Roadha Mihaaru
ޕީޕީއެމްގެ "ސައިޒު" ދައްކާ ޖަލްސާ އަންގާރަ ދުވަހު

ޕީޕީއެމްގެ "ސައިޒު" ދައްކާ ޖަލްސާ އަންގާރަ ދުވަހަށް ފަސްކޮށްފި

16 ސެޕްޓެމްބަރ 2018

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ "ރަސްމީ ސައިޒު" ދައްކަައިލަން މާދަމާ ރޭ މާލޭގައި ބާއްވަން ނިންމި ޖަލްސާ އަށް އެކި ރަށްރަށުން މީހުން ގެނައުމަށްޓަކައި އަންގާރަ ދުވަހަށް ފަސްކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ "ރަސްމީ ސައިޒު" ދައްކަައިލަން މާދަމާ ރޭ މާލޭގައި ބާއްވަން ނިންމި ޖަލްސާ އަށް އެކި ރަށްރަށުން މީހުން ގެނައުމަށްޓަކައި އަންގާރަ ދުވަހަށް ފަސްކޮށްފި އެވެ.

މި އަހަރުގެ ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ގައުމީ ޓީމު ވެސް އެ ދުވަހު ރާއްޖެ އަންނާތީ އެއީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން މިއަދު ވަނީ ކަނޑައަޅުއްވައިފަ އެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ޕާޓީގެ ބިޔަ ޖަލްސާ ފަސްކުރީ ރަށްރަށުން ގިނަ އަދަދެއްގެ ބަޔަކު އެ ޖަލްސާ އަށް އަންނަން ބޭނުންވާއިރު ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ ކަމަށެވެ.

"ލިބެން ހުރި ހުރިހާ އުޅަނދެއް ހޯދައިގެން ވެސް މި އުޅެނީ އަތޮޅުތަކުން އަންނަން ތިބި ބޭފުޅުންގެ ޓްރާންސްޕޯޓް ހަަމަނުޖެއްސިގެން މާދަމާ އަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"ސަތޭކަ ހަތްދިހަ އަށް ރަށުގެ ބޭފުޅުން މި ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާނެ. އެ ހުރިހާ ބޭފުޅުންގެ ދަތުރުފަތުރާއި ކަންކަން އިންތިޒާމް ކުރުން ހުއްޓާ ނުލައި ދަނީ ކުރަމުން."

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ-- ފޮޓޯ: މިހާރު

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ-- ފޮޓޯ: މިހާރު

އޭނާ ވިދާޅުވިގޮތުގައި، ޖަލްސާ އަށް މީހުން ގެންނަނީ މަޖުބޫރުކޮށްގެން އަދި ފައިސާ ދީގެނެއް ވެސް ނޫނެވެ.

ބޮޑު ޖަލްސާއެއް ޕީޕީއެމުން މާލޭގައި ބާއްވަން ނިންމާފައި މިވަނީ ދާދި ފަހުން އިދިކޮޅު އިއްތިހާދުން މާލޭގައި ބޮޑު ޖަލްސާއެއް ބާއްވައިފަ ވަނިކޮށެވެ. އެޖަލްސާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވުމުން ޕީޕީއެމުން ވަނީ އެ ޕާޓީގެ އަސްލު ސައިޖް ދައްކާލާނެ ކަމަށް ބުނެފަ އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވީ، ޕީޕީއެމްގެ ޖަލްސާ އަށް ރަށްރަށުން ގެންނަ މީހުންގެ އިންތިޒާމުތައް ވަރަށް ރަނގަޅަށް ހަމަޖައްސާނެ ކަމަށެވެ. އާންމުކޮށް ޖަލްސާތަކަށް ރަށްރަށުން މީހުން ގެންނަނީ އެމްޑީޕީން ކަމަށާއި އެ ޕާޓީގެ އިންތިޒާމުތައް ވަރަށް ދަށް ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

އަންގާރަ ދުވަހަކީ ގައުމީ ޓީމް ރާއްޖެ އަންނަ ދުވަހުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި އާ ރަންވޭގައި އޭ380 ގެ މަތިންދާ ބޯޓު ޖައްސާ ދުވަހަށް ވުމާ އެކު ޖަލްސާ އަށް އަންނަ މީހުންނަށް އެ އުފަލުގައި ބައިވެރިވެ، ސިނަމާލެ ބްރިޖު ބަލައިލުމުގެ ފުރުސަތު ލިބޭނެ ކަމަށް ނިހާން ވިދާޅުވި އެވެ.