Roadha Mihaaru
ނަޕޯލީ އަތުން ހޯދި މޮޅާ އެކު ގާޑިއޯލާ ފަހުރުވެރިވެފައި

ނަޕޯލީ އަތުން ހޯދި މޮޅާ އެކު ގާޑިއޯލާ ފަހުރުވެރިވެފައި

18 އޮކްޓޯބަރ 2017

މެންޗެސްޓާ (އޮކްޓޯބަރު 18) – މިހާތަނަށް އޭނާ ކުރިމަތިލި އެންމެ ވަރުގަދަ އެއް ޓީމަކީ ނަޕޯލީ ކަމަށާއި އެ ޓީމު އަތުން ރޭ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ 2-1 އިން މޮޅުވި މެޗުގައި ދެއްކީ ވަރަށް ފުރިހަމަ ކުޅުމެއް ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެންޗެސްޓާ (އޮކްޓޯބަރު 18) – މިހާތަނަށް އޭނާ ކުރިމަތިލި އެންމެ ވަރުގަދަ އެއް ޓީމަކީ ނަޕޯލީ ކަމަށާއި އެ ޓީމު އަތުން ރޭ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ 2-1 އިން މޮޅުވި މެޗުގައި ދެއްކީ ވަރަށް ފުރިހަމަ ކުޅުމެއް ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މި ވަގުތު ޔޫރަޕުގައި އެންމެ ވަރުގަދަ އެޓޭކިން ފުޓްބޯޅައެއް ކުޅެމުން އަންނަ ދެ ޓީމުގެ މެދުގައި ރޭ މެންޗެސްޓާގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅުނު މެޗުގައި ރީތީ ކުޅުމެއް ފެނިގެން ދިޔަ އެވެ. އެގޮތުން ދެ ޓީމުން ވެސް ދިޔައީ ފުރަތަމަ ކަށިގަނޑުން ފެށިގެން ފަހު މިނެޓާ ހަމައަށް ހައި ޕްރެސިން އެޓޭކްކުރަމުންނެވެ.

އެކަމަކު މެންޗެސްޓާ ސިޓީން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. ފުރަތަމަ ލަނޑު ނުވަ ވަނަ މިނެޓުގައި ރަހީމް ސްޓާލިން ޖެހިއިރު ދެ ވަނަ ލަނޑު 13 ވަނަ މިނެޓުގައި ޖެހީ ކެވިން ޑިބްރޭނާ ދިން ބޯޅައަކުން ގެބްރިއަލް ޖީސަސް އެވެ. ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ނަޕޯލީ އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ޑްރިއެސް މާޓިންސްގެ ޕެނަލްޓީ ސިޓީގެ ގޯލްކީޕަރު އެޑެސަން މަތަކުރި އެވެ. އެކަމަކު 73 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަމަދޫ ޑިއަވާރާ ކާމިޔާބުކޮށް ތަފާތު ކުޑަކޮށްދިނެވެ. މެޗުގެ ފަހުކޮޅު ލީޑު ފުޅާކުރަން ސިޓީ އަށް އަދި ނަތީޖާ ހަމަހަމަކުރަން ނަޕޯލީ އަށް ވެސް ފުރުސަތު ލިބި ބޭކާރުވި އެވެ.

ރޭގެ މެޗުން ބަލިވުމަކީ، ފުރަތަމަ މެޗުން ޝަކްތާ ޑޮނެސްޓްކް އަތުން ބަލިވެފައިވާ ނަޕޯލީ އަށް ކުރިމަތިވި ބޮލުގެ ރިހުމެކެވެ. އެ ޓީމު އޮތީ ތިން ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ރޭ ފެޔަނޫޑް އަތުން 2-1 އިން މޮޅުވެ ޝަކްތާ ހަ ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު އެއް ވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތީ ސިޓީ އެވެ. ފެޔަނޫޑަށް ޕޮއިންޓެއް ނުލިބެ އެވެ.

"މިއަދު އަހަރެމެން މި މޮޅުވީ އާދަޔާހިލާފު ޓީމެއްގެ އަތުން. އަދި އެކަން ހާސިލްކުރުމަށް އާދަޔާހިލާފު ކުޅުމެއް ދައްކަން ޖެހޭ. އަހަރެމެން ވަރަށް މަތީ ފެންވަރެއްގައި ނުކުޅުނު ނަމަ މި މެޗުން އަހަރެމެން މޮޅެއް ނުވީސް،" ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ނަޕޯލީ އަކީ އޭނާ މިހާތަނަށް ވާދަކުރި އެންމެ ވަރުގަދަ އެއް ޓީމު ކަމަށާއި މި މޮޅާ މެދު އޭނާ އެހާ ބޮޑަށް ފަހުރުވެރިވަނީ އެހެންވެ ކަމަށެވެ.

"ވަރަށް ފުރިހަމަ. ރަނގަޅަށް ނުކުޅެ ނަޕޯލީ ބަލިކުރުމަކީ ކުރެވޭނެ ކަމެއް ނޫން. އަދި އަހަރެމެން އެކަންކޮށްފިން. އެހެންވެ އަހަރެން އެހާ ބޮޑަށް އުފާވަނީ. މެޗުގެ ކުރިން ވެސް އަހަންނަށް އެނގޭ، އަދި މިހާރު ވެސް އަހަންނަށް އެކަން އެނގޭ. އެ ޓީމަކީ މި ވަގުތު ޔޫރަޕުގައި އޮތް އެންމެ ވަރުގަދަ އެއް ޓީމުކަން އަހަންނަށް ވަރަށް ޔަގީން،" ގާޑިއޯލާ ބުންޏެވެ.