ގަންނަ ފަރާތްތަކުން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 2،999ރ. ދައްކަން ޖެހެ އެވެ. އެގޮތުން އިންސްޓޯލްމަންޓަށް ނަގާ ނަމަ އައިފޯނު 8 މޮޑެލްގެ 64 ޖީބީގެ ފޯނަކަށް މަހު 999ރ. އަދި އެ މޮޑެލްގެ 256 ޖީބީގެ ފޯނަކަށް މަހަކު 1،279ރ. ދައްކަން ޖެހެ އެވެ. އޭގެ އިތުރުން އިންސްޓޯލްމަންޓަށް 8 ޕްލަސް 64 ޖީބީގެ ފޯނު ގަންނަ ފަރާތްތަކުން މަހަކު 1،179ރ. އަދި އެ މޮޑެލްގެ 256 ޖީބީގެ ފޯނު ގަންނަ ފަރާތްތަކުން މަހަކު 1،449ރ. ދައްކަން ޖެހެ އެވެ.

ދިރާގުން ވަނީ އެއްފަހަރާ ފައިސާ ދައްކާ ފަރާތްތަކަށް ވެސް ފޯނު ވިއްކާނެ އަގުތަކެއް ކަނޑައަޅައިފަ އެވެ. އެގޮތުން އެއްފަހަރާ ފައިސާ ދައްކާ ނަމަ އައިފޯނު 8 މޮޑެލްގެ 64 ޖީބީގެ ފޯނެއް ވިއްކަނީ 14،899ރ. އަށެވެ. އަދި އެ މޮޑެލްގެ 256 ޖީބީގެ ފޯނެއް ވިއްކަނީ 18،199ރ. އަށެވެ. އޭގެ އިތުރުން 8ޕްލަސްގެ 64 ޖީބީގެ ފޯނެއް ވިއްކަނީ 16،999ރ. އަށެވެ. އަދި އެ މޮޑެލްގެ 256 ޖީބީގެ ފޯނެއް ވިއްކަނީ 19،999ރ. އަށެވެ.

މިދިޔަ މަހު އައިފޯން 8 އަދި 8 ޕްލަސް ބާޒާރަށް ނެރެފައި ވާއިރު ބައްޓަމުގައި ތަފާތެއް ނެތެވެ. އެކަމަކު އައިފޯން 8 ގެ ފުރަގަހުގައި ލާފައި ވަނީ ބިއްލޫރި އެވެ. އަދި ވަޔަލެސް ޗާޖިން ވެސް ހިމަނާފައިވެ އެވެ. އޭގެ އިތުރުން އައިފޯނުގެ ކެމެރާގެ ފެންވަރު ވަނީ ކުރިއަށް ވުރެ ވަރުގަދަކޮށްފައި އެވެ. މިއީ އެންމެ ބޮޑަށް ފާހަގަވާ ބަދަލު ކަމަށް ވާއިރު އައިފޯން 7 ގެ އަގު އެމެރިކާގައި ފެށެނީ 549 ޑޮލަރުންނެވެ. އައިފޯން 8 ގެ އަގު ފެށެނީ 699 ޑޮލަރުންނެވެ.

އަލަށް ނެރުނު އައިފޯން 8 ތިން ކުލައަކުން ލިބެން ހުރެ އެވެ. އަދި އެ ފޯނުގެ ސްޕީޑް އަވަސްވެފައި ސްޕީކަރުގެ އަޑު އައިފޯން 7 އަށް ވުރެ 20 ޕަސެންޓް ގަދަ އެވެ.

އައިފޯނު އެކްސް ނުވަތަ 10 ވެސް ބާޒާރަށް ނެރެން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެ ފޯނު ބާޒާރަށް ނެރޭނީ ނޮވެމްބަރު މަހު އެވެ. މި ފޯނުގެ އަގު ފެށެނީ 999 ޑޮލަރުންނެވެ. މިއީ އެޕަލްގެ އެންމެ އަގު ބޮޑު ފޯނެވެ.