17 އޮކްޓޯބަރ 2017
ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޖަގަހައެއް ސްރީ ލަންކާގައި ރޭ ހުޅުވައިފި އެވެ.
ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޖަގަހައެއް ސްރީ ލަންކާގައި ރޭ ހުޅުވައިފި އެވެ.
އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ފުޅާކޮށްފައިވާ ލަންކާގައި ޕީޕީއެމްގެ ޖަގަހަ ހުޅުއްވައި ދެއްވީ އެ ޕާޓީގެ ނައިބު ލީޑަރު، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފެވެ.
އެ ރަސްމިއްޔާތުގައި، ލަންކާ އަށް ކަނޑައަޅާފައިވާ ދިވެހި ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޖަގަހަ ހުޅުވުމުގެ ހަފުލާގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި ރާއްޖެ އާއި ލަންކާ އަކީ ތާރީޚީ ގޮތުން ގުޅިފައި އޮތް ދެ ގައުމެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ އަތޮޅެއްގައި ދިރިއުޅޭ މިންވަރަށް ދިވެހިން ލަންކާގައި އުޅެމުން އަންނަ ކަމަށާއި ޕީޕީއެމް ހަރަކާތްތައް އިތުރުކޮށް، ސަރުކާރަށް ތާއީދު ކުރުމުގެ ކަންކަން އެ ގައުމުގައި ކުރަން ޖެހޭ ކަމަށެވެ.
ލ. އަތޮޅު ލިންކް ރޯޑާއި މާލެ އާއި ހުޅުލެއާ ދެމެދު އަޅަމުން އަންނަ ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ސަރުކާރުން ހިންގަމުން އަންނަ ބޮޑު މަޝްރޫއުން މިސާލު ނަންގަވަމުން އަބްދުއްރަހީމް ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ދެވަނަ ދައުރަކަށް ހޮވުމަށް ލަންކާގައި ދިރިއުޅޭ ދިވެހިން ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
ދިވެހިންނަކީ ކުރިއެރުމާއި ތަރައްގީ އާއި އަމާންކަން ބޭނުންވާ ބައެއް ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ގާނޫނާ ހިލާފު ކަމެއް ނުކުރާނެ ކަމަށެވެ. އަދި މި ސަރުކާރުގައި ސިޔާސީ ބޭފުޅުންނަށް އަދަބު ލިބުނީ ގާނޫނުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.
"ގާނޫނާ ޚިލާފު ކަންތައްތަކެއް [ސަރުކާރުން] ކުރަނީކީ ނޫން. މި މީހުން ބޭނުންވަނީ ހަމައެކަނި ރާއްޖޭގެ ވެރިކަން. އެ ނޫން އެއްވެސް ކަމެއް ބޭނުމެއް ނުވޭ. ވެރިކަން ބޭނުންވާއިރު، ވޭތުވެދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސް ޔާމީން ގައުމަށް ގެނެސްދެއްވާ ކުރިއެރުމާއި ތަރައްގީ ފެނުނީމަ އެބަ އެނގޭ ރައްޔިތުން ކައިރީގައި ހަގީގަތަށް ވާހަކަ ދައްކައިގެން ތިމަންނަމެންނަށް ވެރިކަމަށް އާދެވޭނެ ގޮތެއް ނެތް ކަން،" ލަންކާގައި އުޅޭ ގިނަ ދިވެހިންތަކެއް ބައިވެރިވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ.
އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބިއްޖެނަމަ، އިސްލާމް ދީނަށް ބުރޫ އަރާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި މި ވާޖިބު އަދާނުކޮށްފިނަމަ، ދިވެހިން ކަރުނަ އަޅައި ރޯން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މުންދު ވިދާޅުވީ މާލެ އާއި އައްޑޫ ފިޔަވައި، އެއް ފަސްގަނޑެއްގައި އެންމެ ގިނަ މީހުން ދިރިއުޅެނީ ލަންކާގައި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އެހެން ރަށްތަކުގައި ދިރިއުޅޭ މީހުންނެކޭ އެއްފަދަ އިން ލަންކާގައި އުޅޭ މީހުންނަކީ އެއްވެސް އަސާސީ ހިދުމަތަކުން މަހްރޫމްވާން ޖެހޭ ބައެއް ނޫން ރައީސް ޔާމީން ގަބޫލުފުޅު ކުރައްވަ އެވެ.
ޕީޕީއެމްގެ "ނަވަށް" އިދިކޮޅު މީހުން އަރުވަން ޖެހޭ
އެޗްޕީއޭ އަށް ސަރުކާރުން ނުފޫޒު އެބަ ފޯރުވާ: އިދިކޮޅު
"ހުކުމާ މެދު ބައިނަލްއަގްވާމީ މުޖުތަމައު ކަންބޮޑުވޭ"
ލުތުފީ ގެންނަން 2.7 މިލިއަން ދައްކަންޖެހޭ: ޕީޕީއެމް
"ލުތުފީ ގެންގުޅެނީ އެމްބަސީގެ ވީއައިޕީ ކޮޓަރިއެއްގައި"
ޕީޕީއެމްގެ "ސައިޒު" ދައްކާ ޖަލްސާ އަންގާރަ ދުވަހު
އިދިކޮޅުގައި ހުރީ ތަޖުރިބާ ނެތް ބޭފުޅެއް: އަދުރޭ
އިންތިޚާބު ފަސްކުރަން މަސައްކަތެއް ނުކުރޭ:އަބްދުއްރަހީމް
ރިފޯމް އުފެއްދިޔަސް ޕީޕީއެމެއް ނުލިބޭނެ: އަބްދުއްރަހީމް
އިބޫ ވައުދުވުން ހުއްޓާލައްވާ: އަބްދުއްރަހީމް